ފުރާނަދަންދެން

ފުރާނަދަންދެން - 02

އާއިޝަތު ލިޔުޝާ

3

(ދެވަނަބައި - 14 ޖެނުއަރީގެ އަދަދާ ގުޅޭ)

ގެއަށް ވަދެގެން ދިޔަ ނާހިދުއަށް ސިޓީންގްރޫމުން ފެނުނީ މީކާއެވެ. މީކާއަށް ގޮވާލުމަށްފަހު ކައިރިއަށް ގެނެސް އަޒްކާގެ ފޮށްޓާއި އެހެނިހެން ސާމާނުތައް ދިނުމަށްފަހު ގެސްޓްރޫމަށް އަޒްކާ ގެންދިއުމަށް ބުނެލިއެވެ. އެއަށްފަހު ނާހިދު މިސްރާބުޖެހީ އިނާޝާގެ ކޮޓަރިއަށް ދިޔުމަށެވެ. އޭނާގެ ޕޭޝަންޓެއް ގެއަށް ގެނެވުނު ވާހަކަ އެމީހުންނަށް އަންގަން ބޭނުންވެގެންނެވެ.

އެނދުގައި އޮތް އަޒްކާއަށް ރޮވެނީއެވެ. މާހިލް އެފަދަ ފިޔަވަޅެއް އަޅާނީ ޔަގީނުންވެސް އޭނާއާއި މެދު ހިތުގައި އެއްވެސް ޝައުޤުވެރިކަމެއް ލޯތްބެއްވެސް ނެތިގެންނެވެ. މާހިލް އެފަދަ އިހާނެތި ގޮތަކަށް އޭނައާ މެދު ކަންތައްކުރީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ކުށަކީ މާހިލް ދެކެ ވެވުނު ތެދުވެރި ލޯބި ހެއްޔެވެ؟ މިހުރިހާ ދުވަހު މާހިލް އޭނާ ދެކިލަން ނައި ސަބަބަކީ ވެސް މިއީ ހެއްޔެވެ؟ މާހިލްގެ ބޮޑުދައިތަ ދަންޖެހުނީ އަމިއްލައަށްކަން ހުދު މާހިލްއަށް ވެސް އެނގޭނެއެވެ. އެކަމަކު އޭނާ އެކަމުގައި ކުށްވެރުކުރީ އަޒްކާއެވެ. މޮޔަމީހަކަށް ހެދުމަށްފަހު ގެންދިޔަ ތަނަކަށް އަޒްކާ އެފޮނުވާލީ މާހިލް ހެއްޔެވެ؟ މިހާރު މި ހުރިހާ ކަމެއް އެކަތި އަނެކައްޗަށް އަޒްކާއަށް ގުޅުވާލެވިއްޖެއެވެ. މާހިލް އޭނާއަށް އޮޅުވާލީއެވެ. އޭނާއަށް ނޭނގުނީ އޭނާއަށް ކުރެވުނު ކުށެވެ. ދެރަކަމަކީ ކުރެވުނު އިތުބާރަކާއި ވެވުނު ލޯތްބެއްގެ ސަބަބުން އޭނާއަށް މާހިލްއާ އެކުގައި އިންފަހަނައަޅައި ދެވިފައިވުމެވެ. އޭނާ ވަނީ އޭނާގެ ހަށިގަނޑު ކައިވެނީގެ ބޭރުން މާހިލްއަށް ހިބައިން ދީފައެވެ. އެހަށިގަނޑަށް މާހިލް ނުހާދާ އެއްވެސް ގޮތެއް ނެތެވެ. އުމުރުން އަށާރަ އަހަރު ނުވަނީސް އޭނާ ވަނީ މާހިލްގެ ލޯބީގައި ގެނބިގެން ގޮސްފައެވެ. އުފެދޭ ސުވާލަކީ މާހިލް ހަނދާން ނައްތާލި ފަދައިން އަޒްކާއަށް ވެސް މާހިލް މަތިން ހަނދާން ނައްތައިލުން ފަސޭހަވެދާނެ ހެއްޔެވެ؟

ދުވަހުގެ އިރުއޮއްސި އަނދިރިވެގެން ދިޔައިރުވެސް ނާހިދަށް އަޒްކާގެ ހަބަރެއް ނުވާތީ އޭނާ ހުރީ ކަންބޮޑުވެފައެވެ. އޭނާއަށް އެގޮތެއް ކަމަކު ނުދިޔައެވެ. އަޒްކާ މިވަގުތު އެހެރީ އޭނާގެ ބެލުމުގެ ދަށުގައެވެ. ވީއިރު އަޒްކާއަށް ވާނުވާ ބެލުމަކީ އޭނާގެ ވާޖިބެކެވެ. އިޝާނަމާދު ވަގުތާ ހަމައަށް ބެލުމަށްފަހު ނާހިދު އަޒްކާގެ ކޮޓަރީގައި ޓަކި ޖަހަން ފެށިއެވެ. އަޒްކާ ދޮރު ހުޅުވީ ނާހިދު ދޮރުގައި ޓަކިޖަހާތާ އެތައް އިރެއްވީ ފަހުންނެވެ.

