ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯ އަށް މިފަހަރުވެސް ޕޯޗުގަލް ސްކޮޑުން ޖާގައެއް ނެތް

އަހުމަދު ޔަޝާއު

ކުރިއަށް އޮތް ޔޫއެފްއާ ނޭޝަންސް ލީގުގައި ޕޯޗުގަލް އާއި ޕޮލެންޑު މިމަހުގެ 11 ވަނަ ދުވަހު ބައްދަލުކުރާ މެޗާއި، މިމަހުގެ 14 ވަނަ ދުވަހު ސްކޮޓްލެންޑާއި އެކު ކުޅުމަށް ހަމަޖެހިފައިއޮތް ރަހުމަތްތެރިކަމުގެ މެޗަށް ނެގި ޕޯޗުގަލް ޓީމުގައި، ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވާ ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މިފަހަރުވެސް ނުހިމަނާކަމަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޮސް ބުނެފިއެވެ.

ސެޕްޓެމްބަރު މަހު އިޓަލީ އާއި ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅުނު މެޗަށް ނެގި ޕޯޗުގަލް ޓީމުންވެސް ރޮނާލްޑޯއަށް ޖާގަ ދީފައެއް ނުވެއެވެ. އެފަހަރު ރޮނާލްޑޯ އަރާމުކުރަން ވަގުތު ދިނުމަށާއި، ޔުވެންޓަސްއަށް ބަދަލުވެ ޓީމަށް ހޭނެންޖެހޭތީކަމަށް ބުނެ އޭނާގެ އެދުމުގެ މަތިން އެފަހަރު ރޮނާލްޑޯ ޓީމަށް ނަގާފައެއް ނުވެއެވެ.

މިފަހަރު ރޮނާލްޑޯއަށް ޓީމުން ޖާގަނުދިނީ ދާދިފަހުން ކެތްރީން މަޔޮރްގާ ކިޔާ އަންހެނަކު 2009 ވަނަ އަހަރު އެމެރިކާގެ ލާސް ވޭގަސްގައި ރޮނާލްޑޯ އޭނާ އަށް އަނިޔާކޮށް ރޭޕް ކުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން ކަމަށް ބައެއް މީޑިއާ ތަކުން ހަބަރު ފަތުރަމުން ދެއެވެ. ނަމަވެސް، ރޮނާލްޑޯ ވަނީ މި ޚަބަރުތަކަކީ ދޮގު ހަބަރުތަކެއް ކަމަށާއި އެއީ އޭނާ ބަދުނާމުކުރަން ދައްކާ ވާހަކަތަކެއްކަމަށް ދާދިފަހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޮސް ބުނެފައިވަނީ މިމަހު ކުޅޭ މެޗުތަކާއި ނޮވެންބަރު މަހު ކުޅޭ މެޗުތަކުން ރޮނާލްޑޯއަށް ޖާގަ ނެތްކަމަށާއި، މި ނިންމުމަކީ ރޮނާލްޑޯ އާއި އޭނާއާއި ޕޯޗުގަލްގެ ފުޓުބޯލަ ފެޑެރޭޝަނާ ގުޅިގެން ވާހަކަދެކެވި ނިންމި ނިންމުމެއް ކަމަށެވެ. ނަމަވެސް، އެ ތިން ފަރާތުގެ މެދުގައި ދެކެވުނު ވާހަކަތަކަކީ 'ޕްރައިވެޓް އަދި ޕާސަނަލް' ވާހަކަތަކެއްކަމަށް ބުނެ، އެއީ ކޮން ވާހަކަތަކެއްކަން އޭނާ ހާމައެއް ނުކުރެއެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑުން އިޓަލީގެ ޔުވެންޓަސްއަށް 99.2 މިލިއަން ޕައުންޑުގެ އަގަކަށް ބަދަލުވި ރޮނާލްޑޯ އަށް ވެލެންސިއާ މެޗުގައި ދައްކާފައިވާ ރަތްކާޑުގެ ސަބަބުން މިހަފްތާގެ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާއި ޔަންގް ބޯއީސް ކުޅުނު މެޗުގައި އޭނާ ކުޅެފައެއް ނުވެއެވެ.

ރޮނާލްޑޯ ވަނީ ޕޯޗުގަލް ޤައުމީ ޓީމަށް 154 މެޗު ކުޅެދީ 85 ގޯލު ޖަހާފައެވެ. އަދި އޭނާއަކީ އެޓީމުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާއެވެ. މީގެއިތުރުން އޭނާ ވަނީ ޕޯޗުގަލްގެ ޤައުމީ ޓީމަށް ޔޫރޯ 2016 ކާމިޔާބުކޮށްދިނުމުގައި މުޙިއްމު ދައުރެއް އަދާކޮށްފައެވެ.