ފުރާނަދަންދެން

ފުރާނަދަންދެން - 03

2

(ތިންނަބައި - 21 ޖެނުއަރީގެ އަދަދާ ގުޅޭ)

ހެނދުނު ހޭލީއްސުރެ ފެށިގެން އަޒްކާ އުޅުނީ މޭނުބައިކޮށް ބޯއަނބުރާތީއެވެ. ފަތިސް ނަމާދުކޮށްގެން ހުރިހާ މީހުން ހޭލުމުގެ ކުރިން ބަދިގެއަށް ވަދެ ކޮފީތައްޓެއް ގިރައިގެން ގޮސް ވަނީ ކޮޓަރިއަށެވެ. ގޮހޮރުގައި އެތިފޮދު ހަރުނުލައި ހުރިހާ އެއްޗެއް ދިޔައީ ހޮޑަށެވެ. ވަރުބަލި ވާވަރުން އެނދުގައި އޮތީ ނުގުޅޭ ކާއެއްޗެއް ކެވުނީކަމަށް ހީކޮށެވެ. އޭނާއަށް ނިދިފައި ހޭލެވުނީ ކައިރީގައި އޮތް ފޯނު ރިންގުވީ އަޑަށެވެ. ވަރުބަލި ކަމާއެކު ދެލޯ ހުޅުވައިލުމަށްފަހު ފޯނު ނަގައި ބަލައިލިއެވެ. ފޯނަށް އަރާއިން ނާހިދުގެ ނަން ފެނުމުން ބާލީހުގައި ލެގިލިއެވެ. އަދި ފޯނުނަގައި ކަންފަތުގައި ޖަހައިލިއެވެ.

"މީކާ ބުނީ އަޒްކީ ސައިނުބޯ ވާހަކަ. ބަލީތަ؟" އަޒްކާއަށް ހަލޯ އޭ ވެސް ނުބުނެވެނީސް އެކޮޅުން ނާހިދުގެ އަޑު އިވުނެވެ.

"ބައްޔެއްނޫން. ކުޑަކޮށް ބޮލުގައި ރިއްސާތީ ޖައްސާލިތަނާ ނިދުނީ" އަޒްކާ ބުނެލިއެވެ.

"ދޭ އަވަހަށް ސައިބޯން. މަންމަ ވެސް ސަޔެއް ނުބޮޔޯ އަޒްކީއަށް ވީގޮތެއް ނޭނގުނީމަ" ނާހިދު ބުނެލިއެވެ. އަޒްކާ އަވަސްވެގަތީ އަވަހަށް ތިރިއަށް ދިޔުމަށެވެ. އޭނާގެ ސަބަބުން އިނާޝާގެ ސައިގަޑި ކަޓާފައިވާކަން އެނގުމުން ދެރަވިއެވެ. އަޒްކާ ފެންވަރާލައިގެން ތިރިއަށް ފޭބިއިރު ބޯއެނބުރުން ވަނީ ކޮންމެވެސް ވަރަކަށް ރަނގަޅުވެފައެވެ. އޭނާ މަޑުމަޑުން ހިނގާފައި ގޮސް އިނާޝާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. ކުޑައިރުކޮޅަކުން އިނާޝާ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި އިނާޝާއަށް އަޒްކާ ފެނުމާއެކު ހިނިތުންވިއެވެ.

"ސޮރީ... ބޮލުގައި ރިއްސާތީ ޖައްސާލިތަނާ ނިދުނީ" އަޒްކާ ބުނެލިއެވެ. އިނާޝާ ހީލަމުން އަޒްކާގެ މޫނުގައި ފިރުމާލިއެވެ. އިނާޝާގެ އެއަމަލުން އޭނާގެ ހިތް ސާފުކަން އަޒްކާއަށް އެނގުނެވެ. އިނާޝާ އޭނާގެ އަތުގައި އޮތް އިންގްލިޝް ވާހަކަފޮތް ކަބަޑުމަތީގައި ބޭއްވުމަށްފަހު ދިޔައީ އަލަމާރި ކައިރިއަށެވެ. ދެން އައީ އޭނާގެ އަތް ދަބަސް ހިފައިގެންނެވެ. އެއަށްފަހު ގޮސް ހުއްޓުނީ އަޒްކާގެ ކުރިމަތީގައެވެ. އަޒްކާ ހުރީ ވާނުވާ ނޭނގިފައެވެ. އެންމެ ހައިރާންވީ އަޒްކާގެ އަތުގައި ހިފައިގެން ބޭރަށް ނިކުމެ ކާރަށް އެރުމުންނެވެ.

