ފުރާނަދަންދެން

ފުރާނަދަންދެން - 04

2

"ހެހެހެ... ތިބުނީ ފަޒާގެ ވާހަކަ ދޯ؟ އެއީ އަހަރެން ބޭނުންވެގެން ކުރި ކަމެއްނޫން. އަހަރެންނާ ހެދި މޮޔަވެގެން އުޅެނީ އޭނަ" ފަރުވާކުޑަ ރާގެއްގައި މާހިލް ބުނެލިއެވެ.

"ތިއީ ދުވަހަކުވެސް އިސްލާހުވާނެ މީހެއްނޫން. ތިމާގެ ހަޔާތުން އަނބިމީހާގެ މަގާމު މީހަކަށް ދޭނީ ތިމާވެސް ބޭނުންވެގެން ކަންނޭނގެ. އެހެންނޫނަސް މާހިލްގެ ދިރިއުޅުމަށް އަނބުރައިދާކަށް އަހަރެންގެ ވިސްނުމެއްނެތް. މިތަނުންދާންއުޅޭ" އަޒްކާ ރުޅިއައެވެ. އޭނާ މޫނު އަނބުރައިލީ ހިތްހަމަނުޖެހިފައެވެ.

"ލެޓް މީ ޗެކް އިފް ޔޫ ވޯންޓް މީ އޮރ ނޮޓް" ނުލަފާ ވައްތަރަކަށް ހީލައިގެން ހުރެ މާހިލް ފިޔަވަޅު އަޅަންފެށީ އަޒްކާއާ ގާތަށެވެ. ފަހަތަށް ދާނެ އިތުރު ޖާގައެއް ނެތުމުން އަޒްކާ ހުރީ ކަންބޮޑުވެފައެވެ. އަޒްކާއާ ދާދި ގާތުގައި ހުއްޓުމަށްފަހު މާހިލް އޭނާގެ ދެއަތުން އަޒްކާގެ މޫނުގެ ދެފަރާތުގައި ހިފާލިއެވެ. އަޒްކާ އޭނާގެ ދެއަތުން މާހިލްގެ މޭގައި އަތްއަޅާ ކޮށްޕާލަން އުޅުނެވެ. ނަމަވެސް އޭގެކުރިން މާހިލް އަޒްކާގެ އުނގަނޑުގައި އަތް އަޅުވާލުމަށްފަހު ގަޔާ ގާތަށް ދަމާލިއެވެ. އަޒްކާއަށް ގުޑުމެއްވެސް ނާރާނެހެން މާހިލްގެ އަތާއި މެއާއި ދެމެދު އަޒްކާ ފިއްތާލިއެވެ.

************

މެންދުރުގެ ކެއުމަށް ގެއަށް އައި ނާހިދު އަޒްކާގެ ކޮޓަރިއާއި ދިމާއަށް ދިޔައީ އަޒްކާ ކާން ބަލައެވެ. އެއްގޮތަކަށްވެސް ފެނިދާނެ މަންޒަރަކަށް ހިތްއެދި ގޮވާތީއެއްނޫނެވެ. އަޒްކާގެ ކޮޓަރީގެ ތަޅުގައި ހިފައި އެތެރެއަށް ހުޅުވާލުމާއެކު ފެނުނު މަންޒަރަކުން އޭނާއަށް ހީވީ ހިތުގައި ތޫނު އެއްޗަކުން ވަކި އަޅުވައިލިހެންނެވެ. ސިހިފައި ކޮޓަރީ ދޮރާ ދިމާއަށް އަޒްކާ ބަލައިލިއެވެ. އެދެމީހުންނަށް ބަލަން ގެއްލިފައިހުރި ނާހިދު ފެނުމުން އަޒްކާގެ ހިތް ރޮއެގަތެވެ. އެއީ އޭނާ ނާހިދަށް ދައްކަން ބޭނުންވި މަންޒަރެއް ނޫނެވެ. އަޒްކާގެ މޫނުމަތިން މާހިލްއަށްޓަކައި އަނދަމުންދިޔަ އަލިފާން ނާހިދަކަށް ނުފެނުނެވެ. އެއަށްވުރެ ބޮޑަށް ނާހިދުގެ ހިތަށް ވަނީ އަސަރުކޮށްފައެވެ.

"ސޮރީ" ނާހިދު ދޮރުލައްޕާލާފައި ނިކުތެވެ.

"މިދެން ކިހާ ދެރަކަމެއްތަ؟ އަހަރެން ކިހިނެއްތަ ކަލޭ ކައިރީގައި ބުނަންވީ އަހަރެންގެ ހިތަކުން މިހާރު ކަލެއަކަށް ނޭދެމޭ. ކޮންފާޑަކަށްތަ ތިއުޅެނީ. ހަމަ މިހާރު މިގެއިން ނިކުންނަންވީ. މިއީ ކަލެއާ އެއްވެސް ގުޅުމެއް އޮތް ގެއެއްނޫން" ހަށިގަނޑުގައި ހުރި ބާރެއްލާފައި މާހިލްގެ މޭގައި އަތްއަޅައި ކޮށްޕާލަމުން އަޒްކާ ހަޅޭއްލަވައިގަތެވެ. އޭނާއަށް ހުރީ ރުޅިއައިވަރުން މާނޭވާ ލެވިފައެވެ. އޭނާއަށް އެހިތްވަރު ލިބުނީ އެމަންޒަރު ފެނުމުން ނާހިދުގެ މޫނުމައްޗަށް އެރި ކުލަވަރު ފެނިފައެވެ.

