ކުޅިވަރު

ލިވަޕޫލާއި މެންސިޓީގެ ބޮޑު ކުރިމަތިލުން މިރޭ

އަހުމަދު ޔަޝާއު

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ޓޭބަލްގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ދެވަނައިގައި އޮތް ލިވަޕޫލް ބައްދަލުކުރާއިރު، ދެޓީމުވެސް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެފައެވެ. ޖުމްލަ 19 ޕޮއިންޓާއެކު ދެޓީމު ޕޮއިންޓުގެ ގޮތުން އެއްވަރުވެފައި އޮތްނަމަވެސް، ސިޓީއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ލީގުގައި މި ޓީމުގެ އިތުރުން މިހާތަނަށް އަދި ބަލިނުވެ ދެން އޮތް ޓީމަކީ ޗެލްސީއެވެ.

މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ޓޭބަލްގެ އެއްވަނަ ލިބޭއިރު، ދެޓީމަށްވެސް އަނިޔާގެ މައްލަތަކެއްވަނީ ކުރިމަތިވެފައެވެ. މެންސިޓީގެ އިލްކޭ ގުންޑޮގާން އަށް މިރޭގެ މެޗުގައި ކުޅެވުމާ މެދު ސުވާލު އުފެދިފައިވާއިރު، ފަބިއަން ޑެލްފަށް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ. ނަމަވެސް، ސިޓީގެ ތަރި ކެވިން ޑި ބްރޭނާ އާއި ޑިފެންޑަރު ބެންޖަމިން މެންޑީ ވަނީ އެންމެފަހުން ބޭއްވި ފަރިތަކުރުން ތަކުގައިވެސް ބައިވެރިވެފައެވެ. އެހެންކަމުން، މި ދެކުޅުންތެރިން މިރޭގެ މެޗުން ފެނުން ގާތެވެ.

ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ރަށުން ބޭރުގައި ނަޕޯލީ އާއި ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ނަބީ ކެއިޓާއަށް ލިބުނު އަނިޔާއިން ސަލާމަށްވެ މިރޭގެ މެޗުގައި ފެންނާނެކަމަށް ރިޕޯޓްތައް ބުނިނަމަވެސް، އެޓީމުގެ އެޑަމް ލަލާނާ އާއި އޮކްސްލޭޑް ޗެމްބަރލެއިން އަށް ލިބިފައިވާ އަނިޔާ ރަނގަޅުވާން ދުވަސްތަކެއް ނަގާނެއެވެ.

މިރޭގެ މެޗާއި ބެހޭގޮތުން ލިވަޕޫލްގެ ކޯޗު ޖާގަން ކްލޮޕް ބުނެފައިވަނީ، ސިޓީއަކީ ވަރުގަދަ ޓީމެއް ކަމަށާއި، މިރޭގެ މެޗުގައި ސިޓީގެ ކުޅުންތެރިން ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ކައިރީގައި ކުޅެ ހަމަލާ އުފެއްދިޔަ ނުދިނުމަށް މަސައްކަތްކުރާނެކަމަށާއި، އެއީ އުނދަގޫ ކަމެއްނަމަވެސް، ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އެކަން އެނގޭނެކަމަށެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވަނީ، ލިވަޕޫލަކީ އިނގެރޭސި ގަދަ ބާރެއް ކަމަށާއި، އެޓީމުން ގިނަ ޓީމުތަކެއް ބަލިކުރާނެ ކަމަށާއި، އެޓީމުގެ ކޯޗު ކްލޮޕް އަކީވެސް މޮޅު ކޯޗެއް ކަމަށާއި، އޭނާއަށް ފުރިހަމަ އިޙްތިރާމްކުރާ ކަމަށެވެ. ގާޑިއޯލާ ވަނީ 7 ފަހަރު ކްލޮޕް ކޯޗުކަން ކޮށްދިން ޓީމުތަކުގެ އަތުން ބަލިވެފައެވެ.

މިރޭގެ މެޗަށް ލިވަޕޫލް ނިކުންނައިރު އެންމެ ފަހުން ލިވަޕޫލް ދަނޑުގައި ކުޅުނު 17 މެޗުންވެސް ލިވަޕޫލް ބަލިވެފައެއް ނުވެއެވެ. 12 މެޗުން މޮޅުވިއިރު، 5 މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އެންމެ ފަހުން ލީގުގައި މެންސިޓީއަށް ލިވަޕޫލް ދަނޑުގައި އެޓީމު ބަލިކުރެވުނީ 2003 ވަނަ އަހަރުއެވެ. މިދިޔަ ސީޒަންގައި ލިވަޕޫލް ދަނުޑުގައި އެޓީމު 3-4 އިން މޮޅުވިއިރު، ސިޓީވަނީ އެމީހުންގެ ދަނޑުގައި 0-5 ގެ ބޮޑު ނަތީޖާއަކުން ލިވަޕޫލް ބަލިކޮށްފައެވެ. މެންސިޓީއާ ދެކޮޅަށް އެންމެފަހުން ކުޅުނު 3 މެޗުގައި އެޓީމުގެ މުޙައްމަދު ސަލާޙް ވަނީ 3 ގޯލް ކާމިޔާބުކޮށް 2 އެސިސްޓު ހަދާފައެވެ. ނަމަވެސް ސިޓީގެ ފޯވާޑު ސާޖިއޯ އަގުއެރޯ އަށް އެންމެފަހުން ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު ނުވަ މެޗުންވެސް ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ. މީގެއިތުރުން ލިވަޕޫލް ވަނީ ނިމިގެންދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެލެގުންވެސް ސިޓީ ބަލިކޮށްފައެވެ. މިރޭގެ މެޗުގައި ލިވަޕޫލްގެ ގޯލު ބަލަހައްޓާނީ ބްރެޒިލްގެ އެއް ނަންބަރު ކީޕަރު އެލިސަންއެވެ. އަދި ސިޓީގެ ގޯލު ބަލަހައްޓާނީ ބްރެޒިލްގެ ދެ ނަންބަރު ކީޕަރު އެޑަސަންއެވެ.

މިމެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8:30 ގައެވެ.