ނައިބު ރައީސް ފައިސަލް ނަސީމް

ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން އަންނަނީ އިސްދައުރެއް އަދާކުރަމުން: ނައިބު ރައީސް

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން އިސް ދައުރެއް އަދާކުރަމުންގެންދާ ކަމަށް ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ނައިބް ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބިނާވެފައި ވަނީ ހަމައެކަނި ދެ ގައުމެއްގެ ގުޅުން އޮންނަ މިންވަރަށް ނޫން ކަމަށާއި އެގުޅުމަކީ އެއަށް ވުރެ މާ ގާތް ގުޅުމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ދެގައުމުގެ ގުޅުން ބިނާވެގެން ގޮސްފައިވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި ދެ ގައުމުން ކޮށްފައިވާ ތަޖުރިބާތަކުގެ މައްޗަށާއި ޒަމާންވީ އާދަކާދަތަކާއި އެއްގައުމުން ކުރާ ކަންތައްތައް އަނެއް ގައުމުން ބަލައިގަންނަމުންދާ މިންވަރުގެ މައްޗަށް ކަމަށެވެ.

އަދި ދިވެހިރާއްޖެ އާއި އިންޑިއާ އާއި ހިއްސާކުރާ އެއްގޮތް ކަންތައްތަކުގެ މައްޗަށް ބައްލަވައިލައްވަމުން އެމަނިކުފާނު ވިދާޅުވީ ދެގައުމުގެ ގާނޫނު އަސާސީ އެކުލަވައިލެވިފައި ވަނީ ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ނަގަހައްޓައި ޑިމޮކްރެޓިކް މުޖުތަމައެއް ބިނާކުރުމަށާއި އިޖުތިމާއީ ފޭރާން ބަލިކަށި ވެގެން ނުދާނޭ ފަދަ ގޮތަކަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާއިން އަބަދުވެސް ރާއްޖެއިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ގާތް ރަހުމަތްތެރިއެއްގެ ގޮތުން ރާއްޖެއަށް ދީލަތި ކަމާއެކު އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ އިންޑިއާއިން ބަހައްޓަވާ ގާތްކަން ރާއްޖެއިން އަދި ޚާއްސަކޮށް، މި ސަރުކާރުން ބަލައިގަންނަކަމަށް ވިދާޅުވެފައެވެ.