ނަހަމަ ގޮތުގައި އިންޓަނެޓް ބޭނުންކުރުން ހުއްޓުވުމަށް ހަތަރު ގާނޫނެއް ވުޖޫދުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ވަނީ ފެށިފައިކަަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މަލީހް މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ސޭފާ އިންޓަރނެޓް ޑޭ އާ ގުޅިގެން އެ މިނިސްޓަރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި މިނިސްޓަރ މަލީހު ވަނީ ރައްކާތެރިކަމާއެކު އިންޓަނެޓުގެ ބޭނުންހިފުމާ ގުޅޭގޮތުން ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ ރާއްޖޭގައި މިހާރު އިންޓަނެޓް ބޭނުންކުރަމުންދާ ގޮތާއި އިންޓަނެޓް ބޭނުންކުރުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރުމަށް ސާވޭކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާތަނަށް ފާހަގަވި އެންމެ ބޮޑު މައްސަލައަކަށް މަލީހް ފާހަގަކުރެއްވީ ގޭގެއިން ސިއްރުން ގޮތްނޭނގޭ މީހުން ވައިފައިބޭނުން ކުރުމުގެ މައްސަލައެވެ. މިނިސްޓަރ ވަނީ މިއީ ވައިފައިގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށާއި މިއީ ކުރެވޭ ވައްކަމެއްކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ގިނަގިނައިން ވައިފައި ޕާސްވޯޑު ބަދަލުކުރުމުގެ އިތުރުން ވައިފައި ސެކިއުރިޓީ ވަރުގަދަކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިނިސްޓަރ މަލީހުގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިއުނިކޭޝަން އޮތޯރިޓީގެ ސީއީއީއޯ އިލްޔާސް އަހުމަދު ވަނީ ވާހަކަދައްކަވައިފައެވެ. އިލްޔާސްގެ ވާހަކައިގައި ވަނީ އިންޓަނެޓަކީ ބޭނުންތެރި އެތައްކަމެއް ފުރިހަމަވާ ހިދުމަތެއް ނަމަވެސް ކޮންމެ ކަމެއްގައި ދެކޮޅު އޮންނަ ފަދައިން އިންޓަނެޓުގެ ސަބަބުން ލިބޭ ގެއްލުން ހުރިކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ގިނަފަހަރަށް ނޭނގުމެއްގެ ތެރޭގައި ކުރެވޭކަންކަމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ބައެއް މީހުންނަށް އިންޓަނެޓްގެ ޒަރިއްޔާއިން ވާކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި މިކަމާ ދެކޮޅަށް ބޭނުންކުރެވޭނެ އެންމެ ބޮޑު ހަތިޔާރަކީ ހޭލުންތެރިކަންކަމަށް އިލްޔާސް ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަދައްކަވަމުން އިލްޔާސް ވަނީ އިންޓަނެޓް ބޭނުންކުރުމުގައި ސަމާލުވާންވީ ބައެއްކަންކަން ފާހަގަކުރައްވައިފައެވެ.