ގެއާ އެންމެ ކައިރީގައި ހުރި ރެސްޓޯރަންޓަށް ވަދެގެން ދިޔަ އިނާޝާއަށް ކައުންޓަރު ކައިރީގައި ހުރި ބުރުހާނުއްދީން ފެނުމާއެކު ހުއްޓުން އެރިއެވެ. އެތެރެހަށީގައި ހިނގަމުން ދިޔަ ލޭ ގަނޑުވި ކަހަލައެވެ. ހިތުގައި އުފެދުނު ބިރެއްގެ ސަބަބުން ނިތްމަތިން ދާތިކިތައް ފާޅުވިއެވެ. ދެލޮލުގެ ކަޅި ވަނީ އެއްދިމާއަކަށް އަމާޒުވެފައެވެ. އަޒްކާ ބަލައިލީ އިނާޝާ ބަލަންހުރި ދިމާލެވެ. އޭރު ބުރުހާނުއްދީންގެ ނަޒަރު ހުރީ އިނާޝާއަށް ހުއްޓިފައެވެ.

"ދައްތާ!" އަޒްކާ ކުރިއަށް ޖެހިލައި އިނާޝާގެ ކޮނޑުގައި ހިފާލިއެވެ. އޭރު އިނާޝާގެ ހަތަރެސްފައި ވަނީ ފިނިވެފައެވެ. އިނާޝާގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން އަޒްކާ އިނާޝާގެ ކުރިމައްޗަށް އަރައި ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ. އެއާއެކު އިނާޝާ ހަބަރު ހުސްވެގެން އަޒްކާގެ ދެއަތް މައްޗަށް ދެމުނެވެ. އަޒްކާއަށް ރޮއެގަނެވުނެވެ. އޭނާ އެހީއަށް އެދި ބަލައިލީ ބުރުހާނުއްދީނަށެވެ. އިނާޝާއަށް އެހީވުމަށް ބުރުހާނުއްދީން ކުރިއަށް ހިނގައިގަތަސް އިނާޝާ ދެއަތް މައްޗަށް އުފުލައިލައިގެން ނިކުތީ ބުރުހާނުއްދީންގެ ދަރިފުޅު މާހިލްއެވެ.

"ތިކޮށްދިން ހެޔޮކަންތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ތިކަންތައް އަބަދުވެސް ހަނދާނުގައި ބަހައްޓާނަން" މޯހަންދާސް ވާހަދެއްކީ އޭނާގެ ކޮޓަރީ ބޭރުގައި މަޑުކޮށްލައިގެން ހުރި މާހިލްއާއެވެ. އިނާޝާ އަނބުރައިގަތުމާއެކު ކާރަށް އެރުވީ މާހިލްއެވެ. އެއީ އަޒްކާ ބޭނުންވިގޮތެވެ. އެގޮތަށް ކަންތައްކުރަން އަޒްކާއަށް ލަފާދިނީ ނާހިދެވެ.

"އަޅުގަނޑު ދެން ގޮސްލަނީ. އެދައްތައަށް އަޅުގަނޑުގެ ސަލާން ބުނެދޭތި" މާހިލް އުއްމީދުކޮށްގެން ހުރީ އޭނާ ނިކުންނަ ވަގުތަށް އަޒްކާ ކޮޓަރިން ނިކުމެލާނެ ކަމަށެވެ. ނަމަވެސް އިނާޝާ ކައިރިއަށް ކޮޓަރިއަށް ވަންގޮތަށް ބޭރަށް ނިކުންނަން އަޒްކާ ބޭނުމެއްނުވިއެވެ.

