ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

މަރުތަކާއި ހިތާމަވެރި ހާދިސާތައް މަދުކުރުމާ ގުޅޭގޮތުން ހޯމް މިނިސްޓަރާއި ޖެންޑާ މިނިސްޓަރު މަޝްވަރާކުރައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ފަހަކަށް އައިސް މަރުތަކާއި ހިތާމަވެރި ހާދިސާތަކެއް ހިނގުމާ ގުޅިގެން، ކުރިއަަށް އޮތް ތަނުގައި އެފަދަ ހާދިސާތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އާއި ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝިދާތާ ވަނީ މަރުތަކާއި ހިތާމަވެރި ހާދިސާތަކުގައި ކުޑަކުދީންނާއި އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުން ހިމެނޭތީ ކަންބޮޑުވުން ފާޅުކުރައްވާފައި ކަމަށެވެ.

އަދި ގޭންގް ކުށްތަކުގައި ބައެއް ފަރާތްތަކުން ކުޑަކުދީން ޝާމިލުކުރާކަން ފާހަގަކުރައްވައި، އެފަދަ ކުށްތަކުން ކުޑަކުދީން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން މިނިސްޓަރު ޝިދާތާ މަޝްވަރާކުރެއްވި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި މިބައްދަލުކުރެއްވުމުގައި ޝިދާތާ ވަނީ ހާއްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ޖެންޑާ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ އެންމެ އިސް ވާޖިބުކަން ފާހަގަކުރައްވައިފައެވެ. އަދި އެފަދަ މައްސަލަތައް ތަހުގީގުކޮށް އިންސާފު ލިބިގެންދާކަން ކަށަވަރުކުރުމަކީ ވެސް މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން ވަނީ ޖެންޑާ މިނިސްްޓްރީގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުފައެވެ.