ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާގެ އަޑީގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ގޮވާލައިފިއެވެ.
ރަހުމުކުޑަ ހަމަލާތަކަކާއެކު އަފްރާޝީމް އަވަހާރަކޮށްލިތާ އިއްޔެއަށް ހަ އަހަރު ފުރުނު އިރުވެސް އެ މަރުހޫމާއި، މަރުހޫމުގެ އާއިލާއަށް އިންސާފު ލިބިފައިނުވުމަކީ އެމްއާރްއެމް އިން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަން އެ މޫވްމަންޓުން ވަނީ ހާމަކޮށްފައެވެ.
އެމްއާރްއެމް އިން ބުނީ ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތަހުގީގުތަކުގައި އެ ކުށުގެ އަމަލުގެ ސަބަބަކީ ކޮބައިގެން ދެނެގަތުމަކީ ތަހުގީގު އިދާރާތަކުން އިސްކަން ދޭން ޖެހޭ ކަމެއް ކަމަށާއި އެހެންކަމުން އެ ކުށަކީ ސަބަބަކުން ނުކުންނަ ނަތީޖާ ކަމަށްވާތީ، ސަބަބު ނައްތާލެވިއްޖެނަމަ ނަތީޖާ އޭގެ ޒާތުގައި ވެސް ނައްތާލެވުނީ ކަމަށެވެ.
"ޖިނާއީ ކުށުގެ އަމަލު ހިންގީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބު އަނިޔާ ލިބޭ ކޮންމެ މީހަކުވެސް އަދި އެ މީހެއްގެ އާއިލާއާއި ހެޔޮ އެދޭ ކޮންމެ ދިވެހި ރައްޔިތެއްވެސް ބޭނުންވާނެއެވެ. އިތުރު ނުރައްކަލެއް އޮތްތޯއާއި، ނުރައްކަލެއް އޮތްނަމަ އެކަމެއް ޙައްލުކުރާނީ ކިހިނެއްކަން ދެނެގަނެވޭނީ އޭރުންނެވެ..،" އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއާރްއެމް އިން ބުނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ ހަ އަހަރު ފުރުނުއިރުވެސް، އެ މަރުހޫމު އަވަހާރަކޮށްލީ ކީއްވެ، ކޮން ސަބަބަކާއި ގުޅިގެން ކަމެއް ތަހުޤީޤީ އިދާރާއިން ހާމަކޮށްފައިނުވާ ކަމަށާއި އެ މަރާ ގުޅިގެން ތަފާތު އެކި ވާހަކަތައް ދެކެވި ބޮޑެތި ތުހުމަތުތައް ކުރެވެމުންދާ އިރު، އެ ތުހުމަތުތައް ތަހުގީގުކޮށް ރައްޔިތުންނަށް ހަޤީގަތް އޮޅުންފިލުވައި ދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
"މި މަރުގެ ވާހަކަ ދައްކާ ކޮންމެ މީހަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ހަގީގަތް ހޯދައި، މި ލާއިންސާނީ އަމަލު ހިންގުމުގެ އަޑީގައި ތިބި އަނިޔާވެރިން އިންސާފުގެ ކުރި މައްޗަށް ގެނެއުމަށް ކަމާއިބެހޭ އިދާރާތަކަށް އެމްއާރްއެމް އިން ގޮވާލަމެވެ..،" ބަޔާނުގައި ބުނެފައިވެއެވެ.
އަފްރާޝީމް އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހ. ލޮބީ، ހުސައިން ހުމާމް، ކްރިމިނަލް ކޯޓު މުއްދަތު މަޖިލީހުގައި ބަޔާން ދެމުން ބުނީ އޭނާ އަފްރާޝީމަށް ކަތިވަޅިއަކުން ހަމަލާ ދިން ކަމަށް ބުނެފައިވެއެވެ. އޭނާއާއެކު ހައްޔަރުކުރި ހ. ހިކޯސްޓު، އަލީ ޝާން ބެނެޓް ވަޅިއަކުން ހަމަލާ ދިން ކަމަށް ހުމާމްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ ކަންތައްތައް ހަވާލުކުރީ ހ. ހިލްޓަން، އަޒްލީފް ރައޫފް ކަމަށް ހުމާމް ބުނެފައިވެއެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ދައުވާ އުފުލާފައިވާ ހުމާމް މަރަން ދަށު ކޯޓުން އިއްވި ހުކުމަށް ހައިކޯޓާއި ސްޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވާ އިރު، އެ މައްސަލާގައި ދެން ދައުވާ އުފުލި ޝާންގެ މައްޗަށް އެ މައްސަލަ ސާބިތުވެފައެއް ނުވެއެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވުނު އަޒްލީފް ރައޫފުގެ އިތުރުން މ. ޖަރީމާގެ އަބްދުﷲ ޖާވިދާއި، މ. ޖަރީމާގެ ޝާހީން މުހައްމަދު އަދި ލ. ގަން ތުނޑި، ނޫއަލި އާދަމް ޞަލާހުއާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ އެމީހުންނަށް ހުކުމެއް އައިސްފައެއް ނުވެއެވެ.