ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އިންޑިއާއިން ދިން 10 ރާޑަރު ސިސްޓަމް ހަރުކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައިވާކަމަށް އިންޑިޔާ ނޫހަކުން ބުނެފި އެވެ.
އިންޑިޔާގެ ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލް ގެ އެސޯޝިއޭޓެޑް އެޑިޓަރު އަމީތާބު ޕީ ރަވީއަށް، ޖެނަރަލް އަބްދުﷲ ޝަމާލް، ދެއްވި އިންޓަވިއުއެއްް އެ ނޫހުގައި އިއްޔެ ވަނީ ޝާއިއު ކޮށްފަ އެވެ.
ނޫހުން ބުނެފައިވަނީ މި އިންޓަވިއުއަކީ، ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއެކު މިދިޔަ ހަފްތާގައި ޝަމާލް އިންޑިޔާއަށް ކުރެއްވި ދަތުރު ފުޅުގައި، ދެއްވި އިންޓަވިއުއެއް ކަމަށެވެ.
އެ އިންޓަވިއުގައި ނޫހުގެ އެޑިޓަރު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ޖެނަރަލް ޝަމާލް ވިދާޅުވެފައިވަނީ، އިންޑިޔާގެ ކޯސްޓަލް ސަރވައިލަންސް ރާޑަރު ސިސްޓަމް (ސީއެސްއާރުއެސް)ގެ ދަށުން ބެހެއްޓުމަށް ހަމަޖެހިފައިވަނީ 10 ރާޑަރުސިސްޓަމް ކަމަށާއި، ރާޑާރު ސިސްޓަމްތައް ބަހައްޓައި ނެޓްވޯކް ކުރުމަށް ފަހު 'ކޮމަން އޮޕަރޭޓިން ޕިކްޗާ'އެއް އެކުލަވައިލެވޭނެ ކަމަށެވެ.
އަދި އެއީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަރަށް މުހިއްމުކަމެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ޝަމާލް ވިދާޅުވީ ދިހަ ރާޑަރަށްވުރެ އިތުރަށް ހަރު ނުކުރާނެ ކަމަށެވެ.
އިންޑިޔާގެ ކޯސްޓަލް ސަރވައިލަންސް ރާޑަރު ސިސްޓަމް ހަރުކުރުމުގެ މަޝްއޫއަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރު ފެށި މަސައްކަތެކެވެ.
ނަމަވެސް ޗައިނާއާއެކު ގާތް ގުޅުމެއް އުފެއްދުމަށްފަހު ރައީސް ޔާމީންގެ ސަރުކާރުން، ފުރަތަމަ ފިޔަވަހީގެ މަސައްކަތާއެކު އެ މަޝްރޫއު ވަނީ ހުއްޓާލައިފަ އެވެ.