ކުޅިވަރު

ނަޕޯލީން ފަހު ވަގުތު ލިވަޕޫލް ބަލިކޮށް ގްރޫޕްގެ އެއްވަނައަށް

އަހުމަދު ޔަޝާއު

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނަޕޯލީގެ އަމިއްލަ ދަނޑުކަމަށްވާ ސްޓާޑިއޯ ސަން ޕައޮލޯގައި ކުޅުނު މެޗުގެ އެންމެ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު އެޓީމުން ލިވަޕޫލް ބަލިކޮށް ގްރޫޕް ސީ ގެ އެއްވަނަ މަޤާމަށް އަރައިފިއެވެ.

ރޭގެ މެޗުގައި ނަޕޯލީގެ ހަމައެކަނި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިންސީނިއޭއެވެ. އެޓީމުގެ ހޯސޭ ކައޭހޯން ދިން ޕާހަކުން އިންސީނިއޭ މިލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށްހުރެއެވެ.

ރޭގެ މެޗުގައި މޮޅަށްކުޅެ ގިނަ ހަމަލާތައް އުފެއްދީވެސް ނަޕޯލީންނެވެ. އެގޮތުން އެޓީމުގެ ކައޭހޯން އާއި ޑްރައިސް މާޓެންސް އާއި އިންސީނިއޭގެ އިތުރުން ފަބިއަން އަށް ލިބުނު ފުރުޞަތުތައް ފާހަގަކޮށްލެއެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުގެ މިޑްފީލްޑަރު ނަބީ ކެއިޓާއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބަދަލުކުރަން ޖެހުނެވެ.

މިއީ 2009 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ތާރީހުގައި ފަހުވަގުތު ވަން ލަނޑަކުން ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ. އެއަހަރު އެޓީމު ބަލިވީވެސް އިޓަލީގެ ޓީމެއް އަތުންނެވެ. ފިއޮރެންޓީނާގެ އަލްބާޓޯ ގިލާޑީނިއޯ އެ މެޗުގެ 92 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑުން ލިވަޕޫލް ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

މިއީ މި ސީޒަނުގައި ޖެހިޖެހިގެން ލިވަޕޫލަށް މޮޅެއްނުލިބި ނިމުނު ތިންވަނަ މެޗެވެ. ލީގުކަޕުން ޗެލްސީއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ކެޓިއިރު، ލީގުގައިވެސް ޗެލްސީއަތުން މޮޅެއްނުލިބި ވީ އެއްވަރެވެ. ރޭގެ މެޗުގައިވެސް ލިވަޕޫލަށް ނަޕޯލީގެ ގޯލަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މިއީ 2006 ވަނަ އަހަރު ޕޯޗުގަލްގެ ބެންފީކާ އަތުން ބަލިވި މެޗަށްފަހު ގޯލަށް އަމާޒުކޮށް ޝޮޓެއް ފޮނުވާނުލެވި ނިމުނު ފުރަތަމަ މެޗެވެ. އަދި މިއީ ނަޕޯލީގެ ކޯޗަކަށްހުރި ކާލޯ އަންޗެލޯޓީ ލިވަޕޫލް އާ ދެކޮޅަށް ކޯޗުކަން ކޮށްދިން ހަތަރުވަނަ މެޗެވެ. 2005 ވަނަ އަހަރުގެ ފައިނަލްގައި ލިވަޕޫލް ޕެނަލްޓީ ޖަހައިގެން އޭސީ މިލާން އަތުން މޮޅުވި މެޗުގެ އިތުރުން ދެން ކުޅުނު އަނެއް ތިންމެޗު ކާމިޔާބުކުރީ އަންޗެލޯޓީގެ ޓީމުންނެވެ.

މި ގްރޫޕްގައި ކުޅުނު އަނެއްމެޗު ރެޑް ސްޓާރ ބެލްގްރޭޑްއާ ވާދަކޮށް 1-6 ގެ ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ޕީ.އެސް.ޖީ އިން ވެސްވަނީ މޮޅެއް ހޯދާފައެވެ. ބްރެޒިލްގެ ތަރި ނޭމާ ހެޓްރިކެއް ހެދިއިރު، އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީ އާއި، އެންހޭލް ޑި މަރިއާ އާއި ކިލިއަން އެމްބާޕޭއެވެ. ރެޑް ސްޓާރ އަށް ސުން ކަނޑުވާލަދިނީ ކުރިން ޗެލްސީއަށް ކުޅުނު ޖަރުމަނުގެ މާކޯ މަރިން އެވެ.

މި ގްރޫޕްގެ އެއްވަނައިގައި ނަޕޯލީ 4 ޕޮއިންޓާއެކު އޮތްއިރު ލިވަޕޫލާއި ޕީ.އެސް.ޖީ އޮތީ ތިން ޕޮއިންޓާއެކުއެވެ. އަދި އެންމެ ފުލުގައި ރެޑް ސްޓާރ އޮތީ އެއް ޕޮއިންޓާއެކުއެވެ.