ކޮލަމް

ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަގެ ހިޖުރަ - 7

އަބްދުﷲ ފާރޫގް ހަސަން

2

ޤުބާއަށް ވަޑައިގަތުން

ކައުސާހިބާ ސައްލަﷲ ޢަލައިހި ވަސައްލަމަ ޔަޘްރިބުގެ މިނިވަން ޖައްވާ ދިމާޔަށް އަނެއްކާވެސް ދަތުރުފުޅު ފެއްޓެވިއެވެ. އާހިތްވަރުފުޅަކާއެކުގައެވެ. ޢަޤީޤުގެ ވާދީއާ ހަމަޔަށް ވަޑައިގެންނެވުމުން ވާދީ ހުރަސްކުރައްވައި ކުރިޔަށް ވަޑައިގެން ކަޅުކުލައިގެ ހިލަތަކުގެ މައްޗަށް އަރައިވަޑައިގެންނެވިއެވެ. އެބޭކަލުންނަށް ފަރުބަދައިގެ މައްޗަށް އަރައިވަޑައިގެންނެވުނުއިރު ވަނީ ވަރަށް މައްޗަށް އިރު އަރައިފައެވެ. ކުޑަމެންދުރު ވަގުތުު ފާއިތުވެ ފުރަމެންދުރާ ކައިރިވެފައެވެ. ވަރަށް އަވިގަދަވެފައެވެ. ދިލަހޫނުކަންހުރީ ވަރަށް މައްޗަށެެވެ. އެހެން ދުވަހެއްގެ ދަތުރުފުޅެއްނަމަ އަރާމުކޮށްލެއްވުމަށްޓަކައި އަވިމަޑުވެލާންދެން އެބޭކަލުން މަޑުކޮށްލެއްވުމަކީ ދުރުކަމެއްނޫނެވެ. ނަމަވެސް އެބޭކަލުން ކަނޑައެޅުއްވީ ދަތުރުފުޅުކުރިޔަށް ގެންދެވުމަށެވެ. ފަރުބަދައިގެ އެންމެ ކުރިޔަށް އަރައިވަޑައިގެންނެވި ފަރުބަދައިގެ ތިރީން މައިދާން ފެނިވަޑައިގަންނަވާކަހަލަ ތަނަކަށް ވަޑައިގެންނެވިއްޖެއެވެ. އިތުރުސާހިބާގެ ކުރިފުޅުމަތީގައި ފެތުރިފައިއެއޮތީ އެމާތްސާހިބާ ހުވަފެންފުޅުގައި ދެކެވަޑައިގެންނެވި ބިމެވެ. އަނދައިފައިވާ ކަޅުހިލަތަކުގެ ދެބަރީގެ ދެމެދުގައިވާ ފެހިކުލައިގެ އާރޯ ބަގީޗާތަކެވެ. ކަދުރުދަނޑުތަކެވެ. ދަތުރުފުޅުގެ މަންޒިލުއެވަނީ ގާތްގަނޑަކަށް ތިންމޭލެއްހައި ދުރުގައެވެ. ޤުބާ ނުވަތަ އާލިޔާ އޮންނަނީ މައްކާއިން މަދީނާއަށް ދަތުރުކުރާމަގުކައިރީގައެވެ. އެރަށަށް ޤުބާއޭ ކިޔުނީ އެރަށުގައި ހުންނަ ފެންވަޅެއްގެ ނަމަށް ނިސްބަތްކޮށެވެ.

އެފެހިކުލައިގެ ބިމުގެ މައްކާއާ އެންމެ ކައިރިމަންޒިލަކީ ޤުބާއެވެ. އަންސާރުންގެ ބައެއް އާއިލާތައް ޤުބާގައި ވަޒަންވެރިވެވަޑައިގެން އުޅުއްވައެވެ. އޭގެތެރެއިން އެންމެ ނަންހުރި އާއިލާއަކީ ޢަމްރު ބިން ޢައުފުގެ ދަރިކޮޅެވެ. އެދަރިކޮޅުގެ އިސް ރައީސަކީ ކުލްޘޫމުބުނުލްހިދަމެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެބޭކަލުންގެ އާރުކާޓީއަށް އިރްޝާދު ދެއްވީ ސީދާ ޤުބާއަށް ދިޔުމަށެވެ. ޤުބާގައި ތިއްބަވާ އަމްރު ބިން ޢައުފުގެ ބޭކަލުންގެ ގެތަކަށް ދިޔުމަށެވެ. އެހިސާބަށް ވަޑައިނުގެންނެވެނީސް އެއްވެސް ތަނެއްގައި މަޑުނުކުރުމަށެވެ.

ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ މައްކާއިން ނިކުމެވަޑައިގެންނެވި ޚަބަރު ޔަޘްރިބަށްވެސް ވަނީ ލިބިފައެވެ. އެހެންކަމުން ޔަޘްރިބުގެ އަންސާރުންނާއި މުހާޖިރުން ތިއްބަވަނީ އުފާފުޅުން ފޮޅިވަޑައިގެންފައެވެ. ކުޑަކުދީންތައް ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމައަށް މަދަހައިގެ ޅެެންތައް ކިޔަމުން ގެންދެއެވެ. އަންސާރުންނާއި މުހާޖިރުން ކޮންމެދުވަހަކުވެސް ހެނދުނު ހެނދުނާ ރަށްބޭރަށް ނުކުމެ ވަޑައިގަންނަވައެވެ. އިތުރުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ ވަޑައިގަންނަވާތޯ މަގު ބައްލަވަން އުސްތަންތަނަށް އަރައިވަޑައިގެން ލޯފުނާ އަޅުއްވާންތިއްބަވައެވެ. ކޮންމެދުވަހަކުވެސް އެނބުރިގެއަށް ވަޑައިގަންނަވަނީ މެންދުރުގެ ގަދަ އަތްވަށް ކެތްނުކުރެއްވޭވަރުވުމުންނެވެ. އެބޭކަލުން އެނބުރި ގެއަށް ވަޑައިގަންނަވަނީ މަޢުޝޫޤުގެ ދީދާރު ދުށުމަށްޓަކައި ކެތްތެރިކަމެއްނެތި އިންތިޒާރުކުރާ ޢާޝިޤަކު މުރާދު ހާސިލު ނުވެ އެނބުރި ދާންޖެހުމުން ހިތުގައި އުފެދޭނެ މޮޅިވެރި އަސަރުތަކާއެކުގައެވެ.

އިންތިޒާރުގެ ދުވަސްތަކަކަށްފަހު ކައުސާހިބާގެ ދަތުރުފުޅާއި އަންސާރުންނާއި މުހާޖިރުންގެ އިންތިޒާރުގެ ނިމުން އައުމަށް ގުދުރަތުން ރާއްވަވައިފައިވާ ދުވަސް އަތުވެއްޖެއެވެ. ދުވަހަކީ 8 ރަބީއުލްއައްވަލު 1 ހ.(23 ސެޕްޓެމްބަރ 622) ހޯމަ، 01 ތަޝްރީ 4382 (ޔަހޫދީ ކަލަންޑަރުން) ދުވަހެވެ. ކައުސާހިބާގެ އާޝިޤުން އެދުވަހުވެސް މެންދުރުވަންދެން ނުހަނު ޝައުގުވެރިކަމާއެކު އިންތިޒާރު ކުރެއްވުމަށްފަހު މޮޅިވެރިކަމުން ފުރިފައިވާ ހިތްޕުޅުތަަކަކާއިގެން ގޭގެއަށްވަަޑައިގެންނެވި ވަގުތަކީ ކައުސާހިބާއާއި އެމާތްސާހިބާގެ ދަތުރުފުޅުގެ އެކުވެރީން ފަރުބަދަމަތީން ތިރިޔަށް ފައިބައިވަޑައިގަންނަވާން ފެއްޓެވި ވަގުތެވެ. ކައުސާޙިބާ ސައްލަﷲ އަލައިހި ވަސައްލަމަ އާއި އަބޫބަކުރު ރަޟިޔަﷲ އާ ދެބޭކަލުން ކަޅުހިލަތަކުގެ މަތީގައި ތިއްބަވާއިރު މާދުރަށް ފާޅުވެއެވެ. ތުރުކުރައްވައިގެން ތިއްބެވި ހުދުހެދުންކޮޅުގެ ސަބަބުންނެވެ. އެވަގުތު ޔަހޫދީންގެ މީހެއް ކޮންމެވެސް ބޭނުމަކު އޭނާގެ ގޭގެ ހާމަފުޅު މައްޗަށް އެރިއެވެ. ދުރުން ވަޑައިގަންނަވާ ސަވާރުން ފެނިފައި އެއީ އަންސާރުން ނުހަނު ޝައުޤުވެރިކަމާއެކު އެއިންތިޒާރު ކުރައްވާ އިއްޒަތްތެރި މެހްމާނުންކަން އޭނާއަށް ވިސްނިއްޖެއެވެ. އޭނާ ހަރުއަޑުން ގޮވާލިއެވެ.

