ޚަބަރު

ފަސްދޮޅަސް ފަސް އަހަރު މީހެއްގެ ރޭޕްގެ މައްސަލައެއް ހުށަހެޅިފައެއްނެތް: ޕޮލިސް

ޢުމުރުން 65 އަހަރުގެ މީހެއްގެ ރޭޕްގެ މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭގެ ގެއަކަށް ވަޅި ހިފައިގެން މީހަކު ވަދެ އެ ގޭގައި އުޅޭ 65 އަހަރުގެ އަންހެނަކު ރޭޕްކުރިކަމަށް، ބައެއް މީޑިޔާތަކުން ރިޕޯޓް ކުރުމާގުޅިގެން، "ވަން އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، 65 އަހަރުގެ މީހަކު ރޭޕްކުރި މައްސަލައެއް ފުލުުހުންނަށް ހުށަހެޅިފައިނުވާ ކަމަށެވެ.

ފަސްދޮޅަސް ފަސް އަހަރުގެ އަންހެނަކު ރޭޕް ކޮށްފިކަމަށްބުނެ، ސީއެންއެމް އިން ރިޕޯޓްކޮށް ބުނެފައިވަނީ، އެކަން ހިނގާފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު، މާފަންނުގައި ހުންނަ ގެއެއްގައި ކަމަށެވެ. އަދި އެކަން ކުރި މީހާ އެ ގެ އަށް ވަނީ އެ ގޭގެ ދެ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓުގެ ފެންލައިޓުން، ފަތިސް ވަގުތުކަމަށް ވެސް ބުނެފައިވެ އެވެ.

ސީއެންއެމްގައި ބުނެފައިވާގޮތުން އެކަން ކުރި މީހާ ހުރީ މޫނުގައި މާސްކެއް ވެސް އަޅައިގެންނެވެ. އަދި އެ އަންހެން މީހާ ރޭޕް ކުރުމަށް ފަހު، އަނިޔާކޮށް ބަނދެފައި އެ ގޭގެ ފާހާނާ ތެރެއަށް "އެއްލާލީ" އެވެ. އެކަން ހިނގި ވަގުތު އެ ގޭގައި ހުރީ އަންހެން މީހާ އެކަންޏެވެ.

އެ މައުލޫމާތު ދިން މީހާއާ ހަވާލާދީ ސީއެންއެމްގައި ބުނެފައިވަނީ މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.