ކުޅިވަރު

ފަސޭހަކަމާއެކު އީގަލްސް އިން ތިމަރަފުށި ބަލިކޮށްފި

އަހުމަދު ޔަޝާއު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު މެޗުން ތިމަރަފުށި ބަލިކޮށް 11 ޕޮއިންޓާއެކު އީގަލްސް ޓޭބަލްގެ ތިންވަނައަށް ޖެހިލައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 0-9 ގެ ބޮޑު ތަފާތަކުންނެވެ. މި މެޗަށް އީގަލްސް ނިކުތްއިރު އެޓީމުވަނީ އެންމެފަހުން ކުޅުނު މެޗު 0-1 ގެ ނަތީޖާއަކުން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފައެވެ. ތިމަރަފުއްޓަށި މިމެޗަށް ނިކުތްއިރު އެޓީމަށް އަދި ލީގުގައި މޮޅެއްނުލިބެއެވެ.

ލީގުގައި މިހާތަނަށް މިދެޓީމު ހަ މެޗު ކުޅެ ނިމުނު އިރު، އީގަލްސް އިން ވަނީ 3 މެޗުން މޮޅުވެ، 2 މެޗުން އެއްވަރުވެ، 1 މެޗުން ބަލިވެފައެވެ. ތިމަރަފުށި އޮތީ ފޯކައިދޫ އާއެކު ކުޅުނު މެޗު އެއްވަރުވެގެން ލިބުނު އެއް ޕޮއިންޓާއެކު ޓޭބަލްގެ ފުލުގައެވެ.

މިރޭގެ މެޗުގައި ފެށިގެން މާގިނައިރެއްނުވެ އީގަލްސްއިން ވަނީ ގާތްގާތު ދެލަނޑު ކާމިޔާބުކޮށް ހަމަޖެހިލާފައެވެ. އެގޮތުން މެޗުގެ ހަތްވަނަ މިނެޓުގައި ހުސެއިން ޝިފާއު (ކުރޯ) ވަނީ ލަނޑެއްޖަހާ ލީޑުނަގާފައެވެ. އޭގެ ހަ މިނެޓުފަހުން އެޓީމުގެ އަހުމަދު ރިޒުވާން (ރިޒޭ) ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މިއީ އީގަލްސްއަށް ލިބުނު ހިލޭޖެހުމެއް މުޙައްމަދު އާރިފް (ބަކާ) ޖެހުމުން ތިމަރަފުށީގެ ގޯލްކީޕަރު ލޯރެންސް މަތަކުރިވަގުތު ގޯލުގެ އަރިމަތީ ދަނޑީޖެހިފައި ނިކުތުމުން ރިޒޭ މުޅިން ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އީގަލްސްއިން ވަނީ ގާތްގާތު ތިން ލަނޑު ކާމިޔާބުކޮށް ނަތީޖާ 0-5 އަށް ބަދަލުކޮށްލާފައެވެ. އެގޮތުން، އެޓީމުގެ ތިންވަނަ ލަނޑު ހުސައިން ޝިފާޢު (ކުރޯ) ކާމިޔާބުކޮށްދިން އިރު، ހަތަރުވަނަ ލަނޑު ރިޒޭ ނަގައިދިން ހުރަހަކުން މުޅިން ހުސްކޮށްއަރާ ޖުމައިލް ޖަމީލް ކާމިޔާބުކޮށްދިނެވެ. އަދި ފަސްވަނަ ލަނޑަކީ ޝިފާޢު (ކުރޯ) ނަގައިދިން ހުރަހެއް ރިޒޭ އޭރިޔާ ރޮނގުމަތީ ކަހަލަ ގޮތަކަށް ހުރެ ވަރަށް މަޑުން ޖެހި ޝޮޓެއް ތިމަރަފުށީ ގޯލްކީޕަރު ލޯރެންސް ހިފަން އުޅުމުގެ ތެރޭގައި އޭނާގެ މިސްޓޭކުން ވަން ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާ އުފެއްދީ އީގަލްސްއިންނެވެ. އެގޮތުން މެޗުގެ ދެވަނަ ހާފުގައި އީގަލްސްއިން ވަނީ އިތުރު 4 ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 73 ވަނަ މިނެޓުގައި އެޓީމުގެ ރިޒޭވަނީ ލަނޑެއްޖަހާ ނަތީޖާ 0-6 އަށް ބަދަލުކޮށްލާފައެވެ. ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިބްރާހީމް މުބީން (މުއްކި) ދިން ޕާހަކުން ރިޒޭވަނީ ތިމަރަފުށީގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ދުރުކަނަށް ބޯޅަ އަމާޒުކޮށްލާ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އަދި އޭގެ ފަސްމިނެޓު ފަހުން އެޓީމުގެ ހަސަން ރާއިފް އަޙްމަދު (ހަންނަ) ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މިއީވެސް އިބްރާހީމް މުބީން (މުއްކި) ތަނަވަސްކުރި ފުރުޞަތެއްގައި ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ ފަހުވަގުތުކޮޅުގެ ތެރޭގައި ތިމަރަފުށީގެ ގޯލްކީޕަރު ލޯރެންސްއަށް ލިބުނު އަނިޔާއަކާ ގުޅިގެން ބެންޗުގައި އިތުރު ގޯލްކީޕަރެއް ނެތުމުން، އޭނާގެ ބަދަލުގައި ކީޕަރަކަށް އެރީ ތިމަރަފުށީގެ ކުޅުންތެރިއެއް ކަމަށްވާ މިސްބާހް އިބްރާހީމެވެ. މީގެ ފައިދާ ނަގާ އީގަލްސްގެ ރިޒޭވަނީ އިތުރު ލަނޑެއްޖަހާފައެވެ.

މިމެޗުގައި ރެފްރީ ވަނީ އިތުރުވަގުތުގެ ގޮތުގައި 13 މިނެޓު ދައްކާފައެވެ. އަދި މިވަގުތު ކޮޅުތެރޭގައި ތިމަރަފުށީގެ ހުސައިން ސަނާހް އަށް ސުންކަނޑުވާލަން ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މުޅިން ހުސްކޮށްއަރާ ކީޕަރު ނައްޓާލުމަށްފަހު ފޮނުވާލިބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. މެޗުގެ އެންމެ ފަހުވަގުތު އީގަލްސްގެ ފަހުލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަޙްމަދު ނޫމާން (ހެލްމެޓް) އެވެ. މިނަތީޖާއާއެކު، އީގަލްސް ޓޭބަލްގެ ތިން ވަނައިގައި އޮތީ ދެވަނައިގައި އޮތް ނިއުރޭޑިއަންޓަށްވުރެ ދެ ޕޮއިންޓް ފަހަތުންނެވެ.

މާދަމާވެސް ލީގުގައި ދެމެޗު ކުޅޭނެއެވެ. އެގޮތުން މާދަމާ ހަވީރު މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާއިރު، މާދަމާ ރޭ ޓީސީ ނިކުންނާނީ ވިކްޓަރީ އާދެކޮޅަށެވެ.