ޚަބަރު

ބަންގްލަދޭޝް އިން މާލެ އައި މީހެއްގެ އަތުން ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

މަރިޔަމް ޝަހުދާ

ބަންގްލަދޭޝް އިން މާލެ އައި މީހެއްގެ އަތުން ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މަސްތުވާތަކެއްޗާއެކު އަތުލައިގެންފައިވަނީ 21 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

މޯލްޑިވްސް ކަސްޓަމް ސާވިސްއިން އާންމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުގައި އެ މީހާގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރެއިން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ރައްކާކޮށްފައި ހުރި ޕެކެޓްތަކަކުން މުށި ކުލައިގެ ފަތްތަކެއް ފެނިފައެވެ. ކަސްޓަމްސް އިން ކުރިއަށްގެންދިޔަ ތަހުގީގުގައި މި ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައެވެ.

ކަސްޓަމްސް އިން ބުނީ އެ މީހާ އާއި އޭނާ އަތުން ފެނުނު މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ވަނީ މިދިޔަ ހަފުތާ ތެރޭގައި ވެސް ބަންގްލަދޭޝް އިން ރާއްޖެ އައި މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފައެވެ. އުމުރުން 31 އަހަރުގެ ބަންގްލަދޭޝް މީހާ އަތުން އޭރު އަތުލައިގެންފައިވަނީ 1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗެވެ.