ދިވެހި ޕްރިމިއާ ލީގު

ފެހެންދޫ ބަލިކޮށް ނިލަންދޫ ދެވަނަބުރާ ގާތަށް

އަހުމަދު ޔަޝާއު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު 1-3 ގެ ނަތީޖާއަކުން ފެހެންދޫ ބަލިކޮށް ނިލަންދޫއިން ދެވަނަބުރުގެ އުއްމީދު އާކޮށްފިއެވެ.

މިއަދުގެ މެޗަށް ފެހެންދޫ ޓީމުން އަންނަން އޮތް ފްލައިޓް ވިއްސާރަވެ ޑިލޭ ވުމުގެ ސަބަބުން މެޗު ފެށީ 30 މިނެޓު ފަހުންނެވެ. އާއްމު ގޮތެއްގައި ލީގުގައި ހަވީރު ކުޅޭ މެޗު 16:00 ގައި ފަށާނަމަވެސް، މިއަދުގެ މެޗު ފެށީ 16:30 ގައެވެ.

މިއަދުގެ މެޗު ފެށިގެން ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް، މެޗު ކުރިއަށްދިޔަ ވަރަކަށް ނިލަންދޫއިން މެޗުގެ ތެރެއަށް ވަދެ ހަމަލާތައް އުފައްދަން ފެށިއެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓުގައި ނިލަންދޫއިން ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ފުރުޤާން (ފުގޭ) އެވެ. ފުގޭ މި ލަނޑު ކާމިޔާބުކުރީ ފެހެންދޫ ޕެނަލްޓީ އޭރިއާ ކައިރިން ނިލަންދޫއަށް ލިބުނު ހިލޭޖެހުމެއް އެޓީމުގެ ކެޕްޓަން އަޙްމަދު އަލީ ކައިރީގައިހުރި ފާރޫޤު އިސްމާޢީލަށް ޖައްސާލުމުން، އޭނާ ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ ދެވަނަހާފު ފެށިގެން މާގިނައިރެއްނުވެ ފެހެންދޫއިން ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހާފިޒް (ހާއްޕެ) ވަރަށް ބަލާލާފަ ދިން ޕާހަކުން އިބްރާހީމް މާޖިދެވެ. ނަމަވެސް، އޭގެ ފަސްވަރަކަށް މިނެޓުފަހުން ނިލަންދޫއިން ވަނީ އިތުރު ލަނޑެއްޖަހާ އަލުން ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބިދޭސީ ކުޅުންތެރިޔާ ލަމްޕްޓޭ ސަމުއެލް އެވެ.

ނިލަންދޫއަށް ލީޑު ފުޅާކުރަންވެސް ފުރުޞަތުތަކެއްލިބި ބޭކާރުވެގެންދިޔައެވެ. ފެހެންދޫއަށްވެސް ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަކުރަން ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވިއެވެ. އެޓީމުގެ އަހުމަދު ނިޒާމް (ނިޒާމްބެ) ނަގަދިން ހުރަސް އާދަމް ނިޒާމު (ކިތުނާ) ޖެހުމުން ނިލަންދޫގެ ކީޕަރު އަލީ ސޮބާޙް ވަނީ ދިފާޢުކޮށްފައެވެ. އަދި މެޗުގެ 86 ވަނަ މިނެޓުގައި އެޓީމުގެ މާޖިދު މުޅިން ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ވެސް ނިލަންދޫ ކީޕަރު ސޮބާޙް ވަނީ ހުށިޔާރުކަމާއެކު ދިފާޢުކޮށްފައެވެ.

މެޗުގެ އިތުރުވަގުތަށް ރެފްރީ ދެއްކި 8 މިނެޓުގައި ނިލަންދޫއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ތިން ޕޮއިންޓު ކަށަވަރުކޮށްފައެވެ. ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަހްމަދު ޝާން ވަނީ ފެހެންދޫގެ ގޯލްކީޕަރު ކައިރިން ނައްޓާލުމަށްފަހު ހުސްގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު، ނިލަންދޫ ޓޭބަލްގެ ހަތްވަނައަށް ޖެހިލިއިރު ފެހެންދޫ އޮތީ ހަތަރު ޕޮއިންޓާއެކު ޓޭބަލްގެ ނުވަވަނައިގައެވެ.

ލީގުގައި މިރޭކުޅޭ މެޗުގައި ވާދަކުރާނީ ކްލަބް އީގަލްސް އާއި ފޯކައިދޫއެވެ.