ކުޅިވަރު

އަނިޔާއަށްފަހު ޑިބްރައިނާ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފަށައިފި

މެންޗެސްޓާރ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ޕްލޭމޭކަރު ކެވިން ޑި ބްރައިނާ އަނިޔާއިން ސަލާމަށްވެ އަލުން ފަރިތަކުރުން ތަކުގައި ބައިވެރިވާން ފަށައިފިއެވެ.

ޕްރިމިއަރ ލީގުގައި ސިޓީ ކުޅުނު ފުރަތަމަ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑިބްރައިނާ އަށް އަނިޔާވީ އެމެޗަށްފަހު ދެން އޮތް ޓްރެއިނިން ސެޝަންގައެވެ. އޭނާގެ ކަނާތު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ގުޅިގެން ގާތްގަނޑަކަށް ތިން މަސްދުވަހު ކުޅުމާ ދުރަށް ދާން ޖެހިދާނެ ކަމަށް ބެލެވުނު ނަމަވެސް، ސްކޭންތަކަށްފަހު އޭނާގެ ކަކުލުގެ އޮޕަރޭޝަން ކުރަން ނުޖެހުމުން ހީކުރި ވަރަށް ވުރެށް އަވަހަށް އަނިޔާއިން ސަލާމަތްވެ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފެށީއެވެ.

މިހަފްތާގެ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ހޮފެންހެއިމް އާދެކޮޅަށް ކުޅުމުގެ ކުރިން އޮތް ނޫސް ކޮންފެރެންސްގައި ވާހަކަ ދައްކަމުން ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ބުނެފައި ވަނީ، ޑިބްރައިނާ އަކީ ވަރަށް މުޙިއްމު އަދި އެހާމެ މޮޅު ކުޅުންތެރިއެއްކަމާއި، އޭނާ ނެތިކުޅެންޖެހުމަކީ ޓީމަށް ލިބޭ ވަރަށްބޮޑު ނިކަމެތި ކަމެއްކަމާއި، އޭނާ ދަނޑުމަތީގައި ހުރުމުން ޓީމަށް ގިނަ ގޯލްޖަހަން ފަސޭހަވެ، ގޯލްޖެހުމުގެ މަގު ތަނަވަސްވާކަމަށެވެ.

ނިމިގެންދިޔަ ސީޒަނުގައި ސިޓީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޑިބްރައިނާ ވަނީ 12 ގޯލު ޖަހާ، 21 ލަނޑު ޖަހަން ފުރުޞަތު ތަނަވަސް ކޮށްދީފައެވެ. މީގެ އިތުރުން، ސިޓީ ލީގު ހޯދުމުގައާއި، އީ.އެފް.އެލް ކަޕް ހޯދުމުގައި އޭނާގެ ހިއްޞާބޮޑެވެ.

ޑިބްރައިނާ ވަނީ ނިމިގެންދިޔަ ވޯލްޑްކަޕްގައި ބެލްޖިއަމް ޓީމަށް ވޯލްޑްކަޕްގެ ތިންވަނަ މަޤާމު ހޯދައި ދިނުމުގައިވެސް މުޙިއްމު ދައުރެއް އަދާކޮށްފައެވެ.

ސިޓީއަށް ލީގުގައި ދެން އޮތީ ލިވަޕޫލް އާ ބައްދަލުކުރަންޖެހޭ މެޗެވެ.