"ނިދިފަ އޮތީ" މޯހަންދާސް ކޮޓަރިއަށް ވަނުމާއެކު އަޒްކާ ބުނެލިއެވެ. ސޯފާގައި އިން ނާހިދަށް ބަލައިލީ އޭނާ އައުމަށް ބުނެ އިޝާރާތް ކޮށްލުމުންނެވެ. އަޒްކާ އެނދުން ފައިބައިގެން ގޮސް ނާހިދު ކައިރިއަށް ހުއްޓުނެވެ. ދެކުދިން އެކީގައި ހިނގާފައި ގޮސް މަޑުކޮށްލީ އެކޮޓަރިން ނިކުމެވެން ހުންނަ ބެލްކަންޏަށެވެ. ރެއިލިންގް ކައިރީގައި ނާހިދު ހުއްޓުމުން ފަހަތުން ގޮސް އަޒްކާވެސް ހުއްޓުނެވެ.

"އަހަރެން ހާދަ ބިރެއްގަތޭ... އެމީހާ ފެނުމުން އެވީގޮތެއްވީ. އެއީ ކާކުތަ؟" އަޒްކާ އަހާލިއެވެ. ނާހިދު ހުރީ ދެއަތުން ރެއިލިންގްގައި ހިފަހައްޓާލައިގެންނެވެ. އޭނާގެ ނަޒަރު ސީދާވެފައިވަނީ މާލޭގެ އެކިސަރަހައްދުތަކުން އުފުލިފައިވާ ބޮޑެތި އިމާރާތްތަކަށް ހުއްޓިފައެވެ.

"އެއީ ކާކުކަން ބުނެދެވޭނީ މަންމައަށް. އަބަދުވެސް ތިބުނާ މީހަކު ފެނުމުން މަންމައަށް އެހެންވާނެ. އެހެންވެ ބައްޕަ ވަރަށް ނުނިކުންނާނެ މަންމަ ގޮވައިގެން ބޭރަށް. ދުވަސްކޮޅުކޮޅުން ބައްޕަ ދާނީ މަންމަ ގޮވައިގެން ބޭރަށް. އެއީ މަންމަ ހިތްހަމަޖައްސާލުމަށް. އަޒްކީއަށް އެނގޭތަ؟ އަހަރެން މިރޮނގުން ކިޔެވީވެސް މަންމައަށްޓަކައި. އެކަމުން މަންމަ ސަލާމަތްކުރުމަށްޓަކައި" ފަޒާގެ ތެރެއަށް ފުން ނޭވައެއް ދޫކޮށްލުމަށްފަހު ނާހިދު ވާހަކަދެއްކިއެވެ. އަޒްކާ ޝައުޤުވެރިކަމާއެކު އަޑުއަހަން ހުއްޓެވެ.

"ދެންނޭނގެ. ވަރަށް ޑީސެންޓްކޮށް ހުރި މީހެއް އެއީ.... އޯކޭ ލީވް އިޓް" އަޒްކާ ބުނެލިއެވެ.

"ދެން އެވާހަކަ ނުދައްކާ. ﷲ އިރާދަކުރެއްވިއްޔާ މަންމަ މިހާރު ވަރަށް ރަނގަޅު" ނާހިދު ބުނެލިއެވެ.

************************************

ރޭގަނޑުގެ ކެއުމަށް މީކާއާއި ކެއްކުމުގައި އަޒްކާ ބައިވެރިވަމުން ދިޔައެވެ. އޭނާއަށް އަންހެނުން ކޮށްއުޅޭ މަސައްކަތްތައް މީކާ އަންނަނީ ދަސްކޮށްދެމުންނެވެ. ބަދިގެ ތެރޭގައި މީކާއާ އެކީގައި ދިވެހި ކެއުމެއް ތައްޔާރުކުރަމުން ދިޔައިރު ރީތި ދިވެހި ލަވައެއްގެ ރާގު އަޅުވަމުން ދިޔައެވެ. ހުސްކުރި ކޮފީތަށި ހިފައިގެން ބަދިގޭ ދޮރުމައްޗަށް އެރި ނާހިދަށް ފުރަގަހަށް ހުރި އަޒްކާ ފެނުމުން ހީލިއެވެ. އަރައިގެން ހުރި ފައިވާން ބަދިގޭ ދޮރުމަތީގައި ބަހައްޓާފައި އެތެރެއަށް ވަނީ އޭނާގެ ފިޔަވަޅުގެ އަޑު އަޒްކާއަށް އިވިދާނެތީއެވެ. ފުރިޖުކައިރީގައި ހުރި މީކާއަށް ސިއްރުން ފިޔަވަޅު އަޅަމުން އަންނަ ނާހިދު ފެނުމާއެކު ހެވެން އުޅުނެވެ. ނަމަވެސް އިޝާރާތުން ނާހިދު އެންގީ މަޑުން ހުރުމަށެވެ. ނާހިދު ސިއްރު ސިއްރުން ގޮސް ހުއްޓުނީ އަޒްކާގެ ފުރަގަހުގައެވެ. އޭރު އަޒްކާ ހުރީ ކުޑަ ތައްޓަކަށް ފިޔާ ފަޅިކޮށްފައި އަޅާށެވެ.

"ވާއު... މިރޭ ހާއްސަ ރެއެއްތަ؟" ކަންފަތްދަށުން ނާހިދުގެ އަޑު އިވުމާއެކު އަޒްކާ ސިހިގެން ދިޔައެވެ. އެއާއެކު އަތުގައި އޮތް ވަޅި އިނގިލީގައި އެޅުނެވެ. ނާހިދު ވަގުތުން އަޒްކާގެ އިނގިލީގައި ހިފެހެއްޓިއެވެ. ނަސީބަކުން މާބޮޑަށް ކަނޑައިގެން ގޮސްފައިނުވާތީ އިނގިލިން ލޭމަނާވިއެވެ.

"ދެން އެގޮތަށް އައިމަ މިހެން ދޯ ވާނީ" ސަމާސާ އެކުލެވޭ ރާގެއްގައި އަޒްކާ ބުނެލިއެވެ.

"ކުރިން ނުފެންނަ ކަހަލަ މަންޒަރުތައް ފެންނާތީ މިހެންދޯ ވާނީ. ކޮން އެއްޗެއް ތައްޔާރު ކޮށްލަނީ؟" ނާހިދު އަހައިލިއެވެ. އަދި ވަކިން ހުރި މޭޒުކައިރީގައި ހުރި ގޮނޑި ދުރުކޮށްލާފައި އިށީނެވެ.

"ދިވެހިކެއުމެއް" އަޒްކާ ބުނެލިއެވެ. އަދި އުނދުން ކައިރިއަށް ގޮސް ހުއްޓިލިއެވެ.

"މިއަދު ސަންޑޭއެއްނު. މެނޫގައި އޮންނާނީ ޕާސްތާ" ނާހިދު ބުނެލިއެވެ.

"މިރޭ އަހަރެން މިގޭ މެނޫ ބަދަލުކޮށްލީ. އަބަދު ނުވާނެ ދޯ އޮއިލީ އެއްޗެހި ކާކަށް. ހެލްތީވާން ވާނެ" އަޒްކާ ބުނެލިއެވެ.

"ލެޓްސް ސީ ދޯ.... ދެން އެހެންވީމަ މިހާރު މީކާގެ ބޭނުމެއްނެތީތާ ދޯ......" ހީލަމުން ނާހިދު ބުނެލިއެވެ.

"ހެހެހެ... ނޫން.... ތިއުޅެނީ މިގޭ ބަދިގެއިން މަށަށް ޖާގަދޭންތަ" އަޒްކާ ބުނެލިއެވެ.

"ނޫން. އަޒްކާގެ ޖާގައަކީ މިގޭ ބަދިގެއެއްނޫން. އަހަރެން ހިތް. އަބަދުވެސް..... ތިއީ ވަރަށް ހާއްސަ ކުއްޖެއް....." ނާހިދު އިނީ އަޒްކާގެ މޫނަށް ބަލަހައްޓައިގެންނެވެ. ގުދުރަތުން އަޒްއަށް ލިބިފައިވާ ބުޅި އިސްތަށިގަނޑު ދޫކޮށް ބޮލު މެދަށް ހުޅިއެއް ޖަހާލާފައިވާއިރު ސައިޑަކުން ބައެއް އިސްތަށިކޮޅުތައް ނިތްމަތިން ނަންނުގައްޗެއްހެން ފައިބާފައި ހުއްޓެވެ. އެ އިސްތަށިކޮޅުތައް އަޒްކާގެ ހިމަ އިނގިލިތަކުން އެއްފަރާތް ކޮށްލާގޮތުން ނާހިދު އިނީ އާޝޯޚްވެފައެވެ. އަޒްކާއާ ދިމާއަށް އޭނާއަށް ފިޔަވަޅު އަޅަންފެށުނީ ބޭއިޚްތިޔާރުގައެވެ. ނާހިދު ގޮސް ހުއްޓުނީ އަޒްކާއާއި ނުހަނު ގާތުގައެވެ. އަޒްކާ ނާހިދުގެ މޫނަށް ބަލައިލިއެވެ. ދުވަހަކުވެސް ނާހިދު އަޒްކާއާ އެހާ ގާތުގައި ހުއްޓިގެން ނުހުންނާތީއެވެ. ނާހިދުގެ ދެލޮލުގެ ތެރެއަށް އަޒްކާއަށް ބަލައިލެވުނެވެ. އެދެލޯ އޭނާއަށް ބުނެދެނީ ކީކޭކަމެއް އަޒްކާއަކަށް ނޭނގުނެވެ. އެނގޭކަމަކީ ނާހިދުގެ ބެލުމުގައި ތަފާތުކަމެއްވާކަމެވެ. ނާހިދުގެ ބެލުންތަކުން އަޒްކާ ރަކިވިއެވެ. އެމަންޒަރު ފެނުމުން މީކާވެސް ލަދުގަތްވަރުން ބަދިގެއިން ނިކުތް މަންޒަރު ފެނުމުން މާބޮޑަށް އަޒްކާ ލަދުގަތެވެ.

"ވަރަށް ލޯބި" ނާހިދު މަޑުމަޑުން ބުނެލިއެވެ. އަޒްކާގެ މޫނަށް ވެރިވެގެން ދިޔައީ ޖަންބުކުލައެވެ. އެއިން އެއްވެސް ކަމެއް ނާހިދަށް ރޭކާނުލާ ކަހަލައެވެ.

"ނާ...ނާހި......" ވާހަކައެއް ދެއްކޭތޯ އަޒްކާ މަސައްކަތްކުރިއެވެ.

"ޝްޝްޝް......" ނާހިދު އޭނާގެ ޝާހަދަތް އިނގިލި އަޒްކާގެ ތުންފަތުގައި ހުރަސްކޮށްލިއެވެ. އަޒްކާގެ ދެލޯ ބޮޑުވެގެންދިޔަ ވަގުތު ނާހިދާ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ނާހިދު އޭނާގެ މޫނު އަޒްކާއާ ގާތްކޮށްލިވަގުތު އޭނާގެ އަތުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ. ނާހިދު ދިޔައީ ސިހިގެންނެވެ. ހަމަބިމަށް އޭނާއަށް އާދެވުނުއިރު އޭނާގެ މޫނު ވަނީ ނުރައްކާތެރި ދަރަޖައަކަށް އަޒްކާގެ މޫނާ ގާތްވެފައެވެ. އަޒްކާގެ މެރިފައިވާ ދެލޯ ފެނި އޭނާގެ އެދައުވަތު އަޒްކާ ގަބޫލުކުރިކަން އެނގިގެން ދިޔައެވެ. ނާހިދުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަޒްކާގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައީ ނާހިދުގެ ފިނި ތުންފަތުގެ ބީހުން އޭނާގެ ނިތްކުރިމަތިން އިހުސާސްވުމުންނެވެ.

"ސޮރީ އިނގޭ. ޑޯންޓް ގެޓް މީ ރޯންގް" ނާހިދު ފިޔަވަޅު އަޅަންފެށީ އަޒްކާއާ ދުރަށެވެ. އޭނާ ބަދިގެއިން ނިކުމެގެން ދަންދެން އަޒްކާއަށް ހުރެވުނީ އެދިމާ ބަލަހައްޓައިގެންނެވެ. އޭނާގެ ތުންފަތްމަތީން ހިނިތުންވުމެއް ފާޅުވިއިރު ނާހިދުގެ ތުންފަތް ޖެހުނުތަނުގައި އަތްޖައްސާލިއެވެ.

************************************

ރޭގަނޑުގެ ކެއުން ނިމިގެން ދިޔައީ އަޒްކާގެ ކެއްކުންގަނޑަށް ތައުރީފުގެ ބަސްތައް އޮހެމުންނެވެ. އިނާޝާގެ ތުންފަތަށް ވެރިވި ހިނިތުންވުމުން އެ ކެއުން އޭނާއަށްވެސް ކަމުދިޔަކަން އެނގެއެވެ. އަޒްކާ ސިއްރުން ބަލައިލީ އެއްފަރާތުގައި އިން ނާހިދަށެވެ. ވެދިޔަ ކަންތަކަށްފަހު ނާހިދާ ހަތަރުކަޅި ހަމަކޮށް ބަލާކަށް އަޒްކާއަށް ނުކެރުނެވެ. ނާހިދުވެސް ބަލާލިތަނެއް އޭނާއަކަށް ނުފެނެއެވެ.

"ގުޑްނައިޓް" ކާއެއްޗެއްސަށް ހޫނުކުރަން ބަދިގޭގައި ހުރި އަޒްކާ ދޮރަށް ބަލައިލީ އެދިމާއިން އިވުނު ނާހިދުގެ އަޑުންނެވެ.

"ގުޑްނައިޓް" އަޒްކާ އެތައް ވާހަކައެއްދައްކަން ބޭނުންވިއެވެ. ނަމަވެސް ނާހިދުވެސް އިތުރުވާހަކައެއް ނުދައްކާތީ އަޒްކާއަށް އިތުރުވާހަކައެއް ދައްކާކަށް ނުކެރުނެވެ.

************************************

ނިދަން ތައްޔާރުވެގެން ލޯގަނޑު ކުރިމައްޗަށް އެރި އަޒްކާގެ ތުންފަތްމަތިން ހިނިތުންވުން ފިލައި ނުދެއެވެ. ނާހިދުގެ ދެލޮލުން އޭނާއަށް ޖާދޫއެއް ޖައްސާފައިވާ ކަހަލައެވެ. އޭނާ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. އަމިއްލަ ސޫރައަށް ބަލައިލީ ނާހިދަށް އޭނާ ކަމުދިޔަކަން އެނގުނު ހިނދު ނާހިދަށް އޭނާގެ ހަށިގަނޑުން އެހާ ހާއްސަވީ ކޯންކަމެއްތޯ ހޯދައިލުމަށެވެ. އޭނާގެ ހަށިގަނޑު ކުރިއަށްވުރެ ފަލަވެފައިވާކަން އެކަންޏެވެ. އަޒްކާ ލުއިލުއިކޮށް ހީލިއެވެ.

"އޯ ނާހިދު..... އައިމިން ލަވް...." އަޒްކާއަށް އޭނާގެ މޫނުގައި ދެއަތް އެޅުނެވެ.

************************************

ދެހަފްތާ ފާއިތުވެގެން ދިޔައިރުވެސް އަޒްކާއާއި ނާހިދުގެ މެދުގައި މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ދެމީހުންގެ މެދުގައި ބަދަލުކޮށްލާ ލުއި ހިނިތުންވުންތަކާއި އެއްލޮލުން އަނެއް ލޮލަށް ފޮނުވާލާ މެސެޖްތަކުން އެކަކު އަނެކަކަށްޓަކައި ދެހިތުގައި އުފެދެމުންދިޔަ ޖަޒްބާތުތައް ދިޔައީ ވަރުގަދަވަމުންނެވެ. މާޒީގައި ވެފައިވާ ކަންތަކާމެދު ވިސްނާނެ ވަގުތެއް މިހާރު އަޒްކާއަކަށް ނުލިބެއެވެ. އޭނާގެ ހުރިހާ ވިސްނުމެއް ގުޅިފައިވަނީ ހަމައެކަނި ނާހިދާއެވެ. އޭނާ ބޭނުންވަނީ އަބަދުވެސް ނާހިދު ފެންނަ ހިސާބުގައި ހުންނާށެވެ. ނިދީގައިވެސް ހޭލާހުންނައިރުވެސް އޭނާއަށް ފެންނަނީ ނާހިދެވެ. ހަމަ ރަނގަޅަށްވެސް އޭނާގެ ހިތުން ނާހިދު ޖާގަ ކަށަވަރު ކޮށްފިއެވެ.