"ޔޫ އޯކޭ؟" އަޒްކާ ނާހިދާއި ކުރިމަތިލާން ބޭނުންވާހެން ހީނުވާތީ ނާހިދު އަހާލިއެވެ. އަޒްކާ ބޯޖަހާލިއެވެ.

"ލުކް އަޒްކާ! ކަމެއް ގޯސްވެއްޖެކަން މަށަށް އިނގޭ. ބޭނުންނުވަންޏާ ނުބުންޏަސް އެންމެ ރަނގަޅު. އެކަމަކު މިހާރު އަހަރެންނާ އެކުގައި ތިރިއަށް ހިނގާ..." ނާހިދު ވާހަކަދައްކާ ނިމުމާއެކު އަޒްކާއަށް ނާހިދާ ދިމާއަށް ބަލައިލެވުނެވެ. އެވަގުތު އަޒްކާގެ ރަތްވެފައިވާ ދެލޮލާއި ކުޑަކޮށް މަހެތިކަމެއް ވެފައިވާ މޫނު ރީތިކޮށް ނާހިދަށް ފެނުނެވެ.

"ތިވަރަށް ހިތާމަނުކުރޭ. އަދި އެއްކޮށް އަޒްކާ ރިކަވަރއެއް ނުވޭ. ހިނގާ ތިރިއަށް" އަޒްކާ ހުރި ތަނުން ގުޑާވެސް ނުލިއެވެ. އަޒްކާ ސިހުނީ އޭނާ ނުވިސްނައި ހުއްޓައި ނާހިދު އޭނާގެ އަތްތިލަ އަޒްކާގެ އަތްތިލަ ތެރެއަށްލައި އިނގިލިތައް މަހައިލުމުންނެވެ. ނާހިދު މަޑުމަޑުން ކޮޓަރިން ނިކުމެގެން ސިޑީގެ ހަރުފަތްތައް ގިރާކޮށް ކާކޮޓަރިއާއި ދިމާއަށް އައިއިރު ގިނަފަހަރަށް އަޒްކާއަށް ހުރެވުނީ ނާހިދުގެ އެހުރި ޖެހިލުންކުޑަ ކަމެއްގެ ސަބަބުން ނާހިދަށް ބަލަހައްޓައިގެންނެވެ.

ކާމޭޒު ކައިރީ ހުއްޓުމަށްފަހު އަޒްކާ ވަށައިގެން އޮތް މާހައުލަށް ކަޅިއެއް ހިންގައިލިއެވެ. މޭޒު ކައިރީގައި ތިބި މެދު އުމުރުގެ އަންހެނަކާއި ފިރިހެނެއް ފެނި އަޒްކާ ފިނިވިއެވެ.

"ކަނބުލޮ. އަވަހަށް އިށީނދޭ ކާން...." އަޒްކާއަށް ހިނިތުންވުމެއް ދެމުން ނާހިދުގެ ބައްޕަ މޯހަންދާސް ބުނެލިއެވެ. އަޒްކާ ގޮނޑި ފޭކޮށްލުމަށްފަހު އިށީނެވެ. އޭނާ އިނާޝާއަށް ބަލައިލީ އިރުކޮޅަކު އިނުމަށްފަހުއެވެ. އިނާޝާގެ ތުންފަތްމަތީގައި ވަނީ ހިތްހެޔޮ ހިނިތުންވުމެކެވެ.

"ދިރިއުޅުމުގައި އެކިކަހަލަ ކަންތައްތަކާ ދިމާވާނެ. އެއީ އިންސާނުން އިމްތިހާން ކުރައްވާގޮތަކީ. އެހުރިހާ ކަމަކަށް ކެތްތެރިވާންވާނެ. ތިމާއަށް ފާފައެއް ކުރެވިފައިވާނަމަ ވަގުތު ފާއިތުނުވަނީސް އަވަހަށް ތައުބާވޭ. ތައުބާގެ ދޮރުތައް ވަނީ ކޮންމެ އިންސާކަށްމެ ހުޅުވާލެވިފައި. މާޒީގައި ވެދިޔަ ކަމެއްފަހުން ހަނދާނުން ފޮހެލައި ތިމާގެ ނަޒަރު ކުރިމައްޗަށް ސީދާކޮށް ހިތްވަރާއެކު ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަޅަމުންދޭ. އެއީ ބައްޕަދޭން އޮތް ނަސޭހަތަކީ" މޯހަންދާސް އޭނާގެ ވައަތް ފަރާތުގައި އިން އަޒްކާގެ ބޮލުގައި ފިރުމާލަމުން ނަސޭހަތްތެރިވިއެވެ. އަޒްކާ އިސްއުފުލައި މޯހަންދާސްއަށް ބަލައިލިއެވެ. މޫނުމަތިން ބޭރުމީހަކާ އެއްގޮތެވެ. ނަމަވެސް ވާހަކަދެއްކުމުގައި ވަނީ ދިވެހިންގެ ރާގެވެ.

