ޚަބަރު

ވިލާއަށް ދިން ރަށްތައް އަތުލީ އެއްބަސްވުމާ ހިލާފަށް ކަމަށް ކުރި ހުކުމް ތަންފީކުރުމުގެ މަސައްކަތް ފަށައިފިިން: ޓޫރިޒަމް

ވިލާގެ ފަސް ކުންފުންޏަކަށް ދީފައިވާ ރަށްތައް ސަރުކާރުން އަތުލާފައިވަނީ، އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ދީފައިވާ ރަށްތަކުގެ މައްސަލައިގައި ވިލާއާ އެއްކޮޅަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުމުގެ މަސައްކަތް ފައްޓައިފިކަމަށް ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގަ އެވެ.

ވިލާގެ ފަސް ކުންފުންޏަކަށް ދޫކޮށްފައިވާ، ތިން ރަށަކާއި ދެ ފަޅަކާ އެކު ހަދާފައިވާ އެއްބަސްވުން ދައުލަތުން އުވާލައި އެރަށްތައް ނަގާފައިވަނީ 2015 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުންނެވެ.

ސަރުކާރުން ރަށްތައް އަތުލާފައިވަނީ އެއްބަސް ވުމާ ހިލާފަށް ކަމަށްބުނެ ވިލާގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ވިލާއާ އެއްކޮޅަށް އެ ކޯޓުން ހުކުމް ކުރި އެވެ. ނަމަވެސް އޭގެ ފަހުން އެ ހުކުމް ހައިކޯޓުން ބާތިލް ކުރި އެވެ.

އެ މައްސަލަ ވިލާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، ހައިކޯޓުން ސަރުކާރާ އެއްކޮޅަށް ކުރި ހުކުމް ބާތިލް ކޮށް، ވިލާ އާ އެއްކޮޅަށް ސިވިލްކޯޓުން ނިންމާފައިވާ ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 18ވަނަ ދުވަހު އެވެ.

ވިލާއަށް ދީފައިވަނިކޮށް ސަރުކާރަށް ނަގާފައިވާ ތިން ރަށަކީ ތ. އެލާ އާއި ރ. މާނެންފުށްޓާއި ގދ. ގަޒީރާ އެވެ. ވިލާއަށް ދީފައިވަނިކޮށް ސަރުކާރަށް ނެގި ދެ ފަޅަކީ ކ. މާދިއްގަރުފަޅާއި، ކ. ބޮލިދުއްފަރުފަޅެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އެ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި އެ ރަށްތަކާ ބެހޭ ގޮތުން ހަދާފައިވާ ސެޓްލްމަންޓް އެގްރިމެންޓްގައިވާ ގޮތަށް، އެ ތަންތަނާ މެދު އެ މިނިސްޓްރީން އެއްވެސް ގޮތެއް ނިންމާނީ ރައީސް އޮފީހާއި ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން ފިނޭންސް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ ލަފައާ އެކު ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ރަށްތަކުގެ އެއްބަސްވުން، ސަރުކާރުން ބާތިލްކުރީ ވިލާގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ)އިން ދައުލަތާ ދެކޮޅަށް 129 މިލިއަން ޑޮލަރުގެ ދައުވާއެއް ކޮށްފައި އޮތުމުން ކަމަށް ބުނެ އެވެ.