ރެއާލް މެޑްރިޑް

ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވެއްޖެ

އަހުމަދު ޔަޝާއު

ޗެމްޕިއަންސްލީގު ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބު ކޮށްފައިވާ ވަރުގަދަ ރެއާލް މެޑްރިޑް ރޭ ރަށުން ބޭރުގައި ރަޝިއާގެ ސީ.އެސް.ކޭ.އޭ މޮސްކޯ އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެއެވެ.

ރޭގެ މެޗުން ރެއާލް މެޑްރިޑް ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެވަނަ މިނެޓުގައި، ރެއާލްގެ ޖަރުމަނު މިޑްފީލްޑަރު ޓޮނީ ކުރޫސް އެޓީމުގެ ގޯލްކީޕަރު ކޭލޯ ނަވާސްއަށް ފަހަތަށް ކުޅުނު ބޯޅައެއްގެ ފައިދާނަގާ، ސީ.އެސް.ކޭ.އޭ މޮސްކޯގެ ފޯވާޑު ނިކޮލާ ވްލަސިޗް ވަނީ ރެއާލްގެ ޑިފެންޑަރު ރަފައެލް ވެރާން ކައިރިން ނައްޓާމުލަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. މިއީ 2007 ވަނަ އަހަރު ހޮލެންޑުގެ ރޯއީ މަކާއީ ރެއާލް ކޮޅަށް ޖެހިލަނޑަށްފަހު ޗެމްޕިއަންސް ލީގުގައި އެޓީމު ކޮޅަށް ވަން އެންމެ އަވަސް ލަނޑެވެ. މަކާއީ ގެ ލަނޑަކީ ރެއާލް އާއި ބެޔާން ކުޅުނު މެޗުގެ 10 ވަނަ ސިކުންތުގައި އޭނާ ކާމިޔާބުކުރި ލަނޑެވެ.

ވްލަސިޗަކީ އިންގްލެންޑްގެ އެވަޓަންއިން ލޯނަކަށް ސީ.އެސް.ކޭ.އޭ މޮސްކޯއަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ކުޅުންތެރިއެކެވެ. 10 މިލިއަން ޕައުންޑުގެ އަގަކަށް އެވަޓަންއަށް ބަދަލުވި މިކުޅުންތެރިޔާއަށް އެވަޓަންގައި ކުޅުނު 12 ލީގުމެޗުން އެންމެ ގޯލެއްވެސް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މިއީ މި ސީޒަނުގައި ރެއާލް މެޑްރިޑަށް މޮޅެއް ނުލިބި އަދި ލަނޑެއްވެސް ނުޖެހި ޖެހިޖެހިގެން ނިމުނު ތިންވަނަ މެޗެވެ. އެންމެފަހުން ލީގުގައި ކުޅުނު ދެމެޗުގެ ތެރެއިން ސެވިއްޔާ އާދެކޮޅަށް ކުޅެ 0-3 ގެ ނަތީޖާއަކުން ބަލިވިއިރު، ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން އަމިއްލަ ދަނޑުގައި ވީ 0-0 އިން އެއްވަރެވެ.

ރޭގެ މެޗަށް ރެއާލް ނިކުތީ އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޮސްއާއި އަނިޔާގައި ހުރި މާސެލޯއާއި އިސްކޯ އާއި ގެރެތު ބޭލް ނުލައެވެ. އަދި މިޑްފީލްޑަރު ލޫކާ މޮޑްރިޗް އިނީ ބެންޗުގައެވެ. މެޗުގެ ވަކި ހިސާބަކުން ޑިފެންޑަރު ކަރްވަހާލް އަށްވެސް އަނިޔާވެ ބަދަލުކުރަން ޖެހުނެވެ. ރޭގެ މެޗުން ރެއާލް ބަލިވި ނަމަވެސް، އެޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނުނެވެ. ކަރީމް ބެންޒެމާއާއި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މަރިއާނޯ ޑިއާޒްގެ ހަމަލާތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ސީ.އެސް.ކޭ.އޭ މޮސްކޯގެ ކީޕަރު އީގޯރ އަކިންފީވްގެ ފަރާތުން ގިނަ ސޭވްތަކެއް ފެނިގެންދިޔަ މިމެޗުގެ އެންމެ ފަހު މިނެޓުގައި އޭނާއަށް ވަނީ ގާތްގާތު ދެ ރީނދޫކާޑު ދައްކާ، ރަތްކާޑާއެކު ދަނޑުން ފޮނުވާލާފައެވެ. ބޮޑަށް ބެލެވުނު ގޮތުގައި އަކިންފީވް ރެފްރީގެ ނިންމުންތަކާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމުން އޭނާއަށް ރީނދޫ ކާޑު ދެއްކިވަގުތު، އެކަމާ އިތުރަށް ހިތްހަމަ ނުޖެހިގެން ރެފްރީއާ ދިމާއަށް ހަޑިހުތުރު ބަހުން މުޢާމަލާތްކުރުމުން ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކީއެވެ.

މި ގްރޫޕްގައި އިޓަލީގެ ރޯމާ ވަނީ 0-3 ގެ ނަތީޖާއަކުން ޗެކްރިޕަބްލިކްގެ ވިކްޓޯރިއާ ޕްލްޒެން ބަލިކޮށްފައެވެ. ޓޭބަލްގެ އެއްވަނައިގައި ސީ.އެސް.ކޭ.އޭ މޮސްކޯ ހަތަރު ޕޮއިންޓާއެކު އޮތްއިރު ރެއާލް އާއި ރޯމާއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. އެންމެ ފުލުގައި ވިކްޓޯރިއާ ޕްލްޒެން އޮތީ 1 ޕޮއިންޓާއެކުއެވެ.