މީހުން

ޖިގިން އާއި އުކާދޮށި އަދި ދިރޭ އެމުގެ މަސްވެރިކަން ކޮށްދިނުމަށް ދިވެހި ޒުވާން ކެޔޮޅު އިމާދު އޮމާނަށް

9

ޖިގިން އާއި ޕޮޕިން (އުކާދޮށި) އަދި ދިރޭ އެމުގެ މަސްވެރިކަން ކޮށްދިނުމަށް ދިވެހި ޒުވާން ކެޔޮޅަކު އޮމާނަށް ފުރައިފި އެވެ. އޮމާންގައި ވިޔަފާރި އުސޫލުން މަސްދަތުރުތައް ކޮށްދޭ ކުންފުންޏެއް ކަމަށްވާ "ފިޝިން އޮމާން ހަސިކް" ގެ ދައުވަތަކަށް އޮމާނަށް ފުރީ ދ. ކުޑަހުވަދޫ، ކެވެލި، މުހައްމަދު އިމާދު، 31އ އެވެ.

ރާއްޖޭގައި އަމިއްލަ ބްރޭންޑެއްގެ ގޮތުގައި "ކެވެލި ޖީޓީ" ގެ ނަމުގައި މަސްވެރިކަމަށް ޚާއްސަ ލޯންޗެއް ގެންގުޅޭ އިމާދު "ވަން" އަށް މިއަދު ބުނީ އޮމާންގެ ކުންފުނިން އޭނާ އަށް ދައުވަތު ދިނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ މައުލޫމާތު ލިބިގެން ކަމަށާއި މުސާރައިގެ އިތުރުން އޮމާނަށް ދިއުމާއި ހުރުމާއި ކެއިންބުއިން ފަދަ ހުރިހާ ޚަރަދެއް ވެސް ދެނީ އޮމާން ކުންފުނިން ކަމަށެވެ.

"ފިޝިން އޮމާން ހަސިކުން އެދުނީ ދާއިމީކޮށް ޖޮބަށް އަންނަން. އެކަމަކު އަހަރެން އެއްބަސްވީ ދެމަސްދުވަހުގެ ތަޖުރިބާ ދަތުރަކަށް ފުރަތަމަ އަންނަން. އެއަށް ފަހު އަހަރެން ހިތްހަމަ ޖެހޭ ނަމަ އިތުރަށް ހުރުމާ މެދު ގޮތެއް ނިންމާނީ. ފުރަތަމަ ބޭނުން ވަނީ މިކޮޅުގެ މަސްވެރިކަން ވެސް ތަޖުރިބާ ކޮށްލަން. އެގޮތަށް ވެސް އެމީހުން އެއްބަސްވީމަ މި އައީ،" އޮމާންގައި ހުރެގެން އިމާދު މިއަދު ކިޔައިދިނެވެ.

އިމާދު ބުނީ މުސާރައިގެ އިތުރުން މަސް ދަތުރުތަކުން ކަމިޝަން ވެސް ދޭން އޮމާން ކުންފުނިން އެއްބަސްވެފައިވާ ކަމަށެވެ.

އޭނާ ބުނީ ދުނިޔޭގެ ވަރަށް ގިނަ ގައުމު ތަކުގައި މަސްވެރިކަން ކުރާ ފްލީޓް ތަކާއި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ކުންފުނިތަކުން އޭނާ ފޮލޯކޮށް އެކި ކަހަލަ މައުލޫމާތުތައް ހިއްސާކުރާ ކަމަށެވެ.

"ވަރަށް ގިނަ މަސްވެރިން ވެސް އަދި މަސްވެރިކަން ކުރާ ކުންފުނިތަކުން ވެސް ހިތްވަރުދީ ހަދާ. މިސާލަކަށް ތަފާތު މަހެއް ބޭނިއްޖެ ނަމަ އެކި ހިސާބު ތަކުގައި ކިޔާ ނަން ޝެއާކޮށް ކަންކަން ކުރާނެ. މިކަމާ ގުޅުން ހުންނަ އެކި ކަހަލަ މައުލޫމާތުތައް ދިރާސާކޮށް ހެދުމަކީ ވެސް އެންމެންގެ މެދުގައި އޮންނަ މުހިންމު ކަމެއް. މަސްވެރިކަމުގެ ފެމިލީ މީ ވަރަށް ތަފާތު ފެމިލީ އެއް،" އިމާދު ބުންޏެވެ.

