އެފްއޭއެމް

ކުޅުންތެރިޔަކަށް ތިންމަހު މުސާރަނުދީފިނަމަ ކޮންޓްރެކްޓް ބާޠިލްވާނެ: އެފް.އޭ.އެމް

އަހުމަދު ޔަޝާއު

އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ކްލަބްތަކުގެ ކުޅުންތެރިންގެ މުސާރަ ކަނޑައަޅާނީ އެފް.އޭ.އެމް އިން ކަމަށާއި، ކުޅުންތެރިޔަކަށް މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި ގިނަވެގެން ދެވޭނީ 40,000 (ސާޅީސް ހާސް) ރުފިޔާކަމަށާއި، އެއީ ދި މަހުގެ ސީޒަނަކަށް 400,000 (ހަތަރު ލައްކަ) ރުފިޔާ ކަމަށާއި، ކޮންމެ ކުޅުންތެރިޔަކު ކްލަބާއިއެކު މަދުވެގެން ތިން އަހަރަށް ކޮންޓްރެކްޓް ހަދަންޖެހޭނެކަމަށް އެފް.އޭ.އެމް އިން މިއަދު ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ކްލަބް ތަކަށް މިހާރު ދިމާވެގެންއުޅޭ މާލީ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ނިޔަތުގައި މިއަދު ދިވެހިރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަންގެ މައި އިދާރާގައި ބޭއްވި ނޫސް ކޮންފެރެންސްގައި ވާހަކަ ދައްކަމުން އެ އެސޯސިއޭޝަނުގެ ރައީސް ބައްސާލް އަދީލް ޖަލީލް ވިދާޅުވީ، މި ނިންމުމަކީ ކްލަބްތަކާއި ކުޅުންތެރިންނާ މަޝްވަރާކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށާއި، މީގެ ސަބަބުން ފައިދާހުރި ގޮތެއްގައި ކްލަބްތަކުގެ ހިންގުން ކުރިއަށްގެންދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ކުޅިންތެރިޔަކު ނިސްބަތްވާ ކުލަބަކުން ޖެހިޖެހިގެން ތިން މަސް ދުވަހު މުސާރަނުދީފި ނަމަ، އެ ކުޅުންތެރިޔަކާއި ކުލަބާ ދެމެދު އޮތް ކޮންޓްރެކްޓް އޮޓޮމެޓިކުން ބާތިލްވާ ގޮތަށް ވެސް އެފްއޭއެމުން ނިންމާފައިވެއެވެ. އެފް.އޭ.އެމްގެ މި ނިންމުމަކީ، ރާއްޖޭގެ ގިނަ ކްލަބްތަކަށް މާލީ ގޮތުން ދިމާވެފައިވާ ދަތިތަކުން ޓީމުތައް އެރުވުމަށް ކުރާ މަސައްކަތުގެ ބައެއްކަމަށާއި، އަންނަ އަހަރު ކްލަބްތަކަށް މީގެ ސަބަބުން ފައިދާކުރާނެކަމަށް ބައްސާމް ވިދާޅުވިއެވެ.

ކޮންޓްރެކްޓް ތަކުގައި ބޮޑެތި މުސާރަ އާއި އިނާޔަތްތައް ޖަހާ، އެ ނުދެވިގެން އުޅޭތަން މިހާރު މިދިމާވަނީ. އަދި އެ ނުލިބިގެން ހޯދަންއުޅޭ ކުޅުންތެރިޔާއަށް މި އޮންނަނީ ބޮޑު ޕްރޮސެސްއެއް. ކުރިއަށް އޮތްތާނގައި އެހެނެއް ނުވާނެ. ތިންމަސްދުވަހު މުސާރަ ނުދީފިއްޔާ އޮޓޯމެޓިކުން ކޮންޓްރެކްޓް ބާޠިލް ވާނެ.
ބައްސާމް އަދީލް ޖަލީލް

ރާއްޖޭގެ ކްލަބްތަކަށް މިހާރު ދިމާވެގެން އުޅޭ މާލީ ދަތިކަމުގެ ސަބަބުން ރާއްޖޭގެ އެންމެ ތާރީހީ އެއް ކްލަބްކަމަށްވާ ވިކްޓަރީ ސްޕޯރޓްސް ކްލަބްވަނީ ރޭ ކްލަބް ޓީސީ އާއި ދެކޮޅަށް ކުޅެންއޮތް މެޗަށް ހާޒިރުވެސް ނުވެފައެވެ. ގިނަ ކުޅުންތެރިންތަކަކަށް މުސާރަނުދެވި، ޕްރެކްޓިސްވެސް ބޭއްވިފައި ނެތްއިރު އެޓީމުގެ ކޯޗު ލާސްލޯ ކިސް އާއި ޑެންމާކުގެ ބިދޭސީ ކުޅުންތެރިޔާ ކިމް އެލްގާޑުވެސް ވަނީ ފުރައިގެން ރަށަށް ގޮސްފައެވެ. މީގެ އިތުރުން ކްލަބް އީގަލްސްގެ ބިދޭސީ ދެކުޅުންތެރިންވެސް ފޮނުވާލިއިރު، މިނިވަން ޗެމްޕިއަންޝިޕުން ލީގުގައި ވާދަކުރާ ތިމަރަފުށީ ޓީމުންވެސް އަންނަނީ ލީގުގައި އެޓީމު ވާދަކުރާވަރަށް އެޓީމުގެ މާލީހާލަތު ތަންނުދޭކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

ބައްސާމް އިތުރަށް ވިދާޅުވީ މުސާރައިގެ އޮނިގަނޑު ހަދާނީ އެ އެސޯސިއޭޝަނުން ކަމަށާއި، އޭގައި މުސާރައިގެ ކެޓަގަރީތައް ހިމެނޭނެ ކަމަށާއި، ގައުމީ ޓީމުގެ ކުޅުންތެރިންގެ މުސާރަ ތަފާތުވާނެ ކަމަށެވެ. އަދި މުސާރަ ކަނޑައެޅުމުގައި ވަކި ކަންތައްތަކަކަށް ބަލާނެ ކަމަށާއި، އެގޮތުން ނިމިގެންދާ އަހަރު ކުޅުންތެރިޔާ ކުޅުނު ވަގުތާއި ދެއްކި ޕާފޯމަންސާއި އަދި ކުޅިވަރުގެ އިޖުތިމާޢީ އަހުލާގަށް ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.