ފުރާނަދަންދެން

ފުރާނަދަންދެން - 01

އާއިޝަތު ލިޔުޝާ

7

މުށިތަކުގެ މައްޗަށް ތަޅައިގެން ދިޔަ ސެންޓްފުޅީގެ ގަދަ އަޑުފަށްގަނޑާއެކު އެނދުގައި ނިދާފައި އޮތް ތުއްތު ކުއްޖާ ރޮއެގަތް އަޑު އިވުނެވެ. ދޮރު ބުޑަށް ވެއްޓިފައި އޮތް ނިކަމެތި އަންހެނާ އެދަރިފުޅަށް ބަލައިލީ ރަހުމުން ފުރިގެންވީ ދެލޮލަކުންނެވެ. އެދަރިފުޅު މަސަލަސް ކުރުމަށް ކޮޅަށް ތެދުވާނެހާ ހިތްވަރެއްވެސް އޭނާގެ ނެތްކަހަލައެވެ. ކުރިމަތީގައި ހުރި ފިރިހެންމީހާއަށް ބަލައިލީ އެހީއަށް އެދޭ ހާލުގައެވެ. ނަމަވެސް އަންހެންމީހާއަށް ހިމާޔަތެއް ނުލިބުނެވެ. ބަދަލުގައި އަންހެންމީހާގެ އަތް މައްޗަށް ފައިން އަރާ ބާރުކޮށްލުމަށްފަހު ރަހުމެއްނެތި ފިރިހެންމީހާ ކޮޓަރިން ނިކުމެގެން ދިޔައެވެ.

އުނގަށް ކުޑަ ދަރިފުޅު ލައިގެން އިނދެ އޭނާ ދިޔައީ ގިސްލާ ރޮމުންނެވެ. އޭނާއަށް އެހީވާނެ ހަމަ އެއްވެސް އިންސާނެއް ނެތީ ހެއްޔެވެ؟ އޭނާގެ ކުށަކީ ފަހެ ކޮބާ ހެއްޔެވެ؟ އަންހެނަކަށް ވުން ހެއްޔެވެ؟ ނުވަތަ މައިންބަފައިންގެ ނުގަބޫލުގައި މީހަކާ ކައިވެނި ކުރެވުން ހެއްޔެވެ؟ ނުވަތަ މީހަކަށް މާބޮޑަށް އިތުބާރު ކުރެވުން ހެއްޔެވެ؟ އޭނާއަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ. އެ އަނިޔާތަކަށް އިތުރަށް ކެތްކުރާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. އޭނާ ދުނިޔޭގައި ހުންނަން ބޭނުންވެއެވެ. ކުޑަކުޑަ ދަރިފުޅަށްޓަކައެވެ. އެދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއްދީ އުފާވެރި މުސްތަގުބަލެއް ހޯދައިދޭން ނިހާޔަތަށް އޭނާ ބޭނުންވެއެވެ. އެކަން ކުރެވެން އޮތީ އެންމެ ގޮތެކެވެ. ފަހަތަށް އެދިރިއުޅުން ދޫކޮށް ކުރިއަށް ފިޔަވަޅެއް އަޅައިގެންނެވެ. އޭނާ ދަރިފުޅު އަތް މައްޗަށް ލައިގެން ތެދުވިއެވެ. ރަޖައަކުން ދަރިފުޅު ގައިގައި ވަށާލިއެވެ. ކޮނޑުމަތީގައި ރީތިކޮށް ދަރިފުޅު ބާއްވާލިއެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު ކުރިއަށް ފިޔަވަޅެއް އަޅައިލީ ލޯބިވާ ތުއްތު ދަރިފުޅަށްޓަކައި އޭނާގެ ލެއިން ޤުރުބާންވުމަށް ތައްޔާރަށް ހުރެއެވެ.

****************************

20 އަހަރު ފަސް

"އެންމެން ދާށޭ... ކިހާ ދެރަކަމެއްތަމީ. އަހަރެން ކަލޭމެންނަށް ދުއްތުރާ އެބަކުރަންތަ. އަހަރެންގެ އެކަނި ހާލަށް އަހަރެން ދޫކޮށްލާ" ބަލި މީހުން ބައިތިއްބާފައި ހުންނަ ކޮޓަރިބަރިތަކުން އެންމެ ފަހަތަށް ހުރި 09 ނަންބަރު ކޮޓަރިއަށް ވަންނަން ދިޔަ ނާހިދަށް އަންހެންކުއްޖެއްގެ އަޑު އިވިއިވި ހުއްޓެވެ. މިއަދަކީ ހޮސްޕިޓަލުގެ ވަޒީފާއަށް އޭނާ ނިކުތް އެންމެ ފުރަތަމަ ދުވަހެވެ. ނަފްސާނީ ބައްޔާ ބެހޭގޮތުން އޭނާ ކިޔެވީ ވެސް ލޯބިވާ މީހެއްގެ ހައްގުގައެވެ.

"ޑޮކްޓަރު ދުރުވީތޯ. މިއޮތީ ފައިލް. އަދި މިއަދު އެއްވެސް އެއްޗެއް ނުކައި. އިންޖެކްޝަން ވެސް ނުނެގި. ޕޭޝަންޓާ ބެހޭ ހުރިހާ މައުލޫމާތެއް ތި ފައިލުން ލިބޭނެ" އެތެރޭގައި މަޑުކޮށްގެން ތިބި ހަތަރު ނަރުހުންގެ ތެރެއިން ކުރީގައި ހުރި ކުއްޖާ ނާހިދާ މުހާތަބުކޮށް ބުނެލިއެވެ.

"އެންމެރަނގަޅު" ހީލާފައި ނަރުސް ކުއްޖާއަށް ނާހިދު ބުނެލިއެވެ. ދެން އޭނާގެ ނަޒަރު ސީދާކޮށްލީ ހުދު ބެޑްޝީޓް ދެއަތަށް ބޮނޑިކޮށްލައިގެން ބޯ ހާވައިލައިގެން އޭނާއަށް ދެލޯ އަޅައިލައިގެން އިން އަންހެންކުއްޖާއަށެވެ.

"ކޮންއެއްޗެއް ކަލެއަށް ފެންނާތީ ތިހެނީ. އެކަކު ވެސް އަހަރެން ކައިރިއަށް އައިސްގެން ނުވާނެ. ކަލޭ ވެސް މިތަނުންދޭ" އަންހެންކުއްޖާއަށް ނާހިދު ހިނިތުންވުމެއް ދިނުމުން އެކުއްޖާ ހަޅޭއްލަވަމުން ދިޔައެވެ.

"ސިސްޓަރ" ނާހިދު ބަލައިލީ އެނދުގެ އެއްފަރާތުގައި ހުއްޓިގެން ހުރި ނަރުހަށެވެ. އެއީ ނާހިދު އެހީއަކަށް ބޭނުންވެދާނެތީ މަޑުކޮށްލި ނަރުހެވެ. ނާހިދު ގޮވައިލިގޮތުން އެބުނީ ކީކޭކަން ނަރުހަށް ފަހުމް ވިއެވެ. އެހެންކަމުން ކޮޓަރީ ދޮރުލައްޕާލާފައި އެނަރުސް ނިކުތެވެ.

"މީ ނާހިދު. ކޮންނަމެއް ކިޔަނީ" ރައްޓެހި ގޮތަކަށް އަންހެންކުއްޖާ އިން އެނދުގެ އަރިމަތީގައި އިށީނދެ ސަލާމަށް އަތް ދިއްކޮށްލަމުން ނާހިދު ބުނެލިއެވެ.

"ނުޖެހޭނެ ބަލާކަށް. ކިހިނެއްވެގެންތަ އެންމެން ތިއުޅެނީ. ބަލަ މަށަކީ މޮޔައެއްނޫނޭ. ހެޔޮނުވާނެ އަހަރެން މިތަނުން ނެރެދީ. މީ ވަރަށް ބޮޑު ރޭވުމެއް"

އަންހެންކުއްޖާގެ ވާހަކަތަކުން ނާހިދުގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ވަގުތުން އޭނާގެ ވިސްނުން ތޫނު ސިކުނޑިން އަންހެންކުއްޖާގެ ވާހަކަތަކުގައި ހަޤީޤަތެއް ވާކަން ދެނެގަތެވެ.

"އަޒްކާ..... އަޒްކާ ބޭނުންތަ މިތަނުން ނިކުންނަން" މަޑުމައިތިރިކަމާއެކު ނާހިދު އަހާލިއެވެ. ނާހިދަށް އޭނާގެ ނަން އެނގުމަކުން އޭނާ ހައިރާނެއް ނުވެއެވެ. ނާހިދުގެ އަތުގައި އޮތް ފައިލުގައި ބޮޑު އަކުރުން ނަން ލިޔެފައިވާތަން އޭނާއަށް ފެންނަން އޮތެވެ.

"ވަރަށް ބޭނުން. އަހަރެން ފޮނުވާލާ. އެއްވެސް މީހަކަށް އަހަރެން އުނދަގުލެއް ނުކުރާނަން" އަޒްކާގެ ވާހަކަދެއްކުމުގެ ރާގު މުޅިން ބަދަލުވިއެވެ. އިސާހިތަކު އޭނާގެ ދެލޮލުގެ ތެރެއިން އުފާވެރިކަމުގެ ކަރުނައިގެ މުތީތައް ވިދަން ފެށިއެވެ. އޭނާއަށް އުއްމީދެއް ލިބުނު ކަހަލައެވެ.

