ވިޔަފާރި

"ގޯލްޑް 100" އެވޯޑުގެ ގޯލްޑް ޕާރޓްނަރަކަށް އުރީދޫ ހަމަޖައްސައިފި

"ގޯލްޑް 100" އެވޯޑުގެ ގޯލްޑް ޕާރޓްނަރަކަށް، އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ދޭ "ގޯލްޑް 100" އެވޯޑަކީ ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދޭ އެވޯޑެކެވެ.

މިއީ ގޯލްޑް 100ގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ސްޕޮންސަރު ކުރި ފުރަތަމަ ފަހަރެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސް ވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ، އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް، ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް، ހުސެއިން ނިޔާޒެވެ. މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑރ. ހުސެއިން ސަނީ އުމަރު އެވެ.

ގޯލްޑް 100 ކުންފުނީގެ ގޮތުގައި ހޮވޭ ކުންފުނިތައް މި ހަފުލާގައި ނެރޭ ގޯލްޑް 100 މެގަޒިންގައި ލިސްޓުކުރާނެ އެވެ. އެ ލިސްޓަކީ ހާއްސަ ކޮންސަލްޓެންސީ ކޮމިޓީއަކުން ބެލުމަށްފަހު ނެރޭ ލިސްޓެކެވެ.

"ގޯލްޑް 100"ގެ ޕްލެޓިނަމް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބޭންކް އޮފް މޯލްޑިވްސްއެވެ.

މި އަހަރުގެ "ގޯލްޑް 100" ހަފުލާ ބޭއްވުމަށް ހަމަޖައްސައިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.