އައްޑު އަތޮޅު ހިތަދުއަށް ނިސްބަތްވާ ދުވަސްވީ މީހަކަު ހޮޓަލެއްގެ ތެރޭގައި ސައިބޯން އިންދާ އަނިޔާކޮށް ފުރައްސާރަކުރަނިކޮށް، ސޯޝަލް މީޑިޔާގައި މިހާރު ދައުރުވަމުންދާ ވީޑިއޯގައި ފެންނަ މައްސަލަ، އައްޑޫސިޓީ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަަމަށް އެކްޓިންގ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ، އޭސީޕީއަށް ޓެގްކޮށް އެ ވީޑިއޯ، ޔޫޓިއުބްއަށް ލާފައިވާ ފަރާތަށް ޖަވާބު ދެއްވައި ކުރެއްވި ޓްވީޓެއްގަ އެވެ.
އިއްޔެ، ސޯޝަލް މީޑިއާގައި މީހަކު ހިއްސާ ކޮށްފައިވާ އެ ވީޑިއޯއިން ފެންނަނީ، އުމުރުން ދުވަސްވީ ހަތަރު ފިރިހެނުން ހޮޓަލެއްގައި ސައިބޯން ތިއްބައި، ބޭރުން އައިސް އެމީހުންގެ ކައިރީގައި މަޑުކޮށްލި ޒުވާނަކު، އެތަނުން ދުވަސްވީ އެކަކަށް ފުރައްސާރަކުރާ މަންޒަރެވެ.
އެގޮތުން މޭޒު ކައިރީގަ މަޑުކުރިމީހާ، ދުވަސްމީހާއަށް ހަޅޭއްލަވައި އޭނާގެ ލޮލަށް އިނގިލި ވަންނަ ވަރަށް އަތް އުކަން ފަށައެވެ. އެކަމާގުޅިގެން ދުވަސްވީ މީހާ ވެސް ރުޅިގަދަވެ، އިންގޮނޑިން ތެދުވެ އަނެއް މީހާއަަަށް ރައްދު ދެ އެވެ. ދެމީހުންގެ ދެމެދުގައި ހިނގި ކަންތަކުގައި ޒުވާން މީހާ ދުވަސްވީމީހާ ކޮައްޕާލައި އެނާ ފަހަތުންގޮސް ގަޔަށާއި މޫނަށް ކުޅުޖަހާ ތަން ވީޑިއޯއިން ފެނެ އެވެ.
ސޯޝަލް މީޑިޔާގައި މި ވީޑިއޯ ހިއްސާކުރިމީހާ މި މައްސަލަ ބެލުމަށް ގޮވާލަމުން ބުނެފައިވަނީ އެ ދުވަސްވީ މީހާއަކީ ނުކުޅެދޭ މީހެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެތައް ބަޔަކު ވަނީ ދުވަސްވީ މީހާއާމެދު އަމަލު ކުރަމުންދިޔަ ގޮތް ކުށްވެރިކޮށްފަ އެވެ.