"އަހަރެން ތިކަމާ މިއަދު އުޅެދޭނަން. އެކަމަކު ގޮތެއްގެ މަތިން" ނާހިދު ހީލާފައި ބުނެލިއެވެ. އޭނާގެ އަޑުގައިވަނީ ރައްޓެހިކަމެވެ.

"ކޮންގޮތެއް. ބުނި ކޮންމެ ކަމެއް ކުރާނަން" އަޒްކާ ބުނެލިއެވެ.

"އަހަރެން މިތާ މަޑުކޮށްލާނަން. އެންމެ ފުރަތަމަ އަޒްކާ ފްރެޝްވެލައިގެން އާދޭ. އޭރުން ބުނާނަން" ނާހިދު ބުނެލިއެވެ.

އަޒްކާ މަޑުމަޑުން އެނދުން ތިރިއަށް ފޭބިއެވެ. ފާހާނާއަށް ވަންނަމުން ފަހަތަށް އެނބުރި ބަލައިލިއެވެ. މިވަގުތު އޭނާ ހުރީ ނާހިދު ބުނި ކޮންމެ ކަމެއް ކުރުމަށް ތައްޔާރުގައެވެ. އެހެނީ އޭނާގެ ވާހަކަތަކަށް މަލާމަތްނުކުރާ އިންސާނަކާ އަދި ކިރިޔާ ދިމާވީއެވެ. އަޒްކާ ފާހާނާއަށް ވަނުމުން ނާހިދު ޖެހިލީ ކުޑަދޮރު ކައިރިއަށެވެ. ޖީބުގައި އޮތް ފޯނު ނަގައި ނަންބަރަކަށް ގުލާލިއެވެ. ވާހަކަތަކެއް ދެއްކުމަށްފަހު އޭނާ ކުޑަކޮށް ވިސްނާލިއެވެ.

"އަޒްކާ!" މަޑުމަޑުން އޭނާ އެނަން ކިޔާލިއެވެ. ކޮންފަދަ މައުސޫމު ކަމެއް ލިބިފައިވާ ކުއްޖެއް ހެއްޔެވެ؟ އެކުއްޖާއަށް ލިބިފައިވަނީ ކޮންކަހަލަ އަނިޔާތަކެއް ހެއްޔެވެ؟ މިކަހަލަ ތަނަކަށް އެކުއްޖާ އަންނަން ޖެހުނު ސަބަބަކީ ކޮބާ ހެއްޔެވެ؟ އެސަބަބުތައް އަޒްކާ ކައިރިން އަހައިގެން އޮޅުންފިލުވަން ނާހިދު އަދި ކުޑަކޮށް މަޑުކޮށްލިއެވެ. އޭނާ ސިއްސައިގެން ދިޔައީ ފާހާނާގެ ތަންޑު ނައްޓާލާފައި އަޒްކާ ނިކުތް އަޑަށެވެ. ކުރިމަތީގައި ފެންނަން ހުރި އަޒްކާގެ ފައިން ފެށިގެން ބޮލާއި ހަމައަށް ނާހިދު ނަޒަރު ހިންގާލިއެވެ. މާދިގު ނޫނަސް އިސްކޮޅުން ކުރެއްވެސް ނޫނެވެ. ދޮން ރީތި ކުއްޖެކެވެ. ފަލައެއްވެސް ނޫނެވެ. ހަމަ ރީތިވަރެކެވެ.

"އަހަރެން ދެން ދާންވީތަ؟" އަޒްކާ އެހެން އަހާލި ގޮތުން ނާހިދަށް ހެވުނެވެ.

"ކިހިނެއްވީ؟ ދޮގު ދޯ ހެދީ" ނާހިދު ހީލިތަން ފެނުމުން އަޒްކާ އަހާލިއެވެ. އިސްޖަހާލީ ދެރަވީ ވަރުންނެވެ.

"ނޫނޭ... އަޒްކާ ފޮނުވާލުމުގެ ކުރިން ނިންމަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި. އެކަންތައްތައް އަހަރެން މިދަނީ ކުރަން. އޭގެ ކުރިން މިވަގުތު ނަގަންޖެހޭ އިންޖެކްޝަނެއް އެބައިން" ނާހިދު ބުނެލިއެވެ.

އެއްޗެއް ބުނަން އުޅެފައިވެސް އަޒްކާ އަލުން އައިސް އެނދުގައި އިށީނެވެ. ކުޑަކުއްޖެއް ފަދައިން ކުރިއަށް އަތް ނެރެ ނާހިދަށް ބަލައިލިއެވެ. ލަސްނުކޮށް ނާހިދު އިންޖެކްޝަން އަޒްކާގެ ނާރުގެ ތެރެއަށް ދުއްވާލިއެވެ.

"ދެން އިރުކޮޅަކަށް އޮށޯވެލާ. ވަރަށް އަވަހަށް އަޒްކާ ބަލައި އަންނާނަން" ނާހިދު ބުނެލިއެވެ. އަޒްކާ ދެއަތް ބަނޑުމަތީގައި ބާއްވައިލުމަށްފަހު މަޑުމަޑުން އެސްފިޔަތައް ތިރިކޮށްލިއެވެ. އަޒްކާއަށް ނިދެންދެން ނާހިދު އެތަނުގައި މަޑުކޮށްލިއެވެ. އޭނާ އަޒްކާއަށް އެދިނީ ނިދާ އިންޖެކްޝަނެކެވެ. ބޭނުމަކަށްވީ ވިސްނުންތަކާއި ފިކުރުތަކުން އަޒްކާ ވަގުތުކޮޅަކަށް ނަމަވެސް މިނިވަންކޮށްލުމެވެ.

****************************

ދެމަފިރިންގެ ގޮތުގައި ކޮޓަރިއަށް ވަދެގެން އައި ފަޒާ އާއި މާހިލް އެކަކު އަނެކަކަށް ހިނިތުންވުމެއް ދެމުން އެނދުގައި އިށީނެވެ. ކަރުގައި އޮތް ޓައީއަށް ދޫކުރަމުން ފަޒާގެ މޫނުގައި މާހިލް ބޮސްދިނެވެ.

"ވަރަށް އުފަލުން މީނީ. ނާހާނަންތަ ކީއްވެގެންތޯ" ރަކި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެން އިން ފަޒާ އަހާލިއެވެ.

"ބޭކާރު ކަންތަކަށް ވަގުތެއްނެތް. އާދެބަލަ" ފަޒާގެ އަތުގައި ހިފައި ގަޔާ ކައިރިއަށް ދަމާލަމުން މާހިލް ބުނެލިއެވެ. ފަޒާ އެއްޗެއް ނުބުނެ މާހިލްއާ ކައިރިއަށް ޖެހިލިއެވެ. ދެން ވެރިވެގެން ދިޔައީ ދެމަފިރިންނަށް އަރާމާއި އުފާ ހާޞިލްވަމުން ދިޔަ ވަގުތުތަކެވެ. އެކަކު އަނެކަކުގެ އަތު ތެރޭގައި ލޯބިކުރަމުން ދިޔަ ވަގުތުތަކެވެ.

"އަޅެ މާލް އުފަލެއްނުވޭތަ؟" ވަރުބަލިކަމާއެކު މެއާ ހަމައިން ރަޖާ އަޅާލައިގެން އޮތް މާހިލްގެ މޫނަށް ބަލައިލަމުން ފަޒާ ބުނެލިއެވެ.

"ކޮންކަމަކާ" ފަރުވާކުޑަ ގޮތަކަށް މާހިލް ބުނެލިއެވެ.

"ޔަގީންވެފަ މިހާރު އޮންނާނީ މި ކައިވެންޏާ ހަމައަށް ވެސް މަށަކީ އިތްފަތްތެރި އަންހެންކުއްޖެއްކަން" މާހިލްގެ މޭގައި ބޯއަޅައިލަމުން ފޮނި ގޮތަކަށް ފަޒާ ބުނެލިއެވެ.

"އާނ... މިވަރުގެ ކަމެކޭމީ. އަހަރެން މެރީ ނުކުރާނެ ކަމަށް ފަޒާއަކަށް ނުކެރުނު މިކަންތައް ކޮށްލަދޭކަށް. ފަޒާއަށް ވެސް މިހާރު އޮންނާނީ ޔަގީންވެފައި އަހަރެން ބުނާ ބަހުގައި ހިފަހައްޓާނެކަން. އަހަރެން އެތައް ކުދިންނަކާ ރައްޓެހިވިން. އެތައް ކުދިންނަކާއެކު..... އެނގެއެއްނު... އެކަމަކު އަހަރެންގެ އަންބެއްގެ މަގާމު މިދިނީ ފަޒާއަށް" ފަޒާގެ ބޮލުގައި ފިރުމާލަމުން މާހިލް ބުނެލިއެވެ.

"އޯވް..... ތެންކިއު ލަވް......" ފަޒާ ތުއިވެލާފައި އިތުރަށް މާހިލްގެ މޭގައި ބޮނޑިވެލިއެވެ.

"ބުނަން. އަހަރެންނަކީ ވަރަށް ކެތްމަދު މީހެއް. ދަންވަރެއް ފަތިހެއް ނޯންނާނެ. ފަޒާއަށް އަހަރެން ބޭނުންވެއްޖިއްޔާ އެއްވެސް ޝަކުވާއެއް ނޯންނާނެ. އެކަމަށް ފަޒާ ހުރަސް އަޅައިފިއްޔާ އަހަރެންގެ ދެލޯ ބޭރުތެރެއަށް ދަތުރުކުރަންފަށާނެ" މަޑުމައިތިރިކަމާއެކު މާހިލް ވާހަކަދެއްކިޔަސް އޭނާގެ ވާހަކަތަކުން ފަޒާ ކުޑަކޮށް ހިތްހަމަނުޖެހުނެވެ.

"ތިބުނީ....؟ މާލް ވެސް ޖެހޭނެ އަހަރެންގެ އިހުސާސްތަކަށް ޤަދަރުކުރަން" ފަޒާ ބުނެލިއެވެ. މާހިލް ބޯޖަހާލިއެވެ.

****************************

ޓެރަސްގައި އަތުރާލާފައިވާ ސޯފާގޮނޑި ސެޓުގެ ތިން މީހުންނަށް އިށީނދެވެން ހުންނަ ސޯފާގޮނޑީގެ އެއްފަރާތުގައި ނާހިދު އިނެވެ. އަނެއްފަރާތުގައި އޭނާގެ އެކުވެރިއެއް ކަމަށްވާ ޑރ.ޝިފާން އިނެވެ.

"މަންމަ ނިމިއްޖެތަ؟" ކޮފީ ހިފައިގެން އައި މީކާއަށް ބަލައިލަމުން ނާހިދު ބުނެލިއެވެ. މީކާއަކީ އެގޭގައި މަސައްކަތްކުރަން އުޅޭ އިންޑިޔާ ކުއްޖެކެވެ.

"ދައްތަ ބައިސްކަލް ދުއްވާ ނިމުނުތަނުން ބޭބެ އައިސް ގޮވައިގެން ގޮސްފި" މީކާ ފަރިތަކަމާއެކު ދިވެހި ބަހުން ވާހަކަދެއްކިއެވެ. ނާހިދުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"މަ ބުނީ... އަޒްކާ މިއީ ކިހިނެއް ގެނެވުނު ކުއްޖެއްކަން އެނގޭތަ؟" މީކާ ދިޔުމުން ނާހިދުގެ ޝައުޤުވެރިކަން ކައިރީގައި އިން ޝިފާނަށް ހުއްޓާލިއެވެ.

"އާނ... ވަރަށް ފަހުންނޭ އެއީ.... އަދިވާނީ ދެމަހެއްހާ ދުވަސް. ކޮންމެވެސް މުސްކުޅި އަންހެނަކަށް ވަޅިން ހަމަލާދޭން އުޅުނީޔޯ. އެދުވަހު އެމަންޖެ ހުރީ ވަރަށް ރޮއެފަ. ވާހަކަދައްކާ ދައްކާ ފުރަތަމަ ދުވަހު ބަހެއްވެސް ނުކި. ފަހަކަށް އައިސް އެގޮތަށް ހަޅޭއްލަވަނީ. އަސްލު އެބައުޅޭ ކަންނޭނގެ މައްސަލައެއް" ޝިފާން އޭނާއަށް އެނގޭ މިންވަރަކުން ނާހިދަށް އޮޅުންފިލުވައިދެމުން ދިޔައެވެ.

އާއިލާގެ އެއްވެސް މެންބަރެއް ނެތްތަ؟ އޭނަގެ ހިސްޓްރީއާ ބެހޭގޮތުން ސުވާލެއް ކޮށްލެވޭނީވެސް އާއިލާގެ ކޮންމެވެސް މީހަކު އަތުޖެހިގެންތާ" އެއްފައި މައްޗަށް އަނެއް ފައި އަރުވާލައި ކޮފީތަށި އަތަށް ހެޔޮވަރު ކޮށްލަމުން ނާހިދު ބުނެލިއެވެ.

"ތިއެއް ނޭނގޭ. ގައިމު އެވަރުގެ މީހަކު ހުރިނަމަ އަންނާނެތާ. އެހެންނޫނަސް އާއިލާ މީހެއްނެތް ކުދިންދޯ ސަރުކާރުން ބަލަހައްޓާނީ" ޝިފާން ބުނެލިއެވެ.

"ވަޓް ޔޫ މީން" ނާހިދު ހަށިގަނޑު ގުދުކޮށްލަމުން ދެބުމަ ގޮށްޖަހާލާފައި ޝިފާނަށް ބުނެލިއެވެ.

"މިބުނީ އަޒްކާއަކީ ކުޑަކުދިންގެހިޔާގައި އުޅޭ ކުއްޖެކޭ. އޭނަ މިތަނަށް ގެނައީވެސް އެތަނުގެ ސްޓާފުންތަކެއް. އޭގެފަހުން އޭނަ ދެކިލަންވެސް އެއިން މީހަކު ނާދޭ" ޝިފާން އޮޅުންފިލުވައިދިނެވެ. ނާހިދު ހައިރާންވިއެވެ. ދެރަވެސްވިއެވެ. އަޒްކާގެ ކޭހުގެ ތެރެއަށް އިތުރަށް ވަންނަހިތް ވިއެވެ.