މޯހަންދާސްއާއި އިނާޝާ ކުރު ޗުއްޓީއަކަށް ރާއްޖެއިން ބޭރަށް ފުރަން އުޅޭތީ ޝޮޕިންއެއްކުރަން ދިޔައީ އިނާޝާއާއި އަޒްކާ އެކީގައެވެ. ގެއަށް ވަދެވުނީ ހެނދުނު އެގާރަ ޖަހަން އުޅެނިކޮށެވެ. ސިޓިންރޫމުން މޯހަންދާސްއާއި އެކީގައި މާހިލް ފެނުމުން އަޒްކާގެ މޫޑް އޮފްވިއެވެ.

"ނިންމާލީތަ؟" މޯހަންދާސް ކައިރީގައި އިށީން އިނާޝާ ފެނިފައި ބުނެލިއެވެ. އޭރު ކައިރީގައި އަޒްކާވެސް އިނެވެ. މާހިލް އިނީ އަޒްކާގެ މޫނަށް ބަލަހައްޓައިގެންނެވެ.

"މީނީ މާހިލް. އެއައީ އިނާއާއި ބައްދަލުކޮށްލަން" މޯހަންދާސް ބުނެލިއެވެ. އިނާޝާ ހީލަމުން މާހިލްއަށް ބަލައިލިއެވެ. މާހިލް އިނާޝާއަށް ނަޒަރު ބަދަލުކޮށްލަމުން އިނާޝާއާއި ސަލާންކޮށްލިއެވެ.

"ބޭބެމެންގެ އެއްވެސް އިއުތިރާޒެއް ނެތިއްޔާ އަޅުގަނޑު ކުޑައިރުކޮޅަކު އަޒްކާއާ ވާހަކަދައްކައިލަން ބޭނުން" މާހިލް ބުނެލިއެވެ. އަޒްކާ ހައިރާންވީވަރުން އަނގަވެސް ހުޅުވުނެވެ. ނަމަވެސް މޯހަންދާސްއާއި އިނާޝާ ހީކުރާނެ އެއްޗެއް ނޭނގޭތީ މާހިލްއާ އެކީގައި ސިޑިން އަރައިގެން ދިޔައެވެ. އެމަންޒަރު ފެނުމުން އިނާޝާއަށް އިނީ އުނދަގުވެފައެވެ.

************************************

އަޒްކާ މާހިލް ގޮވައިގެން މަޑުކޮށްލީ އޭނާގެ ކޮޓަރީގައެވެ. އެތެރެއަށް ވަނުމަށްފަހު މާހިލް އެކޮޓަރީގެ ހުރިހާ ދިމާއަކަށް ނަޒަރުހިންގައިލިއެވެ. "ވާއު.... ނައިސް ރޫމް....." މާހިލް ބުނެލިއެވެ. އަދި ދޮރުލައްޕައިލިއެވެ. ހަމައެއާއެކު އަޒްކާ އަވަސްވެގަތީދޮރު ހުޅުވުމަށެވެ.

"ހާދަރުޅިއެއް އައިއްސައޭ... ނުހުޅުވަބަލަ" އަޒްކާގެ އަތުގައި ހިފާލަމުން މާހިލް ބުނެލިއެވެ. އަޒްކާ މާހިލްގެ އަތް ފޮޅުވާލިއެވެ.

"ކިހާދެރަކަމެއް މާހިލް. ކީއްވެގެންތަ އަބަދު މިގެއަށް ތިއަންނަނީ" ހިތްހަމަނުޖެހިފައި އަޒްކާ ބުނެލިއެވެ.

