އެލައިޑް އިންޝުއަރެންސް

އެލައިޑްގެ ހުސްވި އަހަރުގެ ފައިދާ 95 ޕަަސެންޓު އިތުރުވެ ރެކޯޑް އަދަދަކަށް އަރައިފި

އެލައިޑް އިންޝުއަރެސްގެ ސާފު ފައިދާ %95 އިތުރުވެ، ރެކޯޑް އަދަދަކަށް އަރައިފައިވާ ކަމަށް، އިއްޔެއާ ހަމައަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި، އަހުމަދު އަމީލް ވިދާޅުވެއްޖެ އެވެ.

އެލައިޑް އިންޝުއަރެސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރޭ ބޭއްވި ހަފުލާގައި، ވާހަކަ ދައްކަވަމުން އަމީލް ވިދާޅުވީ، ހުސްވި އަހަރު އެލައިޑަށް ލިބިފައިވާ %95 ފައިދާ އަކީ މިހާތަނަށް އަހަރު ދުވަހެއްގެ ތެރޭގައި ކުންފުންޏަކަށް ލިބުނު އެންމެ ބޮޑު ފައިދާ ކަމަށެވެ.

"ދެހާސް އަށާރަވަނަ އަހަރަކީ، އެލައިޑަށް ވަރަށް ކާމިޔާބު އަހަރެއް. އެލައިޑްގެ ތާރީހުގައިވެސް މިހާ ފުރިހަމައަށް ނިންމައިލެވުނު އަހަރެއް ނެތްކަމަށް ކެރި ހުރެެގެން އަޅުގަނޑު ދަންނަވަން. އޭގެ ސަބަބުތައްވެސް އެބަހުރި. އޭގެ ކުރީ އަހަރާ އަޅައިބަލާފަ، އެލައިޑް އިންޝުއަރެންސަށް 95 ޕަސެންޓްގެ ނެޓް ޕްރޮފިޓް ގްރޯތެއް އައިސްފަ ވަނީ. މިއީ އަޅުގަނޑަށް ދޮގު ނޫން ކަމަށް ވާނަމަ ރާއްޖޭގެ ކޯޕަރޭޓް ތާރީހުގަވެސް މިހާބޮޑު ޖަންޕެއް އެއްކުންފުންޏަކުން އައިސްފަ އޮތް ފުރަތަމަ ފަހަރު،" އަމީލް ވިދާޅުވި އެވެ.

އަމީލް ވިދާޅުވިގޮތުގައި، ހުސްވި އަހަރު ކުންފުނީގެ، ފައިދާ އިތުރުވެފައިވާއިރު އިންޝުއަރެންސް ކެޕޭސިޓީ، އިންޝުއަ ކުރުމުގެ ގާބިލުކަން ވެސް 140 މިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. އަދި 2018 ވަނަ އަހަރުގެ ތެރޭގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 130 މިލިއަން ރުފިޔާ ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރޭގެ ހަފްލާގައި މިއަހަރުގެ ތެރޭގައި އެލައިޑުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަންތައްތަކާބެހޭގޮތުން ވާހަކަ ދެއްކެވީ އިއްޔެއިން ފެށިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި މިހާރުގެ އެމްޑީ މުހައްމަދު ޝަފާޒް އެވެ. އޭނާ ވިދާޅުވީ، އެލައިޑުން މިއަހަރުވެސް ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރޭ އެލައިޑުން ވަނީ، އިންޝުއަރެންސްގެ އާ ޕޮލިސީތަކެއް ތައާރަފުކޮށްފައެވެ. އޭގެތެރޭގައި ބޯޓު އިންޝުއަރެންސްގެ އާ ޕޮލިސީތަކެއްގެ އިތުރުން އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ތައާރަފްކުރި ލައިފް އިންޝުރެންސްގެ ހިދުމަތް ހިމެނެއެވެ.