"އޭ ގައިލަތުވަންހައިގެ މީހުންނޭވޭ! ތިޔަބައިމީހުން ތިޔަ އިންތިޒާރުކުރާ ނަސީބާއި ނަސުރު މިހިރަގެން އަަންނަނީއެވެ."

އެއަޑުއިވިވަޑައިގެންނެވުމާއެކު އަންސާރުންނާއި މުހާޖިރުންނަށް ލިބިވަޑައިގެންނެވި އުފާފުޅުން ހަށިކޮޅުތަކުގައި ހޭފުޅު ވެސް ނެތްކަހަލައެވެ. ހުރިހާ ބޭކަލުން އަވަސްވެވަޑައިގެންނެވީ ހަތިޔާރު ހިއްޕެވުމަށެވެ. ކައުސާހިބާއާ އިއްޒަތުގައި އިސްތިޤްބާލުކުރައްވައި ކުރުނީހާއެކު މަރުޙާބާ ވިދާޅުވުމަށްޓަކައެވެ. އޭރު މުޅި ޖައްވު އެއް އަޑަކަށްވެފައި އޮތީ ﷲ އަކްބަރުގެ ނަޢުރާގެ އަޑުންނެވެ. އަންސާރުންނާއި މުހާޖިރުން ވޮށްދޫނިތަކެއް ފަދައިން ކައުސާހިބާގެ އަރިހަށް ޖަމާވެވަޑައިގެންނަވާންފެއްޓެވިއެވެ. އެވަގުތު ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އަށް ވަޙީބާވައިލެއްވިއެވެ.

"ފަހެ ހަމަކަށަވަރުން ﷲއީ އެކަލޭގެފާނުގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. އަދި ޖިބުރީލުގެފާނާއި، ސާލިހު މުއުމިނުންވެސްމެއެވެ. އަދި އެއަށްފަހު މަލާއިކަތުންވެސް އެކަލޭގެފާނުގެ އެހީތެރީންކަމުގައިވެއެވެ." (އައްތަހްރީމު : 4).

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އަންސާރުންނާއި މުޙާޖިރުންނާއިގެން މިސްރާބުޖެއްސެވީ ކަނާތްފަރާތަށެވެ. އެވަޑައިގެންނެވި ގޮތަށް ވަޑައިގެން ފައިބައި ވަޑައިގެންނެވީ ޤުބާގެ ޢަމްރުބިން ޢައުފުގެ މީހުންގެ އަވަށަށެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ޤުބާއަށް ވަޑައިގެންނެވުމުން އެމާތްސާހިބާއަށް މަރުހަބާ ދަންނަވާން މުޅި ޠައިބާ އެކަށް ލުއްސައިގެންއައެވެ. މީހަކަށް މަރްހަބާ ކިޔުމުގެ އެއަށްވުރެ ބޮޑަށް ހިތުލޯތްބާއި ޖޯޝުންފުރިފައިވި މަންޒަރެއް ފަލަކުގެ ލޯތައް ދުވަހަކުވެސް ދެކެފައެއްނެތެވެ.

އަންސާރުންގެ ތެރެއިން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އަށް މަރްހަބާ ވިދާޅުވާން ވަޑައިގަންނަވާ ގިނަ ބޭކަލުންނަކަށް އެމާތްސާހިބާއާއި އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ އަންހު އާދެބޭކަލުން ވަކިކުރައްވާކަށެއް އެނގިވަޑައިގެން ނުގަންނަވައެވެ. އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ އަންހު ކައުސާހިބާއަށްވުރެ ދެއަހަރެއްހައި ދުވަސް ހަނގުފުޅެވެ. ނަމަވެސް އެކަލޭގެފާނުގެ ހަށިކޮޅު ތަންކޮޅެއް ސަހަލެވެ. ހުންނަވަނީ ހިމަތޮޅިފުޅުކޮށެވެ. އިސްތަށިފުޅުގައި ނުރަ އިސްތަށިކޮޅުތައްވެސް ތަންކޮޅެއް ގިނައެެވެ. އެހެންކަމުން "ހަރުވައްތަރުކޮޅު" ބޮޑަށް ހުންނަނީ އަބޫބަކުރުގެފާނުގެ ގައިކޮޅުގައެވެ. ނަތީޖާއެއްގެ ގޮތުން މަރްހަބާ ވިދާޅުވާން ވަޑައިގަންނަވާ ގިނަ ބޭކަލުންނަށް ސަމާލުކަން ދެއްވެވެނީ އަބޫބަކުރުގެފާނަށެވެ. ސަލާމްކުރައްވަނީ ވެސް އެކަލޭގެފާނަށެވެ.އަބޫބަކުރު ރަޟިޔަﷲ އަންހު އެކަން ވިސްނިވަޑައިގެން ކޮޅަށް ތެދުވެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ފޮށާކޮޅުން ކައުސާހިބާގެ ގައިކޮޅަށް ހިޔާ އަޅުއްވާން ފެއްޓެވިއެވެ. އަންސާރުންނަށް "ޚާދިމާއި މަޚްދޫމު" ވަކިވެ ވަޑައިގަންނަވާނެގޮތްހެއްދެވިއެވެ.

