ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްވެސް ޕްރޮމޯޓުކުރުމުގެ ގޮތުން ކޮންމެ ރަށަކަށް ހާއްސަ ވެބްސައިޓުތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ބުނެފިއެވެ.
މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "ވަން އޮންލައިން"އަށް މިއަދު ވިދާޅުވީ ރަށްތައް ޕްރޮމޯޓުކުރުމަށް މައި ޕޯޓަލްއެއް ހަދައި އެ ޕޯޓަލް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށްތަކަށް ހާއްސަ ވެބްސައިޓުތަކަށް ދެވޭނެ ގޮތް ހަދާނެ ކަމަށެވެ.
"އެ ޕޯޓަލް މެދުވެރިކޮށް ދެވޭނީ ކޮންމެ ރަށަކަށް ހާއްސަ ވެބްސައިޓްތަކަކަށް. އެ ވެބްސައިޓުތަކުގައި ރަށް ޕްރޮމޯޓުކުރުމުގެ ގޮތުން ރަށުގެ ހުރިހާ މުހިއްމު މައުލޫމާތު ތަކެއް ހުންނާނެ،" އޭނާ ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ ކޮންމެ ރަށަކަށް ހާއްސަ ވެބްސައިޓުތަކުގެ މަސައްކަތްވެސް މިހާރު ކުރަމުން ގެންދާއިރު އެ ވެބްސައިޓުތަކުގައި ހުންނާނީ ރަށުގެ މުހިއްމު މައުލޫމާތުތަކާއި އެރަށުގައި ހިމެނޭ މުހިއްމު ތަންތަން ކަމަށެވެ. އޭގެއިތުރުން ރަށްތަކުގެ މެދުގައި ދަތުރުކުރެވެން އޮތް ގޮތްތަކުގެ މައުލޫމާތުވެސް އެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ސޯލިހު ވިދާޅުވިއެވެ.
ރަށުގައި އާސާރީ ތަނެއް ހިމެނޭ ނަމަ އެތަނުގެ މައުލޫމާތާއި އިތުރު އެހެން މުހިއްމު މައުލޫމާތުތައްވެސް އެ ސައިޓުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ކުރަމުން ގެންދަނީ އެ ވެބްސައިޓުތަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކަމަށް ސޯލިހު ވިދާޅުވިއެވެ.
ވެބްސައިޓުތައް ހެދުމުން އެ ވެބްސައިޓުތައް ހިންގުމުގެ މަސައްކަތް ހަވާލު ކުރާނީ ރަށު ކައުންސިލާއެވެ. އަދި އެއާއެކު އެ ރަށުގައި އުޅޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެ ކަމަށް ސޯލިހު ވިދާޅުވިއެވެ.
"މިސާލަކަށް ޓުއަރިޒަމަށް ރަށް ޕްރޮމޯޓުކުރަން ރަށްތަކުން އާންމުންގެ ފަރާތްތަކުން ފޮޓޯތަކާއި ޑްރޯން ވީޑިއޯ އަދި ޕްރޮމޯޓުކުރާ ލިޔުންތައްވެސް. އެއީ ހުސް ވަޒީފާގެ ފުރުސަތު ނޫންތޯ؟"
ވެބްސައިޓުތަކުގައި ރަށުގައި ދިރިއުޅޭ ޒުވާނުންނަށް ފޮޓޯތަކާއި ވީޑިއޯ އަދި ރިޕޯޓުތައް ޝާއިއުކޮށް ހެދުމުގެ ފުރުސަތު ލިބޭނެއެވެ.
އަލީ ސޯލިހު ދާޅުވީ މިހާރު ވެބްސައިޓުގެ މަސައްކަތްތައް ވަނީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. ނަމަވެސް އެ ވެބްސައިޓުތައް ލޯންޗު ކުރާނެ ސީދާ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.