ސިނަމާލެ ބުރިޖު މަތީގައި ދުއްވަން ހުއްދަ އޮންނަނީ 25 ކިލޯ މީޓަރާއި 50 ކިލޯމީޓަރާ ދެމެދުގަ އެވެ. މާނަ އަކީ އެންމެ ބާރުވެގެން ދުއްވޭނީ 50 ކިލޯ މީޓަރަށެވެ. އަދި އެންމެ މަޑު ވެގެން ދުއްވޭނީ 25 ކިލޯ މީޓަރަށެވެ.
ސްޕީޑު ލިމިޓް ވަކި ވަރަކަށް ހަމަޖައްސާފައި އެކަން ނުކުރެވޭނެ ގޮތަށް އެހެން ކަމެއް މެދުވެރިކޮށްފައި އޮތުމަކީ ގަވައިދާ ޚިލާފުވާން މަޖުބޫރު ކުރުވާ ކަމަކަށް ނޫނީ ނުވާނެ އެވެ. ސިނަމާލެ ބުރިޖު މަތީ ދުއްވުމުގެ ސްޕީޑު މިއޮތީ އެކަހަލަ ކަމަކަށް ވެފަ އެވެ. ގަވައިދު ހަދާފައި އޮތީ އެއާ ޚިލާފު ނުވެ ވާނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނޭ ގޮތަށެވެ. ކިތަންމެ ގަވައިދުން އުޅޭން ބޭނުންވާ މީހާއަށް ވެސް އެނޫން ގޮތެއް ނެތެވެ.
ވިސްނައިލަމާ ހިންގަވާށެވެ! ސްޕީޑު ބްރޭކަރެއްގެ ބޭނުމަކީ ބާރު ސްޕީޑުގައި ދުއްވާފައިދާ ވެހިކަލް މަޑުކުރުވުމެވެ. އެއީ ސަލާމަތީ ގޮތުން ކޮށްފައި ހުންނަ ކަމެކެވެ. ވެހިކަލެއް ފުންމައިގެން ނުދާ ވަރަށް ސްޕީޑު ބްރޭކަރެއް ނަމަ މަޑު ކުރަން ޖެހޭނެ އެވެ. އެހެން ނޫން ނަމަ ވެހިކަލަށް ގެއްލުން ވާނެ އެވެ. އަދި އޭގައި ތިބޭ މީހުންނަށް ވެސް އެތިބި ގޮތަކަށް ތިބޭން އުނދަގޫ ވާނެ އެވެ. އެހެން ޒާތް ޒާތުގެ އެއްޗެހި ހުރި ނަމަ ބުރައިގެން ނޫނީ ވިއްސައިގެން ދާނެ އެވެ.
އެހެން ކަމުން ސްޕީޑް ބެރޭކަރަކަށް ވެހިކަލް މަޑު ކޮށްލާ ނަމަ، ކިރިޔާ ވެސް ފުދޭ މިންވަރަކަށް މަޑުކޮށްލާ ނަމަ، އެ ވެހިކަލެއްގެ ސްޕީޑު 10 އާއި 20 ކިލޯ މީޓަރާ ދެމެދަށް ވެއްޓޭނެ އެވެ. ގަވައިދު ހުއްދަ ކުދާ އެންމެ ދަށް ސްޕީޑު ކަމަށްވާ 25 އާ ހަމަޔަށް ސްޕީޑު ތިރިކޮށްގެނެއް ސްޕީޑު ބްރޭކަރުން ހާސިލު ކުރާން ބޭނުންވާ މަގުސަދު ހާސިލު ކުރެވޭނެ ގޮތެއް ނޯންނާނެ އެވެ.
ދެން އޮތީ ސްޕީޑާ ގުޅޭ ވާހަކައެއް ނޫނެވެ. މާލޭ ކޮޅުން ބުރިޖު ފެށުނީއްސުރެ ހުޅުމާލެ އަށް ފޯރުމާ ދެމެދު، ބުރިޖު މަތީގައި ނޫން އެއްވެސް ތަނެއްގައި ސްޕީޑު ބްރޭކަރެއް ނެތެވެ. ބުރިޖު ނިމި ހުޅުމާލެ އަށް ފޯރުމާ ދޭތެރޭ ބުރިޖުގެ ހައެއްކަ ބުރިޖުގެ ދިގު ރާސްތާ ބާކީ އެބަ އޮތެވެ. ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކުރާ ކަމެއް ނަމަ ބުރިޖަށްވީ ތަންކޮޅުގައި އެކަނި ސްޕީޑް ބްރޭކަރު ބެހެއްޓުމުގެ ބޭނުމެއް ވެސް މުޅިއަކުން ނުވިސްނެ އެވެ. ބާރަށް ދުއްވާތީ ދޭތެރެ ދޭތެރެއިން މަޑުކޮށްލުވަން ކުރާ ކަމެއް ނަމަ ބުރިޖު ނިމި ދެން އޮތްހާ ތަނުގައި ވެސް ބްރޭކަރުތައް ހުންނަން ވާނެ އެވެ.
ހައްލަކަށް އޮތީ ދެގޮތެކެވެ. އެއް ގޮތަކީ ގަވައިދާ އެއްގޮތަށް އުޅުމަށް ޓަކައި އެންމެ މަޑުން ދުއްވޭނެ ސްޕީޑެއް ނެތި އެންމެ ބާރަށް ދުއްވޭ ސްޕީޑު އެކަނި ބޭއްވުމެވެ. އެކަމަކު މިހެން ހަދައިފި ނަމަ ލޯބިވެރީން ގޮވައިގެން ނޫނީ އާއިލާ އާއި އެކުވެރީން ގޮވައިގެން ހަވީރު ފިންޏަށް ދުއްވައިލަންދާ މީހުން 15 ކިލޯ މީޓަރުގެ އަރާމު ދުވެއްޔެއްގައި އުޅޭ ނަމަ ދެން ދުއްވާ މީހުނަށް ވާނީ އުނދަގުލަކަށެވެ. އެކަމަކު ބްރޭކަރު ހުރެ، މިހާރު އޮތް ގަވައިދަށް މީހުނަށް އުޅެވޭނީ މިހެން ހަދައިގެނެވެ.
ދެން އޮތް ގޮތަކީ ސްޕީޑު ބްރޭކަރުތައް ނެގުމެވެ. ބުރިޖު ނިމި ހުޅުމާލެއާ ދެމެދު އެއޮތް ދިގު ރާސްތާ ވެސް އެ އޮތް ފަދައިން ބުރިޖު މަތިވެސް އޮތުމެވެ.
ހަމަ ގައިމުވެސް ޔަގީންވާ ކަމަކީ މިހާރު ހުރި ސްޕީޑު ބްރޭކަރުތައް ހުރެގެން، ކަނޑައަޅާފައި އޮތް ގަވައިދުގައި އެ ބުނާ ދުވެލީގައި ނުދުއްވޭނެ ކަމެވެ. އެހެން ވީމާ މި ކަމަށް ކޮންމެވެސް އެއް ގޮތެއް ވާން އެބަ ޖެހެ އެވެ.