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އަށް މެހްމާންދާރީ އަދާކުރެއްވުމުގެ ޝަރަފު ލިބިވަޑައިގެންނެވީ އަމްރު ބިން ޢައުފުވަންހައިގެ ރައީސު ކުލްޘޫމު ބުނުލް ހިދަމް ރަޟިޔަﷲ އަންހުއަށެވެ. ސަހާބީންނާއެކު މަޖްލީސް ކުރައްވަނީ ސަޢުދުބިން ޚައިޘަމާ ރަޟިޔަﷲ އަންހުގެ ގެކޮޅުގައެވެ. އެދުވަސްވަރު ސައުދު ހުންނެވީ ދެކުނުފަރާތް ހުސްކޮށް ކަމުގައިވާތީއެވެ. މައްކާއިން ޔަޘްރިބަށް ހިޖްރަކުރައްވާ މުހާޖިރުންކުރެ ގިނަބޭކަލުން އެންމެފުރަތަމަ ފައިބައިވަޑައިގަންނަވަނީ ޤުބާއަށެވެ. އޭގެތެރެއިން ވަރަށް ގިނަ ބޭކަލުންގެ މޭޒުބާނަކީ ކުލްޘޫމު ބުނުލް ހިދަމް ރަޟިޔަﷲ އަންހުއެވެ. ހަމްޒަތުގެފާނަށާއި، ޒައިދު ބިން ހާރިޘަތު ރަޟިޔަﷲ އަންހުމާ އަށްވެސް މެހްމާނުދާރީ އަދާކުރެއްވީ ކުލްޘޫމެވެ. ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ ޤުބާއަށް ވަޑައިގެންނެވި އިރުވެސް މުހާޖިރުންގެ ކުރިޔަށްތިއްބެވި ބޭކަލުންކުރެ ދިހަ ބޭކަލުން ކުލްޘޫމު ބުނުލް ހިދަމުގެ މެހްމާނުންގެ ގޮތުގައި ތިއްބެވިއެވެ. އެބޭކަލުންނަކީ: އަބޫޢުބައިދާ، މިޤުދާދު، ޚައްބާބު، ސުހައިލު، ޞަފްވާނު، ޢިޔާޟު، އަބްދުﷲ ބިން މަޚްރަމާ، ވަހްބުބިން ސަޢުދު، މުޢައްމަރު ބިން އަބީސަރަޙު، އުމައިރު ބިން ޢައުފު (ރަޟިޔަﷲ ޢަންހުމް) މިބޭބޭކަލުންނެވެ.

ތިންވަނައަށްވީ ދުވަހު ޢަލީބިން އަބީޠާލިބު ރަޟިޔަﷲ އަންހުވެސް ޤުބާއަށް ވަޑައިގެންފިއެވެ. އެކަލޭގެފާނުވެސް ފައިބައިވަޑައިގެންނެވީ ކުލްޘޫމް ބުނުލް ހިދަމްގެ ގެޔަށެވެ. އަބޫބަކުރުއްސިއްދީޤު ރަޟިޔަﷲ އަންހު ފައިބައިވަޑައިގެންނެވީ ޚަޒްރަޖު ވަންހައިގެ ބޭކަލެއްގެ ގެކޮޅަށެވެ. އެކަލޭގެފާނުގެ ނަންފުޅަކީ ހަބީބު ބިން އަސާފެވެ. އެގެހުރީ ޤުބާގެ މަދީނާއާވީފަޅީގައެވެ.
(ނުނިމޭ)