"އަޒްކާ! މީ އަހަރެންގެ މަންމައާއި ބައްޕަ. މިގޭގައި އިތުރު ބަޔަކު ނޫޅޭނެ. އަޒްކާ ބޭނުންވާ ދުވަހެއް ވަންދެން މިގޭގައި ހުރެވޭނެ. ނޫނީ އަޒްކާ ދާން ބޭނުންވާ ތަނެއް އޮތިއްޔާ ބުނޭ. އޭރުން ކައި ނިމިގެން ހަމަ ދާންވީ. އޭރުން ފުރިހަމަ މިނިވަންކަމުގައި އަޒްކާއަށް އުޅެވޭނެ" ނާހިދު އަޒްކާއަށް ބަލައިލަމުން ވާހަކަދެއްކިއެވެ. އެންމެން ވާހަކަދައްކާއިރު ވެސް އިނާޝާ އަނގައިން ނުބުނާތީ އަޒްކާ އިނީ ހައިރާންވެފައެވެ.

"އަ....އަޅުގަނޑު ދާނެ އެއްވެސް ތަނެއް ނެތް. ހުރީ އެންމެ ތަނެއް. އެތަނަށް ދާކަށް އަޅުގަނޑު ބޭނުމެއްނޫން. އެއީކީ އިންސާނަކު ހުންނަން ހެޔޮވާވަރުގެ ތަނެއްނޫން. އަހަރެންނަކީ ކާކުކަން އަހަރެންނަށް އޮޅުވާލީ އެތަނުން" ރޮވިފައި އިން އަޒްކާ ބުނެލިއެވެ.

"އެއީ ކޮންތަނެއް؟" ނާހިދު އަހައިލިއެވެ.

"ކުޑަކުދިންގެހިޔާ" އަޒްކާ ބުނެލިއެވެ. ނާހިދު އަޒްކާގެ މޫނަށް ބަލައިލިއިރު އޭނާގެ މޫނުމަތީގައި ވަނީ ހިތާމަވެރިކަމެވެ.

"އަހަރެންނަކީ ނިކަމެއްޗެއް. މަންމައެއް ބައްޕައެއް ދުނިޔޭގައި ހުރި ކަމެއް ވެސް ނެތް ކަމެއްވެސް ނޭނގޭ. އެއްބަނޑު ތިމާގެ މީހެއް ދުވަހަކުވެސް ލޮލަކުން ނުދެކެން. ފެނިފައި ހުރީ ނުބައި އެކުވެރިން. ނާހިދަށް އުނދަގޫވަންޏާ އަހަރެން އަލުން މޮޔަ މީހެއްގެ ގޮތުގައި އެތަނަށް ގެންދޭ..." އަޒްކާއަށް ރޮއެގަނެވުނެވެ. ތަނުގައި ތިބި ހުރިހާ މީހުންގެ ލޯތައް ފެންކަޅިވެގެން ދިޔައެވެ. އިނާޝާ ތެދުވެގެން އައިސް އިސްޖެހި ރޮވިފައި އިން އަޒްކާގެ ދެލޯ ކައިރި ފޮހެދީ ބައްދައިލިއެވެ. މައެއްގެ ހަމްދަރުދީއަށް އެދިއެދި އިން އަޒްކާއަށް ވަގުތުން އިނާޝާގެ ހަށިގަނޑުގައި ބައްދައިގަނެވުނެވެ.

"ދެން ތިކަހަލަ ވާހަކައެއް ނުދައްކާތި. ތިކަހަލަ ވާހަކަ އެކި ގޮތްގޮތަށް އެނބުރެމުން އައިސް ނިމިގެންދާނީ ކުފުރުގެ ބަހެއްގެ ގޮތުގައި. މާތްﷲ މިދުނިޔެއަށް ފޮނުއްވާފައިވާ އެއްވެސް އިންސާނަކީ ނިކަމެއްޗެއްނޫން. އަޒްކާ މީގެ ފަހުން ހުންނާނީ މިގޭގައި. ތީ އަހަރެންގެ އަމިއްލަ ދަރިއެއްގެ ގޮތުގައި ދެކޭނަން. އަލްހަމްދުލިއްލާހް.... އަލްހަމްދުލިއްލާހް.... އަހަރެންނަށް މިއަދު އަންހެންދަރިއަކު ދެއްވައިފި..." މޯހަންދާސްއަށް މޫނުގައި އަތް އެޅުނެވެ. ޖަޒްބާތީ ވެވުނުވަރުން އޭނާގެ ދެލޮލުން ވެސް ކަރުނަ ހިލުނެވެ.

"ދަރިފުޅާ ނާހިދު. އިހަށް މިވަގުތު އެމަންޖެއާ އިތުރު ސުވާލެއް ނުކޮށް އަރާމު ކުރުމަށް ކޮޓަރިއަށް ފޮނުވާލާ..." ވަގުތުން މޯހަންދާސް ގެ އަމުރަށް ނާހިދު ކިޔަމަންވިއެވެ.

********************************

ދުވަހަކަށް ފަހު ދުވަހެއް ހަފްތާއަކަށް ފަހު ހަފްތާއެއް ފާއިތުވަމުން ދިޔައެވެ. ނާހިދުގެ ގެ 'ރޯޒަލް'އިން އަޒްކާއަށް ދުވަހަކުވެސް ނުލިބޭހާ އުފަލާއި ހިތްހަމަޖެހުން ލިބެމުން ދިޔައެވެ. ކަމަކާ ދެރަވެ ވިސްނާ ފިކުރުކުރާކަށް ވަގުތެއް އަޒްކާއަށް ނުލިބެއެވެ. އިނާޝާއަށް ވެސް މުޅިން އާ ދިރިއުޅުމެއް ލިބިފައިވާ ކަހަލައެވެ. އޭނާއަކީ ވާހަކަނުދެއްކޭ ނުކުޅެދޭ މީހެއްކަން އެނގުނު ހިނދު އަޒްކާގެ ދެލޯ ފުރިގެން އައި މަންޒަރު ފެނުނު ވަގުތު އުފަލުން ރޮވުނެވެ. އަންހެންދަރިއެއްގެ ފަރާތުން ބޭނުންވާ ހުރިހާ ލޯތްބަކާއި އަޅާލުމެއް އަޒްކާގެ ފަރާތުން އިނާޝާއަށް އަންނަނީ ލިބެމުންނެވެ. ހަމައެހެންމެ ނާހިދާއި އަޒްކާއާއި މެދުގައި އޮންނަ ގުޅުން ވެސް ދުވަހެއް ދުވަހަކަށް ދިޔައީ ބަދަހިވަމުންނެވެ. ނާހިދުގެ ހިތުގައި އަޒްކާއަށްޓަކައި ޖަހަމުންދިޔަ ވިންދުވެސް ދިޔައީ އިތުރުވަމުންނެވެ. ނާހިދުގެ ހިތް ވަނީ އޭނާއަށް ވެސް ނޭނގި އަޒްކާއަށް ދެވިފައެވެ. ނަމަވެސް ބައެއްފަހަރު އަޒްކާގެ މާޒީގައި ހިނގާފައިވަނީ ކޮންކަހަލަ ކަންތައްތަކެއްކަން ނޭނގޭތީ ހިތުގެ ހާލު ބަޔާންކުރަން ނާހިދު ފަސްޖެހެއެވެ. ހަމައެއާއެކު ނާހިދާ ބަލާފައި އަޒްކާ އުމުރުގެ ގޮތުން ހަގުވުމުން ހިތުގެ ހާލު ބަޔާންކުރުމަށް އޭނާ ޖެހިލުންވެއެވެ.

ދެކޮފީތަށި ހިފައިގެން ކޮޓަރިން ނިކުތް އަޒްކާ ވަނީ ނާހިދުގެ ކޮޓަރިއަށެވެ. އެކޮޓަރިން ނިކުމެވެން ހުންނަ ބެލްކަނީގައި އަޒްކާ ހުއްޓުނު އިރު އޭނާގެ ހަރަކާތްތަކަށް ބަލައިފިނަމަ މިއީ އޭނާ އެކޮޓަރިއަށް ވަން ފުރަތަމަ ފަހަރޭ އެއްވެސް މީހަކު ނުބުނާނެއެވެ. ފޯނެއްގައި ހުރި ނާހިދު އަޒްކާ ފެނުމުން ކޯލް ކުރުކޮށްލުމަށްފަހު ލައިގެން ހުރި ސޯޓްބުރީގެ ޖީބަށް ކޮށްޕާލިއެވެ. ދެމީހުން އެކަކު އަނެކަކަށް ހިނިތުންވުމެއް ދިނުމަށްފަހު ބަހައްޓާފައި ހުރި ކުޑަ މޭޒުގެ ދެފަރާތުގައި އިށީނެވެ.

"ކުރިން ނޭނގޭ އިނާއްތައަށް ވާހަކަނުދެއްކޭކަމެއް. ވަރަށް ދެރަވެއްޖެ..." އަޒްކާ ފެށި ވާހަކައަކުން ނާހިދުގެ ހިތުގައި ރިއްސާލިއެވެ. އޭނާގެ މަންމަގެ ހުންނަ ނުކުޅެދުންތެރިކަމުގެ ވާހަކަ އެގޮތަށް މީހުން ދައްކާކަށް އޭނާ ނޭދެއެވެ.

"ސޮރީ" ނާހިދުގެ މޫނުމައްޗަށް ވެރިވި ކުލަވަރުތައް ފެނި އަޒްކާ ބުނެލިއެވެ.

"ނެވަރ މައިންޑް... އަޒްކީ އަކީ ދުރު މީހެއްނޫން. އަހަރެން މަންމަގެ ސްޓޯރީ ކިޔާދީފާނަން. ބަޓް ދިސް އިޒް ނޮޓް ރައިޓް ޓައިމް" ކޮފީތަށި އަނގަޔާ ދުރުކޮށްލަމުން ނާހިދު ބުނެލިއެވެ.

"އައި އަންޑަރސްޓޭންޑް..." އަޒްކާ ބުނެލިއެވެ.

"ބައި ދަ ވޭ....... އަޒްކީ.... ލޯބި ނަމެއް" ހީލަމުން އަޒްކާ ބުނެލިއެވެ. ނާހިދު އޭނާއަށް އެހާ ލޯބި ނަމެއް ދިނުމުން އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ހިނިތުންވުމުގެ ތެރެއިން އޭނާ ނާހިދަށް ބަލައިލިއިރު ނާހިދު އިނީ އަޒްކާއަށް ބަލަހައްޓައިގެންނެވެ.