"އަހަންނަށް ހީވަނީ....." އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ނާހިދު ވަހަކަދައްކަން ފެށިއެވެ.

"ތިހީވީ ހަމަ ރަނގަޅަށް. އަޒްކާއަކީ ހަމަނުޖެހޭ ކުއްޖެއް. މައްސަލައަކީ އެއްވެސް ފަރުވާއެއް އެކުއްޖާ ބޭނުން ނުވާތީ" ޝިފާން ބުނެލިއެވެ.

"ނޯ... ޝީޒް ނޮޓް. ޝީޒް ވެރީ އިނޮސެންޓް އެންޑް ސްވީޓް. ޖަސްޓް ލައިކް އެ ސްޓޯރބެރީ ކޭކް" ހިތަށް އެރި އެއްޗަކުން ނާހިދަށް ހެވުނެވެ.

"ކިހިނެއްވީ ތިހެނީ؟" ޝިފާން ނާހިދަށް ބަލައިލަމުން އަހާލިއެވެ.

"ތިހީވީ އަދި ރަނގަޅަކަށް ނޫން. އަޒްކާ މޮޔައެއްނޫން. އޭނާގެ ހުރިހާ ހިއްސެއް ހުރީ ސަލާމަތުން. އަހަރެން ބޭނުން އަޒްކާ އެތަނުން ނެރެގެން އޭނައަށް ފަރުވާދޭން" ނާހިދު އޭނާގެ ހިތުގައި އޮތް ގޮތަށް ބުނެލިއެވެ.

"ހެހެހެ... ވަރަށް ހެއްވާ. އޭނަގެ ހުރިހާ ކަމެއް ރަނގަޅަށް ހުރިއްޔާ ނެރެގެން ކޮންކަމަކަށް ފަރުވާދެނީ" ޝިފާން ހީލަމުން އަހާލިއެވެ.

"މިހުރިހާ ދުވަހު އޭނަ ބަންދު ކޮޓަރިއެއްގެ ތެރެއަށް ލާފައި ބޭއްވީ. އޭނަގެ ސިކުނޑިއަށް އެކަމުގެ ސަބަބުން މިހާރު ވާނީ އަސަރުތަކެއް ކޮށްފައި. އަހަރެން ފަރުވާކުރަން ބޭނުންވަނީ އެކަމަށް. އެކުއްޖާއަކީ އަމިއްލަ ނަފުސަށް އިތުބާރުކުރެވޭ މުޖްތަމަޢު ބޭނުންވާ ކުއްޖަކަށް ހަދަން އަހަރެން ބޭނުން. އަހަރެންނަށް އެކަން ވާނެ" ހަށިގަނޑު ފަހަތަށް ޖައްސާލައި ހަމަޖެހިލަމުން ނާހިދު ބުނެލިއެވެ. ޝިފާން އެކަމާ ދެކޮޅަށް ބަހެއް ނުކިޔައެވެ. ނަމަވެސް އަޒްކާއަކީ ފެނުނީއްސުރެ ވެސް ޝިފާން ހިތްކިޔާފައި ހުންނަ ކުއްޖަކަށްވާތީ، ކުޑަކޮށް ނާހިދާ މެދު ހިތުގައި ހަސަދައިގެ އޮއިވަރެއް ހިނގާލިއެވެ. އެފަދަ ވިސްނުމެއް ކުރިން އޭނައަށް ނައީތީ އަމިއްލަ ނަފުސު ދެކެ ރުޅިއައެވެ.

****************************

އިޝާނަމާދުކޮށްގެން ގެއަށް ނާހިދަށް ވަދެވުނީ މޯހަންދާސްއާ އެކީގައެވެ. ދެބަފައިން އެކަކު އަނެކަކަށް ހިނިތުންވުމެއް ދިނުމަށްފަހު ސިޓިންގްރޫމު ސޯފާގައި ޖައްސާލިއެވެ. ދެބަފައިން އެއްފަހަރާ އަޑުއައި ދިމާއަށް ބަލައިލީ މީކާ ކާން ތައްޔާރުވެފައި ހުރި ވާހަކަ ބުނުމުންނެވެ.

"ބައްޕަ ދުރުވޭ. އަޅުގަނޑު މިއަންނަނީ މަންމަ ގޮވައިގެން" މޯހަންދާސްއަށް ބަލައިލަމުން ނާހިދު ބުނެލިއެވެ. މޯހަންދާސް ކާމޭޒު ކައިރިއަށް ދިޔުމުން ނާހިދު މިސްރާބު ޖެހީ އިނާޝާގެ ކޮޓަރިއާ ދިމާލަށެވެ.

