ވިޔަފާރި

ފަހު ކުއާޓަރުގައި ބީއެމްއެލްއަށް ފައިދާގެ ގޮތުގައި 277 މިލިއަން ރުފިޔާ

އަހުމަދު ޖައިޝަން

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީ ޓެކްސަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް 277 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނީ މިިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރު ނުވަތަ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީއަކީ ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއަށްވުރެ ތިން ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ.

މިދިޔަ އަހަރު ގިނަ ހަރަދުތަކެއް ކުރުމުންވެސް އެކުންފުންޏަށް ފައިދާވާ އާމްދަނީއެއް ލިބުމުން މިދިޔަ އަހަރަކީ ކާމިިޔާބު އަހަރެއް ކަމުގައި ބީއެމްއެލުން ވަނީ ބުނެފައެވެ.

ހިދުމަތް ފުޅާ ކުރުމަށްޓަކައި މިދިޔަ ކުއާޓާގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން ހިންގުމުގެ ހަރަދު އިތުރުކުރުމާއި އަލަށް ބޭނުން ކުރަން ފަށާފައިވާ އެކައުންޓިން ސްޓޭންޑަޑް އައިއެފްއާރުއެސް 9ގެ ދަށުން ލޯނު ޕްރޮވިޝަންގެ ގޮތުގައި ބަހައްޓަންޖެހޭ މިންވަރު އިތުރުވެފައިވުމާއި "އަހަރެންގެ ބޭންކު" ޕްރޮގްރާމުގެ ދަށުން މުޖުތަމައުއަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކޮށްފައިވާ ކަމަށް ބޭންކުން ފާހަގަކުރެއެވެ.

ބޭންކުން ބުނީ މާލީ ހިސާބުތައް އޮޑިޓް ކުރުމުގެ މަސައްކަތްކުރިއަށް ދާތީ، މުޅި އަހަރުގެ ނަތީޖާ ބޭންކުން އަދި ހާމަކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް މިދިޔަ އަހަރު ހޯދުނު މާލީ ނަތީޖާއަކީ އުއްމީދުކުރި ވަރަށްވުރެ ރަނގަޅު ނަތީޖާއަކަށްވާނެ ކަމަށް ބީއެމްއެލުން ވަނީ ލަފާކޮށްފައެވެ.

ބޭންކް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ ކުންފުންޏަށް ކާމިޔާބީއެއް ލިބުމުގެ ފަހަތުގައި ވަނީ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ.

"މިދިޔަ އަހަރު މާލީ ގޮތުން ކާމިޔާބު ހޯދައި، ވިޔަފާރި އިތުރަށް ފުޅާކުރެވި، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމާއި ބޭންކިންގ ނެޓްވޯކް އިތުރަށް ފުޅާކުރުމަށް ކުރެވިގެންދިޔަ މަސައްކަތްތައް އެކުއެކީގައި ކާމިޔާބު ކަމާއެކީ ކުރިއަށް ގެންދެވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އޭނާ ވިދާޅުވިއެވެ.