އޮފީހުން އައިސް ކޮޓަރިއަށް ވަންގޮތަށް ހަށިގަނޑުގައި ހުރި އަންނައުނުތައް އެނދުމައްޗަށް އުކައިލުމަށްފަހު މާހިލް ވަނީ ފާހާނާއަށެވެ. ފަޒާ ކޮޓަރިއަށް ވަންގޮތަށް އަވަސްވެގަތީ އެނދުމަތީގައި އުކާލާފައިހުރި މާހިލްގެ އަންނައުނުތައް ނެގުމަށެވެ. މާހިލް ލާނެ ޓީޝާޓަކާއި ޖިންސެއް ނެގުމަށްފަހު އެނދުމަތީގައި ބާއްވާފައި ކޮޓަރިން ނިކުންނަން ހިނގައިގަތްތަނާ މާހިލް ފާހާނާއިން ނިކުތެވެ.

"ކާން ހަދަންތަ؟" ހީލަމުން ފަޒާ އަހާލިއެވެ.

"ބައްޕަ އެބައުޅުއްވާތަ؟" ފަޒާ ކުރި ސުވާލުގެ ބަދަލުގައި ތުވާލިން ފެންހިއްކަމުން ދިޔަ މާހިލް ބުނެލިއެވެ.

"އާނ. އެބައުޅުއްވާ. އެކަމަކު އަދި ކާކަށް ނުނިކުމޭ" ފަޒާ ޖަވާބުދިނެވެ.

"އަހަރެން މިދަނީ ބޭރަށް. މިއަދު ކާނީ ބޭރުން. ފަޒާ ކައިގެން ހުރޭ އިނގޭ. ބައްޕަ އަހައިފިއްޔާ ބުނޭ އަހަރެން އޮފީސް ނިންމާފައި އަދި ނާދެޔޭ" މާހިލް ބުނެލިއެވެ. އޭނާގެ ހަރަކާތްތައް ވަނީ އަވަސްވެފައެވެ.

"އެކަމަކު....." ފަޒާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އެކަން މަނާކުރީ މާހިލްއެވެ.

"ދެން މާގިނަ ވާހަކަނުދައްކަބަލަ. ވަގުތެއްނެތޭ" އެންމެފަހު ކަމަކަށް ޓީޝާޓް މަތިން ބޮޑީސްޕްރޭ ބުރުވާލަމުން މާހިލް ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އަވަސް އަރުވާލާފައި ކޮޓަރިން ނިކުންނަން ދިޔަ މާހިލްއަށް ބަލަމުން ގޮސް ފަޒާ އެނދުގައި އިށީނެވެ.

ސައިކަލުގައި ދުއްވާފައި މާހިލް ދިޔައީ ފުދޭވަރަކަށް ބާރަށެވެ. އޭނާ މަޑުކޮށްލީ މެޑިކާ ހޮސްޕިޓަލް ކުރިމައްޗަށެވެ. ޖީބަށް އަތްކޮށްޕައިލުމަށްހު ފޯނުނަގައި ނަންބަރަކަށް ގުޅައިލުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ.

"ޒަރޭ! ޒަރޭއަށް ހަމަ ޔަގީންތަ މިތަނުންކަން އޭނަ ފެނުނީ..." މާހިލް ވާހަކަދެއްކިއެވެ. އޭނާ ފޯނު ކަނޑާލީ ހޯދަން ބޭނުންވާ ހުރިހާ މައުލޫމާތެއް ހޯދުމަށް ފަހުގައެވެ. ފޯނު އަލުން ޖީބަށް ކޮށްޕައިލުމަށްފަހު ޒޯނުގައި ސައިކަލް ޕާކްކޮށްލިއެވެ. އަދި މެޑިކާ ހޮސްޕިޓަލްގެ ދޮރު ފެންނާނޭހެން ސައިކަލުމަތީގައި އިށީނދެގެން އިނެވެ. އެހެން އިންތާ ވާނީ ކުޑައިރުކޮޅެކެވެ. ފެނުނީ އިސްކޮޅުން ދިގު ހިކި ޒުވާނަކު ނިކުތްތަނެވެ. މާހިލް އަތް އުފުލާލުމަށްފަހު ހަނާއަޅައިލުމުން އެ ޒުވާނާ މިސްރާބުޖެހީ މާހިލްއާ ދިމާއަށެވެ. ދެއަހަރަށްދާ ކުޑަކުއްޖަކު އެޒުވާނާގެ އަތުގައި ހިފާލައިގެން ހުއްޓެވެ.

"ޒަރޭއަށް ހަމަ ޔަޤީންތަ؟" އަނެއްކާވެސް މާހިލް އަހާލިއެވެ.

"މަގޭ ލޮލަށް ނުގޮވަބަލަ. މަށަށް މިއީ މަގޭ ދަރިކަން ޔަޤީންވާ ފަދައިން އެއީ އަޒްކާކަން ޔަޤީން. ބުނަންތަ؟ މަށަކަށް ހިއެއްނުވޭ އޭނާ މިހާރު ދުނުޔޭގައި އުޅެނީ ކަލެއަށްޓަކައިހެނެއް" ޒަރާން މާހިލްގެ ކޮނޑުގައި ޖަހައިލަމުން ބުނެލިއެވެ.