"ހެހެހެ... މިހާރު ހާދަ ބާރުގަދައޭ... ތަދުވެސްވެއްޖެ....އަހަރެން ދަނީ. ރުޅިއައިމަ ވަކިން ލޯބި. ދެން އަހަރެން އަޒްކާއަށް އުނދަގުލެއް ނުކުރާނަން. އެކަމަކު ވަރަށް އަވަހަށް އަޒްކާ އަދި އަހަރެންގެ ލޯތްބަށް އެދިގެން އަންނާނެ. ޓިލް ދެން ބާއި" މާހިލް އެކޮޓަރިން ނިކުމެގެން ދިޔަ މަންޒަރު ބަލަން އަޒްކާ ހުރީ ދެލޯއަޅާލައިގެންނެވެ. ރުޅިއާއި ހިތާމަ އެކުވެގެން ފައިބަމުންދިޔަ ކަރުނަތަކުގެ ސަބަބުން އޭނާއަށް ގިސްލެވެން ފެށުނެވެ. ފާއިތުވެދިޔަ ކުޑަވަގުތުކޮޅުގައި ނާހިދު އޭނާއަށް ބަލަންހުރި ގޮތް ހިތަށް ފެންނަ ކޮންމެފަހަރަކު އޭނާއަށް ހީވަނީ އޭނާގެ ހިތަށް ރަހުމެއް ނެތް އަތަކުން އަނިޔާކޮށްލާ ހެންނެވެ. މިހާރު ނާހިދު އޭނާއާމެދު ދެކޭނެ ގޮތެއްވެސް ނޭނގެއެވެ.

"ނާހިދު.... އަހަރެންނަށް މައާފްކުރޭ. ނާހިދަށް ތިފެނުނީ ހަގީގަތެއްނޫން. އަހަރެން ލޯބިވަނީ، ހަމައެކަނި އެދެނީ ނާހިދަށް....." އެނދުގައި އޮވެ ރޮމުން ކަރުނައިގެ ތެރެއިން އަޒްކާ އޭނާގެ އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައެވެ.

************

ކޮޓަރީގައި އެތައް އިރަކު ހޭދަކުރުމަށްފަހު އަޒްކާ ތިރިއަށް ފޭބީ ފެންވަރައިގެން މެންދުރު ނަމާދުކޮށްގެން ގަޑިން އެއްގަޑި ބައިވާން އުޅެނިކޮށެވެ. ސިޓިންރޫމުން އޭނާއަށް މަރުހަބާ ކީ ހަމަހިމޭންކަމެވެ. އޭނާ ސިޑިން ފައިބައިގެން މިސްރާބު ޖެހީ ބަދިގެއާ ދިމާއަށެވެ. ބަގީޗާއަށް ނިކުމެވޭ ދޮރު ހުރަސްކޮށްލި ވަގުތު އިނާޝާ ގަސްތައް ކައިރީގައި މަޑުކޮށްލައިގެން ހުއްޓައި ފެނުމުން އަޒްކާ ދިޔައީ އެދިމާއަށެވެ. އޭރު ތަންކޮޅެއް ދުރުގައި މީކާ އަތަށް އަންގި ލައްވައިގެން ކަޅު ފަސްތަކެއް އެއްވަރު ކުރަން ހުއްޓެވެ.

"އިނާއްތާ!" އަޒްކާ އިނާޝާއަށް ގޮވައިލަމުން ޖޯލިފަތީގައި ޖައްސާލިއެވެ. އިނާޝާ އެނބުރުނުއިރު ހުރީ ހިނިތުންވެލައިގެންނެވެ. އޭނާ ހިނގާލާފައި ގޮސް އަޒްކާއާ ޖެހިގެން އިށީނެވެ. އިނާޝާގެ އެންމެ ހިތްގައިމު އެއްތަންކޮޅަކީ އެއީއެވެ. އޭނާ ފެނުމާއެކު ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ އަޅައިގަންނާނި އޭނާގެ ހިނިތުންވުމުގައެވެ.

"މެންދުރު ނުކަމެއްނު. އަޒްކީ ނުކާތީ ދައްތަވެސް މީނީ ނުކައި. ހިނގާ ޕިއްޒާ ގެންނަމާ..." އިނާޝާ ދިޔައީ އިޝާރާތުން އަޒްކާއާ ވާހަކަދައްކަމުންނެވެ. އޭނާގެ އަނގަ ހަރަކާތްކުރާތަން ބަލަން އިނުމުމުން މިހާރު އޭނާ ދައްކާ ވާހަކަ އަޒްކާއަށް އޮޅުންފިލައެވެ. ބައެއްފަހަރު އިޝާރާތުން ވާހަކަދައްކަމުން ދާއިރު އަނގައިން ބަރު އަޑެއްވެސް ނެރެލައެވެ. އެކަމަކު ދައްކާ ވާހަކަ ސާފެއްނުވެއެވެ.

"ކާހިތްނުވީ. މިހާރުވެސް މިއުޅެނީ ފަލަވާތީ. އެކަމަކު އިނާއްތައާ އެކީ ވަރަށް ޕިއްޒާ ކާހިތުން މިއިނީ" އަޒްކާ ބުނެލިއެވެ.

