ޕޮލިސް

މާކުރަތުގައި ތިޖޫރިތައް ފަޅާލި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

ރ.މާކުރަތު ކައުންސިލާއި ސިއްހީ މަރުކަޒު އާއި ކޯޓުގެ ތިޖޫރިން ވައްކަންކުރި މައްސަލައާ ގުޅިިގެން ހައްޔަރުކުރި ހަ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ހައްޔަރުކުރި ހަ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް އެއަތޮޅު އިންނަމާދޫ ކޯޓަށް ހާޒިރުކުރުމުން ހައްޔަރުކުރި 21 އަހަރުގެ ދެމީހުންގެ ތެރެއިން އެކެއްގެ ބަންދަށް ދިހަ ދުވަސް، އަދި ދެވަނަ މީހާގެ ބަންދަށް ފަނަރަ ދުވަސް ޖަހާފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އަދި ހައްޔަރުކުރި 19 އަހަރުގެ މީހާގެ ބަންދަށް ދިހަ ދުވަސް، އަދި 62 އަހަރުގެ މީހާއާއި 34 އަހަރުގެ މީހާގެ އިތުރުން 38 އަހަރުގެ މީހާގެ ބަންދަށް ފަނަރަ ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ތިޖޫރި ފަޅާލި މައްސަލައިގައި ޖުމްލަ ހަމީހަކު ހައްޔަރުކޮށްފައިވާއިރު، މާކުރަތު ކައުންސިލުގެ ތިޖޫރީން 83،000 ރުފިޔާ ވަނީ ވަގަށް ނަގައިފައެވެ.

އަދި އެ ރަށު ސިއްހީ މަރުކަޒުން ވަނީ 15،000 ރުފިޔާ ވަގަށް ނަގައިފައެވެ. ނަމަވެސް ރަށު ކޯޓުން ވަގަށް ނަގައިފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ނޭނގޭ ކަމަށް އެރަށު ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.