"ނެވަރ މައިންޑް. މަށަށް އޯކޭ އަދިވެސް ޔޫސްކޮށްލެވެނިކޮށް" މާހިލް ބުނެލިއެވެ.

"ކަލޭ ދުވަހަކުވެސް އިސްލާހެއްނުވާނެ" ޒަރާން ބުނެލިއެވެ.

"މަށަކަށް ކަލޭ ގޮތަށް އެންޖޯއީ ކުރަންވީ ދުވަހު ބޮށްކުރާ ފަހަތުގައި އައްސައިގެން ނޫޅެވޭނެ" މާހިލްގެ ބުނަން އުޅުނު ވާހަކައިގެ މާނަ ޒަރާނަށް ނަގައިގަނެވުނެވެ. އޭނާ ކައިރީގައި ހުރި ކުޑަ ދަރިފުޅަށް ބަލައިލިއެވެ. މައުސޫމު ބެލުމަކުން އެކުއްޖާ ހުރީ ޒަރާންގެ މޫނަށް ބަލަހައްޓައިގެންނެވެ.

"ބަޑީ!! މި ލައިފް ހާދަ ސަޅިއޭ. އެކްސްޕީރިއަންސް ކޮށްލީމަ އިނގޭނީ... ތިގޮތަށް ފެންނަހާ މަލަކުން ފޮނިބޮމުން ދުވުނީމަ ފަހުން ލިބޭނީ ކެހި. ވަގުތު ފާއިތުނުވަނީސް އިސްލާހުވޭ.... ދެން ނެތޭ ހުރެވޭކަށް. ދަރިފުޅު ވަރަށް ބަލިވެގެން މިތަނަށް މިއައީވެސް. ދެން ދަނީ އިނގޭ. އަދިވާނެ އެކީގައި ކޮފީއަކަށް އަރަން..." މާހިލްގެ ކޮނޑުގައި ޖަހާލަމުން ޒަރާން ބުނެލިއެވެ. އަދި ކައިރީގައި ހުރި ދަރިފުޅު އުރާލަމުން ހިނގައިގަތެވެ.

މާހިލް އެތަނުގައި މާގިނަ އިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. މެޑިކާއިން އެނިކުތީ އަޒްކާއެވެ. މާހިލްގެ ދެބުމަ ގޮށްޖެހުނީ އަޒްކާގެ ފަހަތުން ނިކުތް ޒުވާން ފިރިހެންކުއްޖާ ފެނިފައެވެ.

"އަދި ކިތައް ދުވަހު މިތަނަށް އަންނަންޖެހޭނެ؟" އަޒްކާ އަހާލިއެވެ.

"މިނިމުނީ. މިއަދު މިނެގީ އެންމެފަހު ސެޝަން... އަވަހަށް އަރާ!..." އަޒްކާގެ ކުރިމަތީގައި ސައިކަލް މަޑުކޮށްލަމުން ނާހިދު ބުނެލިއެވެ. ހީލާފައި އަޒްކާ ސައިކަލަށް އެރިއެވެ. އޭނާއަށް ހަތަރުކަޅި ހަމަކޮށްގެން ބަލަހައްޓައިގެން އިން މާހިލް ފެނުނީ ކުރިއަށް ސައިކަލު ދުއްވާލި ފަހުންނެވެ.

"ސޮޓްޕް....ސްޓޮޕް..." ނާހިދު ކުއްލިއަކަށް ސައިކަލު ހުއްޓާލީ އަޒްކާގެ އަޑަށެވެ. ބުރަކި ޖައްސާލުމާއެކު އަޒްކާ ގޮސް ޖެހުނީ ނާހިދުގެ ބުރަކަށީގައެވެ.

"ވަޓްހެޕެން؟" ފަހަތަށް އެނބުރިލަމުން ނާހިދު އަހާލިއެވެ. އޭރު އަޒްކާގެ ދެލޯ އަމާޒުވެފައިވަނީ އޭނާއާއި ދިމާއަށް ހިނގާފައި އަންނަ މާހިލްއަށެވެ. ނާހިދު މާހިލްއަށް ބަލައިލިއެވެ. އޭނާ އަޒްކާގެ މޫނަށް ބަލަމުން ދިޔައީ އެމޫނުން އޭނާއަށް ތަފާތުކަމެއް ފާހަގަވާތީއެވެ.

"އަޒް!! ކިހިނެއްތަ؟" އަޒްކާއާ އަރާ ހަމަވެފައި ސަލާމަށް އަތްދިއްކޮށްލަމުން މާހިލް އަހާލިއެވެ.

"ރަނގަޅު. މާހިލް ކިހިނެއް؟" އަޒްކާ އަހާލިއެވެ. ނަމަވެސް އޭނާ ސަލާމެއް ނުކުރިއެވެ. ހީލަމުން މާހިލް އޭނާގެ އަތް ތިރިކޮށްލިއެވެ.