"މީކާ ކައިރީގައި ބުނާނަން މެންދުރު ކެއްކި އެއްޗެހި މިރެއަށް ބަހައްޓާށޭ. މިއަދު މެންދުރު އެކަކުވެސް ނުކައި. މޯހަންއަށްވެސް ބިޒީކަމުން ނާދެވުނު" އިނާޝާ ވާހަކަދެއްކިއެވެ.

"އެކަމު ނާހިދު ކާން އައެއްނު. ނުކައިތަ ދިޔައީ" ނާހިދުގެ ވާހަކަދައްކަން ޖެހުމުން އޭނާގެ ހިތަށް ދިޔައީ އުނދަގޫވަމުންނެވެ. އަޒްކާގެ މޫނަށް ވެރިވި ކުލަވަރު އިނާޝާ ދެނެގަތެވެ. އޭނާ ހިނިތުންވެލީ ހިތަށް އެރި އެއްޗަކުންނެވެ.

"ނާހިދު ކާން އައިއްސަ ހިނގައްޖެ. ބުނީ ކުއްލިއަކަށް ދާންޖެހުނިއްޔޭ" އިނާޝާ ޖަވާބުދިނެވެ.

"ނޫން މެޑަމް. ނާހިދުކޮއްކޮ ގެއަށް އަންނަނީ. ބުނީ ބޮލުގައި ރިއްސަނީއޭ. އަހަރެން ބޭސްވެސްދެނީ" މީކާ ވާހަކަދެއްކިއެވެ. އިނާޝާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ވަގުތުން ތެދުވެގެން އޭނާ ދިޔައީ ނާހިދުގެ ކޮޓަރިއަށެވެ. އަޒްކާ ވިސްނާލިއެވެ. ނާހިދު ނުކެއީވެސް އަދި ބޮލުގައި ރިއްސަނީވެސް އޭނާގެ ސަބަބުން ހެއްޔެވެ؟ އޭނާ ޖޯލީގައި ބުރަކަށި ދަމާލިއެވެ. މަތިން ހާމައަށް ފެންނަން އޮތް ނޫކުލައިގެ އުޑަށް ނަޒަރު ހުއްޓާލިއެވެ. މެންދުރުގެ އެވަގުތުގައި އުޑުމަތިން ހުދު އެންމެ ވިލާކޮޅެއްވެސް ފެންނާކަށް ނެތެވެ. ވަށައިގެން ފެތުރިފައިވާ ނޫކުލައިން ހިތްތަކަށް ހަމަޖެހުން ގެނުވާނެކަން ކަށަވަރެވެ. ދެލޮލުގެ އަރިމަތިން ރޮނގެއްހެން ފައިބައިގެން ދިޔަ ކަރުނަތިކި ހިނދުނީ ދެފަރާތު ކަންފަތަށެވެ.

************

ފާހާނާ ތެރޭގައި ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރި ނާހިދު އިރުކޮޅަކާ މޫނަށް ފެންގޮށްޓެއް ބުރުވާލައެވެ. އޭނާގެ ދެލޮލަށް ވަނީ ރަތްކަމެއް ވެރިވެފައެވެ. ފެނާ އެކުވެގެން ތިރިއަށް ފައިބަމުންދާ ކަރުނަތައް ވަނީ ބަލާމީހުންނަށް ވަންހަނާ ވެފައެވެ. ފާހާނާއިން އޭނާ ނިކުތްއިރު އެތެރޭގައި ތަބަކެއް ހިފައިގެން އިނާޝާ ހުއްޓެވެ.

"މަންމާ!" އޭނާގެ މިލާފައިވާ މޫނު ތުވާލިން ފޮރުވައިލަމުން ނާހިދު އޭނާގެ މަންމައަށް ގޮވާލިއެވެ. ހަރުގައި ތުވާލި އަޅުވައިލުމަށްފަހު ނާހިދު އިށީނީ ސްޓަޑީޓޭބަލް ކައިރީގައެވެ. އިނާޝާއަށް ފުރަގަސްދީގެންނެވެ. މޭޒުމަތީގައި ކިރުތައްޓަކާއި ދެވަށް ދޮންކެޔޮ ބާއްވަމުން އިނާޝާ އޭނާގެ ދަރިފުޅުގެ އިސްތަށިގަނޑުގައި ލޯތްބާއެކު ފިރުމާލިއެވެ.

"މަންމާ! އަޅުގަނޑުގެ ހިތުގަ ވަރަށް އެބަރިއްސާ. ލޯބީގައި އަޅުގަނޑު މުޅިން ފެއިލްވެއްޖެ. އަޅުގަނޑަށް ލޯބިވެވުނީ ދުވަހަކުވެސް ލިބެންނެތް މީހެއްދެކެ" ނާހިދަށް އޭނާގެ އިހުސާސްތަކުގެ މައްޗަށް ބާރެއް ނުފޯރުނެވެ. އިނާޝާ ނާހިދުގެ ބޮލުގައި ފިރުމަމުން ދިޔައެވެ. އޭނާގެ ދަރިފުޅަށް މީހަކުދެކެ ހަގީގީ ލޯބިވެވިއްޖެކަން ޔަގީންވި ހިނދު އޭނާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލިއެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި އެ ހިނިތުންވުން ފިލައި ދިޔައީ އެދަރިފުޅުގެ ހިތް ކޮންމެވެސް ސަބަބަކާ ހުރެ ހަލާކުވެފައިވާކަން އެނގުމުންނެވެ. އިނާޝާ އެ މޭޒުކައިރީގައި ޖެހިގެން ހުރި ގޮނޑި ދަމާލާފައި އިށީނެވެ. އަދި ނާހިދުގެ މޫނުގެ ދެފަރާތުގައި ހިފައި އޭނާއާ ހަތަރުކަޅި ހަމަކުރުވިއެވެ. އޭރު ނާހިދުގެ ދެލޮލުގައި ރަސްކަންކުރަމުން ދިޔައީ ތާޒާ ކަރުނަތަކެވެ. ނާހިދުގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފެނި އިނާޝާއަށް ކެތެއްނުވިއެވެ. އެދަރިފުޅު އޭނާ ބޮޑުކުރީ އެތައް އަނިޔާއަކާއި ވޭނެއް ލިބިގެންނެވެ. މިއަދު އޭނާ ހާއްސަ އެހީއަށް ބޭނުންވެފައިވާ މީހަކަށް ވެފައި އެވަނީވެސް އެދަރިފުޅަށްޓަކައި ކުރި ވަރުގަދަ ހަނގުރާމައެއްގެ ސަބަބުންނެވެ. ވީއިރު އެދަރިފުޅުގެ ހިތް ޒަހަމްވެ ކަރުނަ ފައިބަމުންދާ މަންޒަރު ބަލަން އެ މައިވަންތަ ހިތަށް ކެތްވެދާނެބާއެވެ؟

"ކިހިނެއްވީ ދަރިފުޅާ؟ ކާކު ދަރިފުޅަށް ތިވަރުގެ އަނިޔާއެއް ދިނީ؟" އިނާޝާ ނާހިދު ކުރެން އަހަމުން ދިޔައެވެ. އޭރު އިނާޝާގެ އަޑުވެސް ވަނީ ކުރެހިފައެވެ.

"މަންމާ! އެކުއްޖާދެކެ އަޅުގަނޑަށް ލޯބިވެވުނިއޭ. ގަސްދަކުނޫން. އެނގޭ އުމުރުގެ ތަފާތު ހުރިކަންވެސް. އެކަމަކު ކީތްކުރާނީ. ވަރަށް ވަރަށް ލޯބިވޭ. މިއަދު..... މިއަދު އަޅުގަނޑަށް އިހުސާސްވެއްޖެ ނަސީބުގަދަ މީހަކަށް ނޫނީ އެމީހަކު އެންމެ ލޯބިވާ މީހަކު ނުލިބޭނެކަން" ނާހިދު ވާހަކަދައްކަމުން ދިޔައެވެ. އޭނާގެ ވާހަކަދެއްކުމުގައިވާ އަސަރުތަކާއި މޫނަށް ވެރިވެފައިވާ ކުލަވަރުތަކުން އޭނާގެ ހިތަށް ކޮށްފައިވާ އަސަރު ހާމަވަމުން ދިޔައެވެ.

"ދެރަނުވޭ ދަރިފުޅާ! އަދި ދަރިފުޅު ލޯބިވާ މީހަކު ދަރިފުޅަށް ލިބޭނެ. މަންމަގެ ހެޔޮ ދުއާ ވަނީ އަބަދުވެސް ދަރިފުޅާއެކު" ނާހިދުގެ ދެލޯ ކައިރި ދެއަތުން ފޮހެދެމުން އިނާޝާ ވާހަކަދެއްކިއެވެ.

"އެކަމަކު މަންމާ!......... އަޅުގަނޑު މަސައްކަތްކުރާނަން އެލޯބި ހިތުން ފޮހެލަން" ނާހިދު ބުނެލިއެވެ. އޭރުވެސް އޭނާގެ ދެލޮލުން ކަރުނަތިއްކަކަށްފަހު ތިއްކެއް ދިޔައީ ފައިބަމުންނެވެ.

"ދަރިފުޅުގެ މި މަންމައަކީވެސް ލޯބީގައި ކާމިޔާބު މީހެއްނޫން. ހުރިހާކަމެއްވެސް ވާނީ ރަނގަޅަށް.... ދަރިފުޅު ތިހާ ލޯބިވަނީ ކޮންކުއްޖެއްދެކެތަ؟" އިނާޝާ އަހާލިއެވެ. ނާހިދު އިނާޝާގެ މޫނަށް ބަލައިލިއެވެ.

"އެއީ....އެއީ އަޒްކާ......." ލަސްލަހުން ނާހިދު ބުނެލިއެވެ. އިނާޝާއަށް ދެލޯމަރައިލެވުނެވެ. ކުރިންވެސް އޭނާއަށް ވަނީ އެކަމަށް ޝައްކުވެފައެވެ. މިހާރު އޭނާއަށް ޔަގީންވެއްޖެއެވެ. ނާހިދު އިނާޝާގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އޭނާގެ ހިތަށް ވަނީ އެތައް އަސަރެއް ކޮށްފައެވެ. އަލަތު ލޯބި އަތުން ބީވެގެން ދިޔުމުން ކޮންމެ މީހެއްގެ ހިތަށްވެސް ކުރާނެ އަސަރު މިވަގުތު ނާހިދުގެ މޫނުން ދިޔައީ ފެންނަމުންނެވެ.

