ޚަބަރު

ހަތްކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޝާންޓޭ ދޫކޮށްލައިފި

އަހުމަދު ޖައިޝަން

2

ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މަޝްހޫރު ބޮޑީ ބިލްޑަރު ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން އޮންލައިން"އަށް ވިދާޅުވީ ޝާންޓޭ ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ފުލުހުންގެ މީޑިއާ އޮފިޝަލު ނުދެއްވި އެވެ.

މިދިޔަ މަހުގެ ތިންވަނަ ދުވަހު ޝާންޓޭ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ. އެ އެޕާޓްމަންޓު އޭނާގެ ހާޒިރުގައި ބަލައި ފާސްކުރިއިރު ހަތް ކިލޯގެ މަސްތުވާތަކެތި އެތަނުން ވަނީ ފެނިފައެވެ.

ޝާންޓޭ އަކީ ބޮޑީ ބިލްޑިން ދާއިރާގައި ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ މީހެކެވެ. މިދިޔަ އަހަރު އޭނާ ވަނީ އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުގައި ރާއްޖެއަށް ރަން މެޑެއްޔެއް ހޯދައިދީފައެވެ. އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ގައުމީ އިނާމު ވެސް މިއަހަރު އޭނާއަށް ވަނީ ލިބިފައެވެ.