"ކޮންތާކު ތިއުޅެނީ؟ ހާދަ ދުވަހެއްވެއްޖޭ ނުފެންނަތާ" މާހިލް ބުނެލިއެވެ.

"އާނ... ހީކުރީ ދޯ މަރުވީކަމަށް. ﷲ އިރާދަކުރެއްވިއްޔާ އަހަރެން މިހުރީ ގަދަވެ ސަލާމަތުން. ބަޔަކު ވަރަށް މޮޅަށް ރާވައިގެން އަހަރެން މޮޔައަކަށް ހަދަން މަސައްކަތްކުރި. އެމީހުންގެ މަސައްކަތް އެކަލާނގެ ނާކާމިޔާބު ކުރުވީ. ހެހެހެ... ބައި ދަ ވޭ.... މެރީކުރިކަން އެނގިއްޖެ. ކޮންގްރާ އިނގޭ...." އަޒްކާ ވާހަކަދެއްކިއެވެ. މާހިލް ހުރީ އަޒްކާގެ މޫނަށް ބަލަހައްޓައިގެންނެވެ.

"ތެންކިއު. އެކަމަކު އަހަރެން ހެޕީއެއްނޫން.... އެއީ ކާކު؟" އަޒްކާއާއި މާހިލްއަށް ފުރުސަތުދީފައި ދުރުގައި ހުރި ނާހިދު ދައްކާލަމުން މާހިލް އަހާލިއެވެ.

"އެއީ ދޯ... އެއީ މިހާރު އަހަރެންގެ ހުރިހާވެސް މީހަކީ. އަހަރެން އެދުނިޔެއަށް ނެރެދިނީ އޭނާ. އަހަރެންނަށް އެހީތެރިވި ބައިވެރިޔާ. އަހަރެންގެ ހާލަށް ހަމްދަރުދީވެ އެހާލަތުން އަހަރެން ނެރެދިނުމަށް މާތްﷲ މެދުވެރި ކުރެއްވި މަދަދުވެރިޔާ" އަޒްކާ ވާހަކަދެއްކީ ނާހިދަށް ބަލަހައްޓައިގެން ހުރެއެވެ.

"އެހެންތަ؟ ވަރަށް މިސްވި. ހިނގާ މީޓްކޮށްލަމާ" މާހިލް ވާހަކަދެއްކިއެވެ.

"މިހާރަކުނޫން" އަޒްކާ ބުނެލިއެވެ.

"ފަހުން ވާނެތަ؟ ފޯނު ނަންބަރުވެސް ނުދެމެއްނު؟" މާހިލް ބުނެލިއެވެ. އޭނާގެ ބާރުގެ ދަށަށް އަލުން އަޒްކާ ގެނެވިދާނެ ކަމާމެދު މިހާރު އޭނާއަށް ޝައްކެވެ.

"ވިލް ޓްރައި. ދެންދަނީ" އަޒްކާ ހިނގައިގަތެވެ.

"ވާއު.... އަދި އެންމެ ރެޔަކަށް ވިޔަސް ބޭނުން. އަދި ކާމިޔާބު ކުރާނަން..." އަޒްކާ އޭނާ ފަސްދީ ހިނގައިގަތުމުން އަމިއްލަ ނަފްސަށް ހީލަމުން މާހިލް ބުނެލިއެވެ.

ކޮޓަރިއަށް ވަންގޮތަށް ސިޑިއާއި ދިމާއަށް އަޒްކާ ދުއްވައިގަތެވެ. ނަސީބަކުން ގޭގައި ގެންގުޅޭ މީކާ ނޫން އިތުރު މީހަކު ސިޓިންރޫމުން ފެންނާކަށް ނެތެވެ. އަޒްކާ ދިޔަ ދިމާއަށް ބަލަން ނާހިދު ހުރީ ހިތުގައި ޖެހިފައެވެ. ގެއަށް އައި މަގުމަތީގައި އަޒްކާ ވާހަކަނުދައްކާތީ ނާހިދުވެސް އިނީ އެއްޗެއް ނުބުނެއެވެ. އޭނާއަށް ޔަޤީންވާކަމަކީ އަޒްކާއާ ވާހަކަދެއްކި ޒުވާނާއަކީ އަޒްކާއަށް މުހިއްމު މީހެއްކަމެވެ. ނޭނގޭ ކަމަކީ އަޒްކާ ނިންމާނެ ނިންމުމެވެ.

********************************

މެންދުރުގެ ވަގުތެވެ. މަގުމައްޗަށް ދިއްލާފައިވާ އަވީގެ ގަދަ ހޫނުގައި ސައިކަލުގައި ބުރުހާނުއްދީން ދުއްވާފައި ގޮސް މަޑުކޮށްލީ ކެފޭއެއްގެ ކައިރިއަށެވެ. އިސްކޮޅުން ދިގުކޮށް ހުންނައިރު ކުޑަ ބަނޑެއް ހުއްޓަސް ބަލާބެލުމަށް ބުރުހާނުއްދީން ފެންނަނީ އުމުރަށް ވުރެ ޒުވާންކޮށެވެ. މަތިމަހާއެކު ތުނބުޅި ލާފައި ހުންނައިރު އެއީ އުމުރުން ފަންސާހަށް ވުރެ މައްޗަށް ގޮސްފައިވާ މީހެކޭ އެއްވެސް މީހަކު ނުބުނާނެއެވެ. ދެލޯ ފޮރުވާލާފައި އިން އަވި އައިނު ނަގައި ފަހަތުން ކަރުގައި އަޅުވާލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ.