************

ރޭގަނޑުގެ ނާސްތާ މޭޒުމައްޗަށް އެރުވުމަށްފަހު ދުރުގައިހުރެ އެތަކެއްޗަށް ފަޒާ ނަޒަރު ހިންގާލިއެވެ. އެއްވެސް އެއްޗެއް މަދުތޯ ޔަޤީންކޮށްލުމަށެވެ. ޒިންކު ކައިރިއަށް ގޮސް ދެއަތް ދޮވެލުމަށްފަހު އޭނާ ގޭތެރެއަށް ވަދެގެން ދިޔައެވެ. ބުރުހާނުއްދީން ނިދާ ކޮޓަރީގައި ޓަކިޖަހާލުމަށްފަހު އިރުކޮޅަކު މަޑުކޮށްލިއެވެ.

"ކާންތައްޔާރުވެފައި ހުރީ" ބުރުހާނުއްދީން ދޮރު ހުޅުވާލުމާއެކު އަދަބުވެރިކަމާއެކު ފަޒާ ބުނެލިއެވެ. ބުރުހާނުއްދީން އާއެނކޭ ބުނުމާއެކު ފަޒާ ދެން ދިޔައީ މާހިލް ބަލައެވެ. ބުރުހާނުއްދީން މޭޒު ކައިރީގައި އިށިންތާ މާގިނަ އިރެއްނުވެ މާހިލް ޖެހިގެން އިށީނެވެ. ފަޒާ އެދެބަފައިންނަށް ދަތިނުވާނޭހެން ކާއެއްޗެހިތައް ކައިރިކޮށްދެމުން ދިޔައެވެ.

"މާލްގެ ވަޒީފާގެ ކަންތައްތައް ކިހިނެއް ދަނީ؟" ބުރުހާނުއްދީން އަހާލިއެވެ. އޭނާގެ ދަރިފުޅާ ހަމަޖެހިލައިގެން ވާހަކަދައްކާނެ ފުރުސަތު އޭނާއަށް ލިބެނީ ހަމައެކަނި ކާމޭޒު ކައިރިން ކާގަޑިތަކުގައެވެ.

"ވަރަށް ރަނގަޅު. މިހާރު އޮފީހަށް ސަލާން ނުބުނަން. ވަރަށް ފަރުވާތެރިކަމާއެކު އޮފީހަށްދަން" މާހިލް ބުނެލިއެވެ. މާހިލްއަކީ ކަސްޓަމްގައި މަސައްކަތްކުރަން ފެށިއިރު ދެދުވަހުން އެއްދުވަހު އޮފީހަށް ސަލާން ބުނެގެން އުޅުނު މީހެކެވެ. ނަމަވެސް ފަހުން ބުރުހާނުއްދީންގެ ނަސޭހަތުގެ ސަބަބުން އެދުވަސްކޮޅު އެކަންތައް ރަނގަޅު ކުރި ނަމަވެސް ފަހުން އަނެއްކާވެސް ދޭތެރެއަކުން ސަލާން ބުނެލައެވެ.

"ދިރިއުޅުމެއް ފަށައިގެން ތިއުޅެނީ ތިމާއަށް ތިމާއަކީ ކަންކަމުގައި ޒިންމާނެގޭ ހަރުދަނާ މީހެއް ކަމުގައި ގަބޫލުކުރެވޭތީތަ؟" ބުރުހާނުއްދީން އަހާލިއެވެ. އޭނާ ވާހަކަދެއްކީ މަޑުން ނަމަވެސް އަޑުގައި ހަރުކަށިކަމެއް ހުރިހެން މާހިލްއަށް ހީވިއެވެ. އެހެންކަމުން އޭނާ ބޯޖަހައިލީ ރޮށިތައްޓަށް ބަލަން އިނދެއެވެ.

"އެހެންވިއްޔާ ތިމާގެ އަމިއްލަ އަނބިމީހާ ރޭގަނޑު ނުނިދައި އިންތިޒާރުގައި ބައިންދާފައި ރޭގަނޑު ހަތަރުދަމު ކޮންތާކު ތިއުޅެނީ؟ އެއީ ބައްޕަ މާހިލްގެ މަންމަ ދުނިޔޭގައި ހުރިއިރު ދުވަހަކުވެސް ކަންތައްކުރި ގޮތެއްނޫން" ބުރުހާނުއްދީން ވާހަކަދެއްކިއެވެ. މާހިލް އޭނާގެ ކައިރީގައި ކޮޅަށްހުރި ފަޒާއަށް ބަލައިލިއެވެ. އޭނާ ހީކުރީ ފަޒާ ބުރުހާނުއްދީން ކައިރީ ވާހަކަތަކެއް ދައްކައިގެން އުޅުނީ ކަމަށެވެ.

"ފަޒާ ބައްޕަ ކައިރީގައި އެއްޗެކޭ ކީތަ؟" މާހިލް އަހައިލިއެވެ. އޭނާގެ އަޑުގައިވަނީ ނުރުހުމެވެ.

"ނޫން...." ފަޒާގެ ޖަވާބު އަވަހެވެ.

"މިއުޅެނީ ފަޒާ އެއްޗެއް ކިޔައިގެނެއްނޫން. ބައްޕައަށް މިގޭތެރެއިން އެމަންޒަރުތައް ފެންނާތީ" ބުރުހާނުއްދީން ބުނެލިއެވެ.

"މިދޭތެރެއިން އޮފީހުގައި މަސައްކަތްތަކެއް ނިންމަންވެގެން ލަހުން އާދެވުނީ. އެހެންޏާ ވަރަށް ނުދަން ފަޒާ އެކަނި ބަހައްޓާފަ" މާހިލް ބުނެލިއެވެ. ފަޒާ މާހިލްގެ މޫނަށް ބަލައިލީ އެއްވެސް ޖެހިލުމެއްނެތި މާހިލް އޮޅުވާލުމުންނެވެ. އޭނާ ހިތުގައިވެސް ޖެހުނެވެ. މާހިލް ކަންތައްކުރާ ގޮތުގެ ވާހަކަ އެވަގުތު ބުނެފާނަމޭ އޭނާ ހިތަށް އެރިއެވެ. ނަމަވެސް ތަނުގެ މަސްލަހަތު ނަގައިލަން ބޭނުންނުވާތީ އޭނާ ހިމޭންވިއެވެ.

"ކުރީ ދުވަހު ބައްޕަ ފެނުނީމަ އެރެސްޓޯރަންޓުން އަންހެނަކަށް ގޮތެއްވިއެއްނު. އެއީ ކާކުތަ؟ ބައްޕަ ދަންނަ މީހެއްތަ؟" މާހިލް އެއްޗެއް ހަނދާންކޮށްލަމުން ބުނެލިއެވެ. އޭނާ ބޭނުންވީ ބުރުހާނުއްދީން ދައްކަމުންދިޔަ ވާހަކައިގެ މިސްރާބު ބަދަލުކޮށްލާށެވެ. ބުރުހާނުއްދީން ގެންގުޅުނު އުލާއި ސަމުސާ ތަށި ތެރެއަށް ދޫވިއެވެ. އޭނާގެ ލޯމައްޗަށް އެމަންޒަރުތައް ސިފަވާން ހެށިއެވެ.

"އެއީ.....އެއީ ދަންނަ މީހެއްނޫން. އެމީހާއަށް ވީގޮތެއް އެއްގޮތަކަށްވެސް ބައްޕައަކަށް ނޭނގޭ.... މިރޭ ދެން ބޭރަށް ނުދާތި. ބައްޕަ މިދަނީ ނިދަން. ގުޑްނައިޓް" ބުރުހާނުއްދީން އެތަނުން ނިކުމެގެން ދިޔައީ ހަނދާންކުރަން ބޭނުންނުވާ ހަނދާންތަކެއް ސިކުނޑި ތެރޭގައި ރަސްކަންކުރަން ފެށުމުންނެވެ.

************

ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް އަޒްކާއަށް ނާހިދާ ބައްދަލެއް ނުވެއެވެ. އެއްގޭތެރޭ އުޅުނަސް އަޒްކާއަށް ނާހިދު ފެނިފައި ވަނީ ވެސް މަދު ފަހަރަކުއެވެ. އެކަމުގެ ސަބަބުން އަޒްކާ ހިތުގައި ޖެހި އެކަން ބައްޔަކަށް ބަދަލުވަމުން ދިޔައެވެ. މިވީ ދުވަސްތަކުގައި ވަރަށްބޮޑަށް ނާހިދު އޭނާ ދުރުކޮށްލައިފިއެވެ. މާހިލްވެސް އޭނާގެ ހިތް ހަލާކުކޮށްލީއެވެ. ހަމައެގޮތަށް އޭނާގެ އިހުސާސްތަކާ ނާހިދުވެސް ކުޅެނީ ހެއްޔެވެ؟ މިއީ އަޒްކާގެ ހިތުގައި އުފެދިފައިވާ ޝަކުވާތަކެވެ. ނާހިދު އޭނާއާ ވާހަކަދައްކާ އަޑުއަހާލާހިތުން އޭނާގެ ދެކަންފަތް ވަނީ ކޮޅަށްޖެހިފައެވެ. އެއަތުގެ ފިރުމުން ލިބޭނެކަމުގައި އޭނާ ދިޔައީ އެތައް އުންމީދެއް ކުރަމުންނެވެ. ނުފެންނަތާ ގިނައިރުވުމުން އެސޫރަ ދެކިލާހިތުން އޭނާގެ ދެލޯ ފުންމައިގެން އަންނަވަރުވެއެވެ.

ހުކުރުދުވަހެވެ. އެހާ ފަތިހު ހޭލައިގެން އަޒްކާ ބޭރަށް ނިކުތީ އެންމެ މަގުސަދެއްގައެވެ. ހަމައެކަނި ނާހިދު ދެކިލުމަށްޓަކައެވެ. އޭނާ ބޭރުގޭޓް ފެންނަގޮތަށް ބަހައްޓާފައިވާ ކުޑަ ކޮފީ މޭޒު ކައިރީގައި އިނީ ޖޮގިން ނިންމާފައި ނާހިދު އަންނާނެ ވަގުތާ ދިމާކުރާށެވެ. އެގޮތުގައި މާގިނައިރު އިންނާކަށް ނުޖެހުނެވެ. އޮރެންޖު ކުލައިގެ ބެނިއަންއާއި ޓްރެކްޝޫޓްގައި ވަދެގެން އެއަންނަނީ އޭނާގެ ހިތުގެ ހަމަޖެހުމެވެ. އަތުގައި އޮތް ފިނިފެންފުޅި މޫނަށް އަޅަމުން އައި ނާހިދަށް އަޒްކާ ފެނުނީ ސިޓިންރޫމަށް ވަންނަން ދަނިކޮށެވެ. އަޒްކާ ކުރިއަށް ހިނގައިގަތެވެ. ނާހިދުގެ ދުރުކަން އެތައް ދުވަހަކު އޭނާ ތަހައްމަލު ކޮށްފިއެވެ. އިތުރަށް ދެން ކެތްކުރާނެހާ ހިތްވަރެއް އޭނާގެ ނެތެވެ.