"އަހަރެން މިގެއަށް މިއަންނަނީ ހަމައެކަނި އަޒްއަށްޓަކައި. ވާހަކަދައްކާހިތުން.... ކީއްވެތަ މިހާރު ތިހާ ރުޅިއެއް ތިއަންނަނީ؟" މާހިލް ބުނެލިއެވެ.

"އަހަރެންގެ އެއްވެސް ޝައުޤެއް މިހާރަކު ނެތް. އަހަރެން މާހިލްއާ އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއްނޫން...!" އަޒްކާ އޭނާގެ އަޑު އިއްވައިލިއެވެ.

"އޭރު އެވީ ލޯބި އެހާ އަވަހަށް ހަނދާންނައްތާލީތަ؟" މާހިލް އަހާލިއެވެ.

"އާނ... ހަނދާންނެތިއްޖެ. މާހިލް ހީކުރީ ބޭނުންހާ ގޮތެއް އަހަރެންނަށް ހަދާލެވޭނެ ކަމަށްތަ؟ ލޯބީގެ ދަޅަދައްކައިގެން އަހަރެންގެ އަންހެންވަންތަކަމުގެ ފައިދާ ނެގީ. މާހިލްގެ ބޮޑުދައިތަ އަމިއްލައަށް ދަންޖެހުނީމަ އެކަމުގެ ޒިންމާވެސް އެޅުވީ އަހަރެންގެ ބޮލުގަ. ނުވީތާކަށް މޮޔައަކަށް އަހަރެން ހަދާލީ. ކުޑަކުދިންގެހިޔާގައި އެތިބި ރަހުމެއްނެތް މީހުންނާ އަހަރެން ހަވާލުކުރީ އެއްވެސް ރަހުމެއްނެތި. ކޮބާތަ އަހަރެންގެ ކުށަކީ؟ އަހަރެންނާ ހެދި މާހިލްއަށްވީ ކޮން އުނދަގުލެއް؟ އަހަރެންނާ ގުޅުންކަނޑާލާފައި ދުރުގައި ބެހެއްޓިނަމަ. އަހަރެން މާހިލްއަށް އެއްވެސް އުނދަގުލެއް ނުކުރީމުސް. މިހާރު މާހިލް ބޭނުންވެގެން ތިއުޅެނީ ކޮންކަމެއްކަން އަހަރެންނަކަށް ނުވިސްނޭ..." އަޒްކާއަށް ރޮވުނެވެ. އެދުވަސްތައް ހަނދާންކޮށް ހިތާމަކުރާކަށް މިހާރަކު އަޒްކާ ބޭނުމެއްނުވެއެވެ.

"ސޮރީއޭ... އެވާހަކަތައް ދެން ނުދައްކަބަލަ. އެދުވަސްތައް ހަނދާންނައްތާލާފަ އަލުން ކުރިއަށްދާން ބޭނުމީ. ޕްލީޒް އަދި އެއް ޗާންސްދީ......" މާހިލް އަޒްކާއާ ކައިރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ. އަޒްކާ ދިޔައީ ފަހަތަށް ފިޔަވަޅު އަޅަމުންނެވެ. އޭނާއަށް ހުއްޓެން މަޖްބޫރުވީ އަލަމާރީގައި ބުރަކަށި ތަތްވުމުންނެވެ.

"ސްޓޮޕް!.... މާހިލް ތިއީ ކޮންކަހަލަ އިންސާނެއް؟ އަމިއްލަ އެދުން ބޮޑުވިޔަސް ތިއީ ބޮޑުވަރު! ކޮންއިރަކުންތަ ތިއުޅުން ދޫކޮށްލާނީ؟ ތިމާގެ އިހުސާސްތަކުގެ މައްޗަށް ބާރުނުފޯރުވޭއިރު ކީއްވެތަ ދެވަނަ އަންހެންކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލަން ކައިވެނިކުރީ؟" އަޒްކާ ވާހަކަދެއްކިއެވެ.

(ނުނިމޭ)