އުރީދޫ

އުރީދޫ މޯލްޑިވްސްގެ "ފަތާލަމާ" ޕްރޮގްރާމް ތައާރަފްކޮށްފި

ކުޑަކުދީންނަށް ރައްކާތެރިކަމާއެކު ފަތަން ދަސްކޮށްދީ، ނުރައްކާތެރި ހާލަތުތަކުގައި ކަންކުރަންވާ ގޮތް އުނގަންނައިދިނުމަށް، އުރީދޫ އާއި ސްވިމް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ "ފަތާލަމާ" ސްވިމިންގ ކޭމްޕް މިއަދު ފަށައިފި އެވެ.

ސްވިމް މޯލްޑިވްސް އިން ބ. އަތޮޅުގައި ކުރިއަށްގެންދާ "ބާ ކްރޯލް" ގެ އިފްތިތާހީ ހަރަކާތުގައި، މިއަދު ހެނދުނު "ފަތާލަމާ" ސްވިމިންގ ކޭމްޕް ތައާރަފް ކޮށްދެއްވީ، މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަހީދު އާއި އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒުގެ އިތުރުން ސްވިމް މޯލްޑިވްސްގެ ފައުންޑަރ ހުސެން ޝަމީމް އެވެ.

އުރީދޫ އިން ބުނި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މި ތަމްރީނު ޕްރޮގްރާމް ތަކުގައި، ވާދަވެރިކޮށް ފެތުމުގެ އުކުޅުތައް ދައްކުވައިދީ، ފެތުމުގެ ދާއިރާއަށް ނުކުތުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުކުރާނެ އެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ ކޭމްޕުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހު ފުރަތަމަ ހަފުތާގެ ތެރޭގައި ބ އަތޮޅުގެ ހަތް ރަށެއްގައެވެ.

އެއީ އޭދަފުށި، ދަރަވަންދޫ، ދޮންފަނު، ކިހާދޫ، ކުޑަރިކިލު އަދި ކެންދޫ އެވެ.

އުރީދޫން ބުނީ، ކުރިއަތް އޮތް ތަނުގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްތަކެއްގައި މި ކޭމްޕުތައް ކުރިއަށް ގެންއިދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އުރީދޫ ކަލަރ ރަން، މަސްރޭސް އަދި ތަފާތު ކުޅިވަރުތަކަށް ފޯރުކޮށްދޭ އެހީތެރިކަން މެދުވެރިކޮށް، ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރުމަށްޓަކައި އުރީދޫން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އަދި ސްވިމް މޯލްޑިވްސް ފަދަ ތަފާތު ޕާޓްނަރުންނާ ގުޅިގެން، މި މަސައްކަތް ކުރިއަށް އޮތްތަނުގައިވެސް ކުރިއަށްގެންދާނެ ކަމަށް އުރީދޫން ބުނެ އެވެ.