"ސަލާމް ބޭފުޅާ!" ވަދެގެން ދިޔަ ބުރުހާނުއްދީން ފެނުމާއެކު އޭނާގެ އެކުވެރި އާޔަތުﷲ ބުނެލިއެވެ. ބުރުހާނުއްދީނާއި އާޔަތުﷲއަކީ ޅައިރުއްސުރެވެސް ގާތް ދެ އެކުވެރިންނެވެ.

"ވައަލައިކުމުއްސަލާމް... ކިހިނެއްތަ ހާލު އަހުވާލު؟" އާޔަތުﷲއާ ސަލާންކޮށް ބައްދާލަމުން ބުރުހާނުއްދީން ބުނެލިއެވެ.

"ކަލޭ ދެން މިހާރު ތިއީ ތަދު ބޭހެއްދޯ!" އާޔަތުﷲ ބުނެލިއެވެ.

"ދެން ވާނީވެސް އެހެންތާ... ވިޔަފާރީގެ ކަމަކު ކެނެޑާގައި ހުރެފައި މިއައީ. އާޔަތު ގުޅާލީމަ އިނގުނީ މިވަގުތު ރާއްޖޭގައި ހުރިކަން. ހިތަށް އެރީ މިއަދު ބައްދަލުނުވެއްޖިއްޔާ ދެން ނުވެދާނޭ" ގޮނޑި ދަމާލާފައި އިށީންނަމުން ބުރުހާނުއްދީން ބުނެލިއެވެ. އަދި ދެކޮފީއަށް އޯޑަރުދިނެވެ.

"ކޮބާ މިހާރު ޔަޝްފާއާއި ކުދިން. މިދަތުރުގައި ނުގެންނަންތަ؟" ބުރުހާނުއްދީން އަހާލިއެވެ.

"އާނ... މިދަތުރު މިއައީވެސް ދަރިއެއް ކަހަލަ ކުއްޖެއްގެ ކައިވެންޏަށް ވަލީ ހަވާލުކުރަންވެގެން. ދެދުވަސް ފަހުން ފުރާނަން ﷲ އިރާދަކުރެއްވިއްޔާ" އާޔަތުﷲ ވާހަކަދެއްކިއެވެ.

"ކައިވެންޏެއްކުރާކަށް ނޫޅެންތަ؟ އުމުރު މަތިވިޔަސް އަހަރެމެން ކަހަލަ ސްމާރޓް ފިރިހެނުންގެ ހިތް މުސްކުޅިއެއް ނުވާނެ. ނުވިސްނަންތަ އެކަހަލަ ކަމަކާ؟" އާޔަތު އަހާލިއެވެ.

"މާހިލްގެ މަންމަ ނިޔާވީމަ ތިހިޔާލު މިހާރަކު ނުކުރަން. ދުނިޔެއިން އެންމެ ބޭނުންވި ފަރާތް ދެން ލިބެންނެތީމަ ކައިވެންޏެއް ކުރަން ވިސްނުމެއްނެތް" ބުރުހާނުއްދީން ކޮފީތަށިން ކޯވަރެއް ބޯލަމުން ބުނެލިއެވެ.

"ހީވޭތަ ތީ ރަނގަޅު ވިސްނުމެއްހެން. މަސައްކަތް ކޮށްފިއްޔާ ކުރީގަ އިންމީހާ ވެސް ލިބިދާނެއެއްނު. މަސައްކަތް ކުރަންވީނު. އެހެންނޫނީ ތިއުމުރުގައިވެސް ނުބައި ކަންތައްތައް ކުރެވެންފަށާނީ..." އާޔަތުﷲ ވާހަކަދެއްކިއެވެ.

"ބޭނުމެއްނޫން. އެއީ އަހަރެންގެ ހަޔާތުން ބޭނުންނުވެގެން ބޭރުކުރި މީހެއް. އެއްފަހަރުވެސް އަހަރެންގެ ހަޔާތުން ބާކީ ކޮށްފައި މީހަކު ހުރިއްޔާ އަލުން އަނބުރާ ނުގެނެވޭނެ. އެހެންނޫނަސް އެއީ މަޖުބޫރުން ކުރި ކައިވެންޏެއްކަން ކަލެއަށްވެސް އެނގެއެއްނު. އަހަރެން އެއްވެސް އިރެއްގައި އޭނާދެކެ ލޯތްބެއްނުވަން" ބުރުހާނުއްދީން ވާހަކަދެއްކިއެވެ. އެތައް ދުވަހަކަށްފަހު ޒަމާންވީ ދެއެކުވެރިން ބައްދަލުވުމުން އެތައް ވަގުތެއް އެތަނުގައި ދިރިއުޅުމުގެ އެކި ވާހަކަދެއްކުމުގައި ހޭދަކުރިއެވެ.

(ނުނިމޭ)