ޚަބަރު

ދޯންޏެއްގައިއޮތް ހާލުބޮޑު ބަލިމީހަކާއި، ކުޑަކުދިންތަކަކާއި ފަސް އަންހެނުން ކޯސްޓްޑާގުން މާލެ ގެނެސްފި

ލ.ގަމުން ފުރައިގެން މާލެ ދަތުރުކުރި "އަމަން" ނަމަކަށްކިޔާ ދޯންޏެއްގައި އޮތް ހާލުބޮޑު ބަލިމީހަކާއި އިތުރު ދޯންޏަކުން ފަސް ހުޑަކުދިންނާއި، ފަސް އަހެނުން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފުން ބުނީ، މިހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 06:33 އެހާކަންހާއިރު، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސީ އެމްބިއުލާންސް ވަނީ ވަގުތުން ހަރަކާތްތެރިވެފައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު "އަމަން" ދޯނީން ހާލުބޮޑުވެގެން މާލެ ގެނައީ، އެ ދޯނީގެ އިންޖީން ރޫމަށް ފޭބިފަހުން ހާލުދެރަވި އުމުރުން 35 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އެ ހާދިސާ ހިނގާފައި ވަނީ ވ.އަތޮޅު ފުސްފަރާ ހިސާބުންނެވެ.

އެ ބަލިމީހާ މިއަދު 10:40 ހާއިރު މާލެ ގެނެސް މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ "އަމަން" ދޯނީގެ ބަލިމީހާ ގޮވައިގެން ސީ އެމްބިއުލާންސް މާލެއަށް ކުރި ދަތުރުގައި، ދ.އަތޮޅު ކުޑަހުވަދޫން ފުރައިގެން މާލެ ދަތުރުކުރި "ވައިލެޓް" ބޯޓްގައި ތިބި ފަސް ކުޑަކުދިންނާއި ފަސް އަންހެނުން ވެސް ވަނީ ސީއެމްބިއުލާންސްގައި މާލެ ގެނެސްފައި ކަމަށެވެ.

ވައިލެޓް ބޯޓްގައި ތިބި ކުޑަކުދީންނާއި އަންހެނުން މާލެ ގެނެސްފައި ވަނީ އެ ބޯޓްގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ އެމްއާރުސީސީގެ އެހީތެރިކަމަށް އެދުމުންނެވެ.