Close
ސިއްހަތު

ސިކުނޑި އެންމެ ހަރަކާތްތެރިވަނީ ކޮން ގަޑިއެއްގައި؟

މުހައްމަދު އައުޒަމް

ސިކުނޑީގެ ހަރަކާތްތެރިކަން އެކިގަޑީގައި ތަފާތުވާނެއެވެ. ހާއްސަކޮށް ހެނދުނުގަޑިއަކީ ސިކުނޑީގެ މަސައްކަތް އަވަސްވެ އެންމެ ފުރިހަމަކަމާ އެކީ މަސައްކަތް ކުރަމުން ދާނެ ގަޑިއެވެ. އެންމެ މުހިންމު ކަންތައް ހަނދާނުގައި ބެހެއްޓުމާއި ބޮޑެތި ވިސްނުންތައް ސިކުނޑިއަށް ނަގައިގަންނަން އެންމެ ފަސޭހަވަނީ ހެނދުނުގެ ވަގުތުތަކުގައިއެވެ.

ސިކުނޑީގެ މަސައްކަތް މާބޮޑަށް އަވަސްވިޔަސް އުފެއްދުންތެރިއެއް ނުވާނެ އެވެ. ހެނދުނު ހޭލުމަށްފަހު އެންމެ ފުރަތަމަ ހޭދަވާ ގަޑިތަކަކީ ސިކުނޑީގެ އެންމެ ހަރަކާތްތެރި ގަޑިތަކެވެ. ނަމަވެސް އެންމެ އުފެއްދުންތެރި ގަޑިއަކީ ރޭގަނޑުގެ ވަގުތުތަކެވެ. ހާއްސަކޮށް ނިދާ ގަޑިއެވެ.

ބައެއްފަހަރު ހެނދުނު ހޭލުމަށްފަހު ސިކުނޑީގެ މަސައްކަތް ލަސްވެގެން އުޅެންޖެހެއެވެ. ވިސްނަން ބޭނުންވާ ކަންކަމާމެދު ނުވިސްނެއެވެ. މިކަން ދިމާވަނީ ރޭގަނޑުގެ ވަގުތުތަކުގައި ސިކުނޑީގެ މަސައްކަތް ގިނަވުމުންނެވެ.

ނިދާފައި އޮންނައިރު މުޅި ހަށިގަނޑު އަރާމު ކުރަމުން ދެއެވެ. ނަމަވެސް ނިދާވަގުތަކީ ސިކުނޑި އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދާ ވަގުތެވެ. މާބޮޑަށް ވަރުބަލިވުމުން ވެސް ސިކުނޑި ހަމަޖައްސާލަން އަހަރުމެން ނިދާލަމެވެ. ނަމަވެސް ނިދާފައި އޮންނަ ވަގުތަކީ ސިކުނޑީގެ މަސައްކަތް އެންމެ ބުރަ ގަޑިއަށް ވުމުން ސިކުނޑިއަށް ވަރުބަލި ފިލުވާނެ ފުރުސަތެއް ނުލިބެއެވެ.

ހަތެއް ނުވަތަ އަށް ގަޑިއިރުގެ ނިދި ފުރިހަމަ ކުރެވިއްޖެނަމަ އެމީހާގެ ސިކުނޑީގެ މަސައްކަތް ޖެހިގެން އަންނަ ދުވަހަށް ތައްޔާރު ކޮށްލައެވެ. އަދި ވަރަށް އުފެއްދުންތެރި ދުވަހަކަށް އެދުވަސްވެގެން ދާނެއެވެ.