ޚަބަރު

ގަވައިދާ ހިލާފަށް ފުލައިޓް ޖެއްސި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަނީ

ވެލާނާ އިންޓަރނޭޝެނަލް އެއާޕޯޓުގައި ތަރައްގީކޮށްފައިވާ އާ ރަންވޭ ނުހުޅުވަނީސް އެއާ އިންޑިޔާގެ އޭ320 ގެ ބޯޓު ޖެއްސި މައްސަލަ ބަލާނެ ކަމަށް ދިފާއީ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަރނޭޝެނަލް އެއާޕޯރޓްގެ އާ ޓާމިނަލްގައި އެއާ އިންޑިއާގެ ބޯޓެއް އިއްޔެ ޖައްސާފައިވަނީ އޮޅުމަކުން ކަމަށް ބޯޓު ދުއްވި ފަރާތުން ވަނީ ބުނެފައެވެ.

މިނިސްޓަރ އާދަމް ޝަރީފް އުމަރު އެމަނިކުފާނުގެ ރަސްމީ ފޭސްބުކު މެދުވެރިކުރައްވައި މިއަދު ވިދާޅުވީ މި މައްސަލަ އަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރާނެ ކަމަށެވެ.

އިންޑިއާގެ ބޯޓު އާ ރަންވޭގައި ޖެއްސި އިރު ރަންވޭގެ 75 އިންސައްތަ މަސައްކަތް މިހާރު މުޅިން ނިމި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެއާޕޯރޓް ހިންގާ ކުންފުނި އެމްއޭސީއެލް އިން ވަނީ މީގެ ކުރިން ބުނެފައެވެ.