ވިޔަފާރި

ދިވެހީންނަށް ތުނބުޅި ނުބެހެއްޓޭ ފޯސީޒަން ކުޑަހުރަޔަށް ސިކު ޝެފެއް ވަޒީފާއަށް ނިކުތުމުން ދިވެހީން ނުރުހުންފާޅުކުރަނީ

މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުން މަނާ ފޯ ސީޒަން ކުޑަހުރާގެ ޝެފެއްގެ ވަޒީފާއަށް ތުނބުޅި ބެހެއްޓި އިންޑިއާގެ ސިކުންގެ މީހަކު މިއަދު ނިކުތުމުން އެ ރިސޯޓުގެ ދިވެހި މުވައްޒަފުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގެ އެ ޝެފު ކުޑަހުރާގެ ވަޒީފާއަށް އެރަށަށް ގޮސްފައިވަނީ އިއްޔެ އެވެ. އަދި އޭނާ ޑިއުޓީއަށް ނިކުތީ މިއަދު އެވެ.

ވަން އޮންލައިންއަށް މައުލޫމާތު ދިން އެ ރިސޯޓުގެ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އެ ރިސޯޓުގެ ގަވައިދު އޮންނަ ގޮތުން އެއްވެސް މުވައްޒަފު ތުނބުޅި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށެވެ.

"މި ރިސޯޓުގެ ހޭންޑްބުކްގަ ގައިޑްލައިން އޮންނަ ގޮތުން އެއްވެސް މުވައްޒަފަކަށް ތުނބުއެއް ނުބެހެއްޓޭނެ. އެ ގަވައިދަށް ހުރިހާ މުވައްޒަފުންވެސް އުޅެމުން އަންނަނީ. ދިވެހީން ވެސް ދެން މިތާ ތިބި ހުރިހާ ބިދޭސީ މުވައްޒަފުން ވެސް އަމަލުކުރަނީ އެ ގައިޑްލައިނަށް." ވަން އަށް މައުލޫމާތު ދިން މުވައްޒަފު ބުންޏެވެ.

އެނާ ބުނީ މައްސަލަ އަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި ދިވެހީންނަށް ތުނބުޅި ނުބެހެއްޓޭ އިރު ބިދޭސީއަކަސް އެ ފުރުސަތު ދިނުން ކަމަށެވެ. އެ ގޮތަށް ފުރުސަތު ދޭ ނަމަ ދިވެހީންނަށް ވެސް ދޭން ޖެހޭނެ ކަމަށް ދިވެހި މުވައްޒަފުން ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ. އަދި އެ ގޮތަށް ތަފާތުކުރުންތައް ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ރިސޯޓުގެ އެޗްއާރާ ވެސް ބައްދަލުކޮށްފިން. އަދި ވަކި ޖަވާބެއް ނުލިބޭ. ޖީއެމް މި ވަގުތު ހުރީ މާލޭގަ" އޭނާ ބުންޏެވެ.

"ވަން އޮންލައިން"އިން ރިސޯޓުގެ އެޗްއާރަށް ގުޅުމުން ބުނީ އެފަދަ ކަމެއް އެނގިފައި ނުވާ ކަމަށާއި ޗެކުކޮށްލާފަ ޚަބަރެއް ކޮށްލާނެ ކަމަށެވެ. އެހެން ނަމަވެސް ފަހުން ޚަބަރެއް ނުވި އެވެ.