"އަޒްކާ... ހާދަ ހެނދުނަކާ ހޭލައިގެން ތިއުޅެނީ" އޭނާއާ ދާދި ގާތުގައި އަޒްކާ މަޑުކޮށްލުމުން ނާހިދު ބުނެލިއެވެ.

"ނާހިދު ކިހިނެއްތަ؟" ނާހިދު ކުރި ސުވާލުގެ ބަދަލުގައި އަޒްކާ ކޮށްލީ ސުވާލެކެވެ.

"ހެހެހެ.... މިހުރީ ފެންނާކަށްނު" އަޒްކާގެ މޫނަށް ނުބަލަން މަސައްކަތްކުރަމުން ނާހިދު ބުނެލިއެވެ.

"ކުޑައިރުކޮޅަކު ވާހަކަދައްކާލެވިދާނެތަ؟" އަޒްކާ ބުނެލިއެވެ. އޭނާ މިއަދު ހުރީ އޭނާގެ ހިތުގައިވާ ހުރިހާ ޝަކުވާތަކެއް ނާހިދުގެ ކުރިމަތީގައި ފާޅުކުރަން ނިންމައިގެންނެވެ.

"އޮފްކޯޒް... އެކަމަކު މިގަޑީގަތަ؟ ވަރަށް ޓަޔާޑް. ފަހުންދޯ.... " ނާހިދު ކުޑަ ދުވުމެއްގައި ވަދެގެން ދިޔައީ އަޒްކާގެ އުންމީދުތަކަށް ފަސްއަޅައި ފޮރުވައިލަމުންނެވެ. އަޒްކާ ހިތުގައި ޖެހުނެވެ. އިހުތިޔާރަކާއިނުލައި އޭނާގެ ދެލޯ ފުރިގެންއައެވެ. ނާހިދުގެ އެ ދުރުކަން ކޮންމެވެސް އެއްދުވަހަކުން އޭނާ މޮޔަކޮށްލަފާނެއެވެ.

"ވައި.....ވައި ނާހިދު؟" ކަރުނައިގެ ތެރެއިން އަޒްކާއަށް ބުނެވުނެވެ.

************

ނާހިދު ދެކެ އަޒްކާއަށް ވެވިފައިވާ ލޯތްބެއްގެ ސަބަބުން އޭނާއަށް އަންނަމުންދާ ބަދަލުތައް އެންމެ ކައިރިން ފެންނަމުން ދަނީ މޯހަންދާސްއަށެވެ. އަޒްކާގެ އުޅުމުގައި ކުރިއަށްވުރެ ވެސް މަޑުމައިތިރިކަމެއް ހުންނަކަން މޯހަންދާސްއަށް ފާހަގަވިއެވެ. އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބު ހޯދަން މޯހަންދާސް އެވާހަކަތައް ހިއްސާކުރީ އޭނާގެ އަނބިމީހާއާއެވެ.

"އިނާއަކަށް ހިއެއްނުވޭތަ އެމަންޖެ ކަމަކާ ވިސްނާހެން؟" ވަގުތަކީ ހަވީރުގެ ވަގުތެވެ. ދެމަފިރިން މަޑުކޮށްލައިގެން ތިބީ ޓެރަސްމަތީގައި ބަހައްޓާފައި ހުރި އުނދޯއްޔެއްގައެވެ.

"އެއުމުރުގެ ކުދިންނަށް އެކަހަލަ ބަދަލުތައް އަންނާނެ. ﷲ އިރާދަކުރެއްވިއްޔާ އެކަންތައްތައް ނިމިގެންދާނީ އަހަރެމެންނަށް އުފާވެރި ހަބަރެއް ގެނުވަމުން" ދެމާނަ އެކުލެވޭ ރާގެއްގައި އިނާޝާ އޭނާގެ ފިރިމީހާއާ ވާހަކަދައްކަމުން ދިޔައެވެ.

"ތިބުނީ؟ އިނާއަށް ކިހިނެއް އެނގުނީ ތިހެންބުނަން" ހައިރާންކަން އެކުލެވިގެންވި ބެލުމަކުން އިނާޝާއަށް ބަލައިލަމުން މޯހަންދާސް ބުނެލިއެވެ.

"މިބުނީ އަޒްކާއަކީ އަހަރެމެންގެ ދަރިއެއްނު. އެކުއްޖާއަށް އުފަލެއް ލިބިއްޖިއްޔާ އަހަރެމެންވެސް އުފަލެއްނުވާނީ. ވެދާނެއެއްނު އުފަލެއް ލިބެންއުޅޭ ކަމަށްވެސް" އިނާޝާ ވާހަކަދެއްކިއެވެ.

"އެމަންޖެއަށް ކިތައް އަހަރުތަވީ މިހާރު" މޯހަންދާސް އަހާލިއެވެ.

"މީގެ ދެދުވަސް ކުރިން ސަތާރަ އަހަރު އެވީ" އިނާޝާ ބުނެލިއެވެ. އޭނާއަށް އެކަން އެނގުނީ އެވާހަކަ ނާހިދު ބުނުމުންނެވެ.

