ވިޔަފާރި

ޔުނިވަރސަލް އޭވިއޭޝަންގެ ހިދުމަތް ރާއްޖެއަށް ތާރަފްކޮށްފި

މުހައްމަދު އައުޒަމް

ޔުނިވަރސަލް އޭވިއޭޝަންގެ ހިދުމަތް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ޔުނިވަރސަލް އޭވިއޭޝަންގެ ހިދުމަތް ރާއްޖެއަށް ތައާރަފްކޮށްފައިވަނީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ އެންމެ ފުންނާބު އުސް ކުންފުނި އިނަ މޯލްޑިވްސް އާއި ޔުނިވަރސަލް އޭވިއޭޝަން ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗަރ ކުންފުނި ޔުނިވަރސަލް އޭވިއޭޝަން މޯލްޑިވްސްގެ ނަމުގައެވެ. ޔުނިވަރސަލް އޭވިއޭޝަން އަކީ އުނިވަރސަލް ވެދަރ އެންޑް އޭވިއޭޝަންގެ ގްރައުންޑް ސަޕޯޓު ދެމުން އަންނަ ކުންފުންޏެވެ.

ޔުނިވަރސަލް އޭވިއޭޝަން މޯލްޑިވްސް ތައާރަފް ކުރުމަށް މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ޔުނިވަރސަލް އޭވިއޭޝަން މޯލްޑިވްސް އުފެދިގެން އައިގޮތުގެ ޕްރެޒެންޓޭޝަނެއް ވަނީ ދައްކައިފައެވެ. މިޕްރެޒެންޓޭޝަންގައި ކުންފުނި އުފެދިގެން އައިގޮތަށް ވަނީ އަލިއަޅުވައިލައިފައެވެ. މިހަފްލާގައި ކުންފުނި ތައާރަފްކުރުމަށް ރިބަން ކަނޑާފައިވަނީ އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާގް އާއި ޔުނިވަރސަލް އޭވިއޭޝަން ސިންގަޕޯރގެ މެނޭޖިންގ ޑިރެކްޓަރ ޔޮންނީ ޗެން އެވެ.

ޔުނިވަރސަލް އޭވިއޭޝަން މޯލްޑިވްސް ތައާރަފް ކުރުމަށް ބޭއްވި ހާއްސަ ރަސްމިއަޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާގް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ މަޝްހޫރު މީހުންނާއި ކުންފުނިތަކުގެ އިސްވެރިންނާއި މުއްސަނދިން ގިނަ އަދަދަކަށް ޒިޔާރަތް ކުރާ ގައުމަކަމަށް ވާއިރު ރާއްޖެއަށް އެމީހުން އަންނަ އިރު ދެވޭ ހިދުމަތް ޕްރޮފެޝަނަލްކޮށް ދޭން ޖެހޭކަމަށެވެ.

ރާއްޖޭގައި އަގުބޮޑު ރިޒޯޓްތައް ހުރިއިރު އެރިޒޯޓު ތަކުން ޓާގެޓް ކުރަނީ އަޕްމާރކެޓް ތަކަށް ކަމަށާއި އެއީ މިހާރުގެ ސަރުކާރުން ވެސް ބޮޑު އިސްކަމެއް ދޭން ނިންމާފައިވާ ކަމެއްކަމަށް ފިރާގް ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގައި ފެސިލިޓިސް މަދުކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަސްތެރޭ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީވުމުން ބޮޑެތި ފަސޭހަތައް ލިބިގެން ދާނެކަމަށް ފިރާގު ވިދާޅުވިއެވެ.

ފިރާގް ވިދާޅުވީ ޔުނިވަރސަލް އޭވިއޭޝަން މޯލްޑިވްސް އުފެދުމުގެ ކުރިން ވެސް އިނަރ މޯލްޑިވްސް ޔުނިވަރސަލް އޭވިއޭޝަން އެޖެންޓެއްގެ ގޮތަށް އޮޕަރޭޓް ކުރާތާ މިހާރު ފަސް އަހަރު ވެފައިވާ ކަމަށާއި މިހާރު ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދައިގެން އޮޕަރޭޝަން ފަށާފައިވާ ކަމަށެވެ.

ފިރާގް އިތުރަށް ވިދާޅުވީ ކްލަޔަންޓް ދަތުރު ފެށުމަށް ގެއިން ނިކުތުމަށް ފަހު ދަތުރު ނިމެންދެން ހުރިހާކަމެއް ޕްރޮފަޝަނަލްކޮށް ޔުނިވަރސަލް އޭވިއޭޝަން މޯލްޑިވްސް އިން ފޯރުކޮށްދޭނެ ކަމަށެވެ.