ދިވެހި ޕްރިމިއާ ލީގު

ދާދުގެ ހެޓްރިކާއެކު މާޒިޔާ ހަތަރަކަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ކްލަބް ގްރީން ސްޓްރީޓްސް ގެ މައްޗަށް 1-4 ނަތީޖާއަކުން ކުރިހޯދައި މާޒިޔާ ޓޭބަލްގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ގާތްގަނޑަކަށް ހަމަހަމަ ކުޅުމެކެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ ގްރީންގެ އަހްމަދު ރިލްވާންގެ ފަރާތުންނެވެ. މެޗު ފެށިގެން މާގިނައިރެއްނުވެ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު ހުސައިން ޝަރީފް ވަނީ ދިފާޢުކޮށްފައެވެ. އަދި އޭގެ 6 މިނެޓުފަހުން ގްރީންގެ ދެވަނަ ހަމަލާ ފެނިގެން ދިޔައެވެ. އެޓީމުގެ ރޮލާނޑް ރަސެލް މުޅިން ހުސްކޮށްހުރެ ފޮނުވާލި ބޯޅަވެސް މާޒިޔާގެ ކީޕަރު ޝަރީފުވަނީ ދިފާޢުކޮށް ކޯނަރަކަށް ބޭރުކޮށްލާފައެވެ.

ގްރީން ސްޓްރީޓްސް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މާޒިޔާއިން ލަނޑެއް ކާމިޔާބުކޮށް ލީޑު ނެގުމެވެ. މެޗުގެ 14 ވަނަ މިނެޓުގައި މާޒިޔާގެ ކޯނެލިޔަސް ސްޓެވާރޓް މަތިމަތިން ދުއްވާލި ހިތްގައިމު ޕާހުން އެޓީމުގެ ނާއިޒް ހަސަން (ދާދު) ވަނީ ގްރީންގެ ޑިފެންޑަރު އަލީ ސަމްދޫހުގެ ކައިރިން ނައްޓާލުމަށްފަހު ކީޕަރު ލަބާންގެ އަތްދަށުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މާޒިޔާގެ ގޯލަށްފަހު އެޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް ވަނީ ލީޑު ފުޅާކުރަން ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. މެޗުގެ 27 ވަނަ މިނެޓުގައި މާޒިޔާގެ ޔަޝްފާދު ހަބީބު (މުލަކޭ) ނަގައިދިން ހިލޭޖެހުމަކުން އަސަދުﷲ މުޅިން ހުސްކޮށްހުރެ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިމަތިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-1 އިން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަހާފު ފެށިގެން މާގިނައިރެއްނުވެ ގްރީންއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަވީލާ ނަގައިދިން ހުރަހެއް މުޙައްމަދު ޝައްފާޒް (ސައްޕޭ) ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި ރެފްރީވަނީ މާޒިޔާގެ ބެންޗުގައި އިން އެޓީމުގެ އިސްމާޢީލް އީސާ (މެސީ) އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މާޒިޔާގެ ކުޅުންތެރިޔަކު ޖެހި ޝޮޓެއް ދިފާޢުކުރަން އުޅުމުގެ ތެރޭގައި ގްރީންގެ ކެޕްޓަން އައްސަދު ޢަލީ (އަޑުބަރޭ) ގެ އަތުގައި ޖެހުނުކަމަށް މާޒިޔާގެ ބެންޗުން ވަރަށް ބޮޑަށް އެޕީލްކުރިއެވެ. އެވަގުތު މެސީ ރެފްރީއާ ދިމާއަށް ހަޑިހުތުރުބަހުން މުޢާމަލާތްކުރުމުން ރެފްރީ ވަނީ އޭނާއަށް ރަތްކާޑު ދައްކާފައެވެ.

މާޒިޔާއިން މިމެޗުގައި ދެވަނަފަހަރަށް ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. މާޒިޔާގެ އަސަދުﷲ އަށް ގްރީންގެ ސަމްދޫޙް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ސްޓެވާރޓް ވަނީ ވަރަށް ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މާޒިޔާއިން ލީޑުފުޅާ ކުރަން ލިބުނު އެންމެ ރަނގަޅު ފުރުޞަތު ލިބުނީ ދާދު އަށެވެ. އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް އޭނާ ފޮނުވާލި ބާރު ހިލޭޖެހުން އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ. ނަމަވެސް، މެޗުގެ 80 ވަނަ މިނެޓުގައި ދާދުވަނީ ލީޑު ފުޅާކޮށްފައެވެ. މާޒިޔާގެ އަޙްމަދު ހަސަން ނެގި ކޯނަރެއް ދާދު ބޮލުންޖެހުމުން ގްރީންގެ ޑިފެންޑަރު ގައިގައިޖެހި ބްލޮކްވެ އޭރިއާ ތެރެއަށް ވެއްޓުމުން އޭނާވަނީ ދެވަނަފަހަރަށް ފައިންޖަހާ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ.

މެޗުގެ 86 ވަނަ މިނެޓުގައި ދާދުވަނީ ސްޓެވާޓް ދިން ޕާހަކުން އިތުރު ލަނޑެއް ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މި މޮޅާއެކު މާޒިޔާ ޓޭބަލްގެ ހަތަރުވަނައިގައި އޮތީ 10 ޕޮއިންޓާއެކުއެވެ. ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެން ގޯލުގެ ތަފާތުން ގްރީން ސްޓްރީޓްސް އޮތީ ޓޭބަލްގެ ފަސްވަނައިގައެވެ.

ލީގުގައި މިރޭ ވާދަކުރާނީ އެއްވަނައިގައި އޮތް ޓީސީ ސްޕޯރޓްސް އާއި ވިކްޓަރީ ސްޕޯރޓްސް ކްލަބެވެ.