ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ފުލުހުންގެ އިދާރާގައި އިންސާނީ ހައްގުތަކާ ގުޅޭ ޑެސްކެއް ގާއިމުކުރަނީ

ޝަހީދާ އަބްދުﷲ ސައީދު

ފުލުހުންގެ އިދަރާގައި އިންސާނީ ހައްގުތަކާ ގުޅޭ ކަންކަން ބެލުމަށް ޑެސްކެއް ގާއިމު ކުރުމާ ބެހޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާ އެކްޓިންގް ކޮމިޝަނަރު މުހައްމަދު ހަމީދު މަޝްވަރާކުރައްވައިފިއެވެ.

އެޗްއާރުސީއެމުން ބުނީ މިމަހުގެ ދިހަވަނަ ދުވަހު އެކްޓިންގް ކޮމިޝަނަރު މުހައްމަދު ހަމީދުއާ އެކު ބޭއްވި މަަޝްވަރާގައި މީހެއްގެ ހައްގަށް އުނިކަމެއް އަތުވެދާނެ ފަދަ މައްސަލަތަކުގައި އެފަދަ ކަންކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ފުލުހުންގެ އިދާރާގައި އިންސާނީ ހައްގުތަކުގެ ޑެސްކެއް ގާއިމުކުރުމުގެ އިތުރުން މަރުގެ މައްސަލަތައް ތަހުގީގު ކުރުމުގައި އެޗްއާރުސީއެމުން އާންމުކޮށްފައިވާ ޕޯސްޓްމޯޓަމް ގައިޑްލައިނަށް ވެސް އެބައްދަލުވުމުގައި މަޝްވަރާކުރި ކަމަށެވެ.

ފުލުހުންގެ ބެލެނިވެރިކަމުގެ ދަށުގައިވާ މަރުކަޒުތަކަށް ކޮމިޝަނުގެ ފަރާތުން ކޮށްފައިވާ ޒިޔާރަތުގައި ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުކުރެވިފައިވާ މިންވަރު ދެނެގަތުމާއި އަދި ރަނގަޅުކުރަންވީ ކަންކަން ހުށަހަޅާފައިވާއިރު އެކަން ތަންފީޒުވެފައިވާ މިންވަރު ބެލޭނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް އެޗްއާރުސީއެމުން ބުނެފައިވެއެވެ.

އަދި މީގެއިތުރުން ފުލުހުންގެ ތަމްރީނުތަކުގައި އިންސާނީ ހައްގުތަކާ ބެހޭ ކޮމްޕޯނެންޓު ހިމަނައި، އިންސާނީ ހައްގުތަކަށް ފުލުހުންގެ ހޭލުންތެރިކަން އިތުރުކޮށް އިންސާނީ ހައްގުތަކަށް އިހުތިރާމްކުރާ ސަގާފަތެއް ގާއިމު ކުރުމަށް ވެސް މަޝްވަރާކުރެވުނު ކަމަށް ބުނެފައިވެއެވެ.