އިމާދު ބުނީ މިދުވަސްވަރު އޮމާންގެ މޫސުން ރާއްޖެއާ ދާދި އެއްގޮތް ކަމަށެވެ. މަސްވެރިކަން ކުރާނީ ރާއްޖެ އެކޭ އެއްފަދައިން ކަނޑުގެ ސަރަހައްދުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

ރާއްޖޭގައި ޖިގިން އަދި ޕޮޕިން ގެ މަސްވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރާ މަދު މީހުންގެ ތެރޭގައި އިމާދު ހިމެނެ އެވެ. ދ. ކުޑަހުވަދޫ ގައި އަދި ފަހުން ކ. މާފުށީގައި މަސްވެރިކަން ކުރި އިރު އިމާދާ އެކު މަސްދަތުރުކުރުމަށް ޓަކައި ދަތުރު ހަދައިގެން ދުނިޔޭގެ ބައެއް ގައުމު ތަކުން މަސްވެރީން ރާއްޖެ އައިސް ރާއްޖޭގެ އަތޮޅު ތަކަށް ދަތުރުކޮށް މަސްވެރިކަން ކޮށްފައިވެ އެވެ. މަސްވެރިކަމަށް ލޯބިކުރާ ވަރަށް ގިނަ ދިވެހީން ވެސް އިމާދާ އެކު މަސްދަތުރުތައް ކުރަމުންދެ އެވެ.

އިމާދު މަސްވެރިކަމަށް ހުންނަ ޝައުގުވެރި ކަމާއި އޭނާގެ މަގުބޫލުކަން ސޯޝައަލް މީޑިއާގައި ބޮޑުވުމުގެ ސަބަބުން މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ދުނިޔޭގެ މަޝްހޫރު ބްރޭޑެއް ކަމަށްވާ އޮސްޓްރޭލިއާގެ ޒެއިކަލް ފިޝިން އިން ވަނީ އޭނާ ސްޕޮންސަރ ވެސް ކޮށްފަ އެވެ. އިމާދުގެ އިންސްޓްގްރާމް ފޮލޯކުރާ މީހުންގެ އަދަދު ވަނީ ދޮޅު އަހަރު ދުވަހުގެ ތެރޭ ގާތްގަނޑަކަށް 12000 އަށް އަރައިފަ އެވެ.

ޕޮލިސް ސާޖެންޓް ކަމުގެ މަގާމުގައި ހުރި އިމާދު މި މަސްވެރިކަމުގެ ތެރެއަށް ރަސްމީ ސިފައެއްގައި ވިޔަފާރި އުސޫލުން ވަނީ މީގެ ދެ އަހަރެއްހައި ދުވަސް ކުރީންނެވެ. އޭގެ ކުރީން ޕޮލިހުގައި ހުރި އިރު ވެސް އޭނާ ދިޔައީ ވަގުތު ލިބޭ ވަރަކުން މަސްވެރިކަމުގެ ތެރޭގައި އުޅެމުންނެވެ.

"ޕޮލިސް ޖޮބް ދޫކޮށްލާފަ މި މަސްވެރިކަމުގެ ތެރެއަށް ވަނީ ހުންނަ ޝައުގެއްގެ ބޮޑުކަމުން. ޕޮލިހުގަ އުޅުނު އިރު ވެސް އޮފް ޑިއުޓީގަ ވަރަށް ގިނައިން ހަމަ މިކަމުގެ ތެރޭ އުޅެވެނީ. އަހަރެން ބުނަން އޮތް ވާހަކަ އަކީ ކޮންމެ މީހަކު ވެސް އެމީހަކު ޝައުގުވެރިވާ ކަމެއްގެ ތެރެއަށް ވަންނަން ހިތްވަރާ އެކު މަސައްކަތް ކުރާށޭ. އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން ކާމިޔާބުވާނޭ." އިމާދު ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