"މަންމާ!" ކޮޓަރި ދޮރު ހުޅުވާލިއިރު ކުޑަދޮރު ހުޅުވާލައިގެން އަނދިރިކަން ވެރިވެފައިވާ ގަސްތަކަށް ބަލަހައްޓައިގެން ހުރި އިނާޝާއަށް ގޮވައިލަމުން ނާހިދު އެތެރެއަށް ވަނެވެ. އިނާޝާ ފަސްއެނބުރި ނާހިދަށް ބަލާލާފައި އަނެއްކާ ވެސް ނަޒަރު ސީދާކޮށްލީ ބޭރަށެވެ.

"މަންމާ! ހިނގާ ކާން. ބައްޕަވެސް އެބައިން އިންތިޒާރުގަ. މަންމައަށް އެނގެއެއްނު މަންމަ ނުދަނީސް ބައްޕަ ފެންފޮދެއްވެސް ނުބޯނެކަން" އިނާޝާގެ ދެކޮނޑުގައި ހިފައި މަގަތަށް އަނބުރައިލަމުން ނާހިދު ބުނެލިއެވެ.

"ބަނޑުހައިނުވަނީތަ؟" ނާހިދުގެ ދެލޮލަށް ބަލަހައްޓައިގެން އިނާޝާ ހުންނަން ފެށުމުން ނާހިދު ސުވާލުކުރިއެވެ. އިނާޝާ ބޯޖަހައިލީ ނާހިދުގެ ދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ.

"އަޅުގަނޑު މިހުރީ މެންދުރުވެސް ނުކައި. މަންމަ ނުކަންޏާ އަޅުގަނޑުވެސް ނުކާނަން. މަންމައަށް ހެވެއްނު އަޅުގަނޑު ނުކައި ހުއްޓާ މަރުވިޔަސް. ދެންއެންމެ ރަނގަޅު. އަޅުގަނޑު މިދަނީ ނުކައި ނިދަން. ހެނދުނު ހޭލާއިރު އޮވެދާނެ މަރުވެފައިވެސް" ނާހިދު އިނާޝާ ފަސްދީ ހިނގައިގަތުމުން އިނާޝާ އެކަން ހުއްޓުވިއެވެ. ނާހިދުގެ އަތުގެ މުލައްދަނޑީގައި ހިފާފައި އިނާޝާ އެރީ ނާހިދު ކުރިމައްޗަށެވެ. ނާހިދަށް ބަހެއް ނުބުނެވެނީސް އިނާޝާ އޭނާގެ ލޯބިވާ ފިރިހެން ދަރިފުޅުގެ މޭގައި ބޯއަޅާލިއެވެ. އިނާޝާ އެބުނީ ކީކޭކަން އެނގުނު ހިނދު ނާހިދުގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އިނާޝާގެ ނިތަށް ބޮސްދިނުމަށްފަހު ނާހިދު ނިކުތީ އެކުގައި އިނާޝާ ވެސް ގޮވައިގެންނެވެ.

އިނާޝާއަކީ އޭނާގެ ޅަދުވަހުގެ ދިރިއުޅުމުގައި ކުރިމަތިލާން ޖެހުނު އަޑިގުޑަންގަނޑެއްގެ ސަބަބުން ވާހަކަދެއްކުމުގެ ބާރު ކެނޑިފައިވާ އަންހެނެކެވެ. އޭނާއަށް އޯގާތެރިވީ އިނގިރޭސި ވިލާތުގެ ވިޔަފާރިވެރިއެއް ކަމަށްވާ ތޯމަސްދާސްގެ ފިރިހެން ދަރިފުޅު މޯހަންދާސްއެވެ. އޭނާއަކީ ރާއްޖޭގައި ދިރިއުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ މީހެކެވެ. އޭނާގެ ދިރިއުޅުމަށް އުފާވެރިކަމުގެ ވައިރޯޅިން ފިނިކަން ގެނެސްދިނީ މޯހަންއެވެ. މޯހަން އިނާޝާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އުފަން ޤައުމު ދޫކޮށް މުސްލިމަކަށްވީ ވެސް އަތުން އިނާޝާ ބީވާން ނޭދޭތީއެވެ. އާއިލާގައި ބައްޕަނޫން އިތުރު މެންބަރެއް ނެތް މޯހަންގެ މުޅި ދިރިއުޅުމަކީ އިނާޝާ އާއި ފިރިހެން ދަރިފުޅު ނާހިދުއެވެ.

****************************

މޫނުގައި ބީހިލި ފުރަތަމަ ވައިރޯޅިއާ އެކީގައި އަޒްކާއަށް ހެވުނެވެ. އެފަދަ ހިތްހަމަޖެހުމަކަށް އޭނާ އެދޭތާ ކޮންދުވަހެއް ހެއްޔެވެ؟ ހިތަށްލިބުނު ހިތްހަމަޖެހުމާއެކު ހަށީފުރާ ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު ޖެހެމުންދިޔަ ވައިގެ ތެރޭގައި ދެއަތް ފުޅާކޮށްލިއެވެ. މަޑުމަޑު ހުނުމުގެ އަޑެއް ބޭރުވެގެން ދިޔައިރު ކައިރީގައި ނާހިދު ހުރި ކަމެއްވެސް އޭނައަށް ނޭނގެއެވެ. އަޒްކާގެ ފަރާތުން ނުފެންނަ މަންޒަރެއް ފެނުމުން ނާހިދަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.