"އެހެންތަ! ކުރިން ތިވާހަކަ ބުނިނަމަ..." މޯހަންދާސް އޭނާގެ ޖީބުގައި އޮތް ފޯނުނަގައި އަޒްކާއަށް ގުޅައިލިއެވެ. އަދި އުނދަގުލަކަށް ނުވާނަމަ ޓެރަސްއަށް އައުމަށް އެދުނެވެ.

ކުޑައިރުކޮޅެއްފަހުން އަޒްކާ އިނީ އެދެމަފިރިން ކައިރީގައި ޓެރަސްމަތީގައެވެ. މޯހަންދާސް ދައްކަންއުޅޭ ވާހަކައެއް ނެނގޭތީ އޭނާ އިނީ ކަންބޮޑުވެފައެވެ.

"އުފަންދުވަސް އައިއްސަ ދިޔައިރު ބޭބެމެން ކައިރީ ނުވެސް ބުނަމެއްނު. މިއީ ދުރުބައެއް ނޫނޭ ނުބުނަންތަ؟" މޯހަންދާސް ލޯތްބާއެކު ވާހަކަދެއްކިއެވެ.

"އަޅުގަނޑުވެސް ހަނދާނެއް ނެތް. އެހެންނޫނަސް އުފަންދުވަސް އަޅުގަނޑު ފާހަގަކުރީ ކުރީގަ. މިހާރު މީ ކުރީގެ އަޒްކާއެއްނޫން. އެހެންވީމަ އެކަހަލަ ދުވަސްތައް ރަނގަޅީވެސް އަޅުގަނޑަށް ހަނދާންނުވިއްޔާ" އަޒްކާ ބުނެލިއެވެ.

"އަލްހަމްދުލިއްލާހް.... ދަރިފުޅު ކޮންކަމެއް ބޭނުމީ ބޭބެމެންގެ ފަރާތުން" މޯހަންދާސް ބުނެލިއެވެ. އަޒްކާއަށް ހައިރާންކަމާއެކު ވަކިވަކިން އެދެމަފިރިންގެ މޫނަށް ބަލާލެވުނެވެ.

"ބުނަން ފަސްނުޖެހޭ. އަޒްކާ މިގޭގައި ތިއުޅެނީ ބޭބެމެންގެ ދަރިއެއްގެ ގޮތުގައި. ވީއިރު ތި ދަރިފުޅަށްޓަކައި ބޭނުންވާ ކަންތައްތައް ކޮށްދިނުމަކީ ބޭބެމެން ދެކޭ ގޮތުގައި ބޭބެމެންގެ ޒިންމާއެއް. އެހެންވީމަ ފަސްނުޖެހި އަވަހަށް ބުނޭ" މޯހަންދާސް އަޒްކާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

"އަޅުގަނޑުގެ މާޒީގައި އުޅެން ޖެހުނު ގޮތުން ކިޔަވަން ފުރުސަތެއް ނުލިބޭ. އަޅުގަނޑު ވަރަށްބޮޑަށް ކިޔަވަން ބޭނުން. އެފުރުސަތު އަޅުގަނޑަށް ލިބުނިއްޔާ ވަރަށް އުފާވާނެ" އަޒްކާ ހިތަށްކުރި އަސަރެއްގެ ބޮޑުކަމުން އޭނާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

"ތިއީ އެއްވެސް ކަމެއް ނޫނެއްނު. ކޯޗެއް ކިޔަވަން ބޭނުންވަނީ" މޯހަންދާސް އަހައިލިއެވެ.

"ވަރަށް ކުޑައިރުއްސުރެވެސް ނަރުހަކަށް ވާހިތްވޭ. އިންސާނިއްޔަތަށްޓަކައި ޚިދުމަތް ކުރުމަކީ އަޅުގަނޑު އަބަދުވެސް ދެކޭ ހުވަފެނެއް" އަޒްކާ ބުނެލިއެވެ.

"އިރާދަކުރެއްވިއްޔާ ބޭބެމެން މިއަދުން ފެށިގެން ދަރިފުޅުގެ ތިއެދުން ފުރިހަމަކޮށްދިނުމަށް މަސައްކަތް މިފެށީ..." އަޒްކާއަށް މޯހަންދާސްގެ މޭގައި ބޯ އަޅައިލެވުނެވެ. މިއަދު އޭނާއަށް މޯހަންދާސްއާއި އިނާޝާގެ ފަރާތުން މަޔަކާއި ބަފައެއްގެ ލޯބި އިހުސާސް ކުރެވެން ފަށައިފިއެވެ. އޭނާއަށް މަދުވަނީ ހަމައެކަނި ހިތުގެ ހިތްހަމަޖެހުމެވެ. އެ ހަމަޖެހުން ގުޅިފައިވަނީ ނާހިދާއެވެ. މާހިލްއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު ކުރެވުނު އިހުސާސްތަކާއި މުޅިން ތަފާތު އިހުސާސްތަކެއް މިހާރު އޭނާއަށް އެބަކުރެވެއެވެ. އޭނާ ނާހިދު ދެކެ ވަނީ އެއަށްވުރެ މާތް ލޯތްބެކެވެ. އޭނާ ނާހިދާ ރައްޓެހިވެގެން ދުވަސްތައް ހޭދަކުރަން ބޭނުމެއްނުވެއެވެ. ބޭނުންވަނީ ކައިވެނީގެ މަތިވެރި ގުޅުމުން ނާހިދާ ގުޅޭށެވެ.

(ނުނިމޭ)