ވިޔަފާރި

އިންޑިޔާ ބޭންކުން ޕާމް ބީޗް ރިސޯޓް ވިއްކާލަނީ

އިބްރާހިމް ޒަކީ

1

ޕާމް ބީޗް ރިސޯޓް ނީލަމުގައި ވިއްކާލަން ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި)އިން ނިންމައިފި އެވެ.

ޅ.މަދިރި ގުރައިދޫގައި ހިންގަމުން އަންނަ ހަތަރު ތަރީގެ މި ރިސޯޓް ވިއްކާލަން އެސްބީއައި އިން އިއްލާން ކޮށްފައިވަނީ، މޮނާޒާ ކޮންސްޓްރަކްޝަން އާއި ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑުން އެ ރިސޯޓް ރަހުނުކޮށް އެ ބޭންކުން ނަގާފައިވާ ލޯނެއް ނުދައްކައިގެންނެވެ.

އެސްބީއައިގެ އިއުލާންގައި ބުނެފައިވަނީ، ރިސޯޓުގެ ނީލަން ފެށޭނީ، 35 މިލިޔަން ޑޮލަރު (539.7) މިލިޔަން ރުފިޔާ ކަމަށެވެ. މި ނީލަމުގައި ބައިވެރިވާނަމަ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދިހަހާސް ޑޮލަރު އެ ބޭންކުގައި ބަހައްޓަން ޖެހެ އެވެ.

އިއުލާނުގައި ވާގޮތުން ނީލަމުގެ އެންމެ މަތީ އަގުގެ ގޮތުގައި ބަލާނީ، ނީލަން ފެށޭ އަގަށް ވުރެ 500،000 ޑޮލަރަށް ވުރެ ބޮޑު އަގެއް ހުށަހަޅާފައިވާ ނަމަ އެވެ. ނީލަން ކާމިޔާބު ކުރާ ފަރާތުން ޖުމުލަ އަގުގެ އެއްމިލިޔަން ޑޮލަރު ދެއްކުމަށް ރަސްމީ ދެ ދުވަސް ވަނީ ކަނޑައަޅައިފަ އެވެ. އަދި ބާކީ ފައިސާ ބަންދު ނޫން ދިހަ ދުވަހުގެ ތެރޭގައި، އެއްކޮށް ދައްކައި ހަލާސްކުރަން ޖެހެ އެވެ. އެ އުސޫލުން ފައިސާ ނުދެއްކިއްޖެ ނަމަ އެ ފަރާތުން ދެއްކި އެއް މިލިއަން ޑޮލަރުގެ ތެރެއިން 100،000 ޑޮލަރު ބޭންކަށް ނެގޭ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.

ނީލަން ކާމިޔާބުކުރި ފަރާތަށް ފައިސާ ނުދެއްކިއްޖެ ނަމަ ދެވަނަ އަށް އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް ރިސޯޓް ވިއްކާލާނެ ކަމަށް އިއުލާންގައި ބުނެފައިވެ އެވެ.

ބޭންކުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާގޮތުން، ނީލަމުގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު މިއަދު ހަވީރު 5:00އަށް ހަމަވާނެ އެވެ.