ދިވެހި ޕްރިމިއާ ލީގު

ވިކްޓަރީ ހާޒިރު ނުވުމުން ޓިސީއަށް މެޗު ލިބިއްޖެ

އަހުމަދު ޔަޝާއު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ކުޅުމަށް ހަމަޖެހިފައިއޮތް މެޗަށް ވިކްޓްރީ ސްޕޯރޓްސް ކްލަބް ހާޒިރުނުވުމުން ޓީސީއަށް ތިން ޕޮއިންޓާއި ފައިދާ ދެގޯލު ލިބި، ޓޭބަލްގައި އެޓީމުން ދަމަހައްޓަމުން އަންނަ ފަސް ޕޮއިންޓުގެ ލީޑު އަލުން ލިބިއްޖެއެވެ.

ރޭގެ މެޗަށް ވިކްޓަރީ ހާޒިރުނުވީ މިހާރު އެޓީމަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިނުގަނެވޭތީ ކަމަށް އެޓީމުގެ މެނޭޖަރު އަހުމަދު ޤާލިބު ވަނީ ބުނެފައެވެ. ޤާލިބު އިތުރަށް ބުނެފައިވަނީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ރޭގެ މެޗުވެސް ކުޅެން ތައްޔާރަށް ތިބިނަމަވެސް ޓީމު ހާޒިރު ނުވާން ނިންމީ ކްލަބް ހިންގުމުގައި މިހާރު އެކްޓިވްކޮށްތިބި ބޯޑު މެންބަރުން ޓީމު މިހާރުއޮތް ހާލަތުން އަރައި ނުގަނެވެނީސް ޓީމު ނުކުޅުމަށް އެންގުމުންނެވެ.

ވިކްޓަރީގެ މިއަމަލާ ގުޅިގެން އެފް.އޭ.އެމް އިން އެޓީމު 25000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

ލީގުގައި އެންމެފަހުން ވިކްޓަރީ މާޒިޔާއާއި ދެކޮޅަށް ކުޅުނު މެޗަށް ޓީމު ހަމަވީވެސް ކިރިޔާއެވެ. ލީގު މެދުކެނޑުމަށްފަހު އަލުން ފެށިއިރު އެއްވެސް ޕްރެކްޓިސްއެއް ބޭއްވިފައެއް ނުވެއެވެ. އަދި މުސާރައިގެ މައްސަލަތަކެއްގައި ޓީމުގެ ކޯޗު ލާސްލޯ ކިސް އަނބުރާ ރަށަށް ފުރާފައިވާއިރު، އެޓީމަށްގެނައި ޑެންމާކުގެ ކުޅުންތެރިޔާ ކިމް އެލްގާޑްވެސް ވަނީ ޓީމު ދޫކޮށް ފުރާފައެވެ.

މިއީ ރާއްޖެގެ އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއްޓީމު މިވަރުގެ އަޑިގަނޑަކަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. ވިކްޓަރީގެ މެނޭޖާރ ޤާލިބު ބުނެފައިވަނީ މައްސަލަތައް ހައްލުވިހާ އަވަހަކަށް ޓީމު އަލުން އަނބުރާ އަންނާނެކަމަށެވެ.