"އަމް.... ކޮންތާކަށް ގެންގޮސްދޭންވީ...؟" އިރުކޮޅެއްގެ ހިމޭންކަމަށްފަހު ނާހިދު ބުނެލިއެވެ.

"މަޑުކޮށްލައްޗޭ!" އަތުގައިއޮތް އަތް ދަބަސް ހުޅުވައިލުމަށްފަހު އަޒްކާ ނެގީ އޭނާގެ ފޯނެވެ. ނަމަވެސް ފޯނު އޮތީ ކޮންމެވެސް ސަބަބަކާ ހުރެ ނިވިފައެވެ. އަޒްކާގެ މޫނަށް އަރައިގެން ދިޔަ ކުލަވަރު ރީތިކޮށް ނާހިދަށް ފެނުނެވެ.

"މި ފޯނު ބޭނުންކޮށްލާ!" ނާހިދު އޭނާގެ ފޯނު އަޒްކާއަށް ދިއްކޮށްލިއެވެ. ޝުކުރުއަދާކުރަމުން އަޒްކާ ފޯނުގައި ހިފިއެވެ. އަޒްކާ ނާހިދުގެ މޫނަށް ބަލައިލީ ފޯނުގައި ޕާސްވޯޑް ޖަހައިދިނުމަށް އެދިއެވެ. ނާހިދު ޕާސްވޯޑު އަޒްކާއަށް ބުނެދިނެވެ. އަޒްކާ ކުޑަކޮށް ހައިރާންވިއެވެ. ނާހިދު ބޭނުންވި ނަމަ އޭނާއަށް ޕާސްވޯޑު ޖަހާފައިވެސް ދެވުނީހެވެ. ނަމަވެސް އެހާ ސިއްރު ޕާސްވޯޑެއް އޭނާ ކައިރީގައި އެބުނީ ކީއްވެ ހެއްޔެވެ؟ ފަރިތަކަމާއެކު ނަންބަރެއް ފޯނުގައި ޖަހައިލުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. ދެތިން ފަހަރު ރިންގުވުމަށްފަހު އެކޮޅުން ފޯނު ނެގުމުން އެއްޗެއް ބުނުމަށް އަޒްކާގެ ތުންފަތް ހަރަކާތްކޮށްލިއެވެ. ނަމަވެސް އެކަން ހުއްޓުމަކަށް އައީ އެކޮޅުން އިވިގެން ދިޔަ ޒުވާން އަންހެން އަޑަކުންނެވެ.

"މާހިލްއާ ބައްދަލުވެވިދާނެތޯ؟" އިރުކޮޅަކު ހުރުމަށްފަހު މަޑުމައިތިރިކަމާއެކު އަޒްކާ ބުނެލިއެވެ.

"މާހިލް ފެންވަރަނީ. ތީ ކޮންކުއްޖެއް؟ އޮފީސް ކުއްޖެއްތަ؟" އެކޮޅުން ބުނެލި އަޑު އިވުނެވެ.

"އަ....އާނ... ތީ...؟" ފަސްޖެހެމުން އަޒްކާ އަހާލިއެވެ.

"މިއީ ފަޒާ. މާހިލްގެ ވައިފް. ފާހާނާއިން ނިކުތީމަ ތި ނަންބަރަށް ގުޅައިލަން ބުނެލާނަން އިނގޭ! ކޮން ނަމެކޭ ބުނާނީ" ހީލަމުން ފަޒާ ބުނެލިއެވެ.

"އަޒްއޭ ބުނީމަ އެނގޭނެ" އެކޮޅުން ފަޒާ އެއްޗެއް ނުބުނަނީސް އަޒްކާ ފޯނު ކަނޑާލިއެވެ. ހަޤީޤަތުގައި އޭނާއަށް ކެތްނުވީއެވެ. ވަގުތުން އޭނާއަށް ހުރި ދިމާލުން ބިންމަތީގައި ކުރުކަކޫ ޖެހުނެވެ. ނާހިދު އަވަސް އަވަހަށް އަޒްކާގެ ދެކޮނޑުގައި ހިފަައި ނެގިއެވެ. މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވުމަށްފަހު އެއަށް އެރިއެވެ. އަޒްކާގެ ފަރާތުން އެއްވެސް ކަމެއް ސާފުވާގޮތް ނުވުމުން ނާހިދު އަޒްކާ ގެންދިޔައީ އޭނާގެ ގެއަށެވެ.

(ނުނިމޭ)