ދިވެހި ޕްރިމިއާ ލީގު

ނިއުރޭޑިއަންޓުން ފެހެންދޫ ކޮޅަށް ލަނޑު ގޯންޏެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ފެހެންދޫގެ މައްޗަށް 0-11 ގެ ބޮޑު ތަފާތަކުން ނިއުރޭޑިއަންޓުން ކާމިޔާބުކޮށްފި އެވެ.

މިއަދުގެ މެޗަށް ދެޓީމު ނިކުތްއިރު މިދެޓީމުވެސް އެންމެފަހުން ކުޅުނު މެޗުން ވަނީ ބަލިވެފައެވެ. ޓީސީ އާ ދެކޮޅަށްކުޅެ 0-1 ގެ ނަތީޖާ އަކުން ނިއުރޭޑިއަންޓު ބަލިވި އިރު، ފެހެންދޫވަނީ ފޯކައިދޫއަތުން 0-4 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މިއަދުގެ މެޗު ފެށިގެން ފުރަތަމަ 20 މިނެޓުގެ ތެރޭގައި ނިއުއިން ވަނީ ދެލަނޑުޖަހާ ހަމަޖެހިލައިފައެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ނިއުގެ ޑިފެންޑަރ އަޙްމަދު އަބްދުﷲ (ލިލީ) ނެގި ހުރަހެއް އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކަންޑޭލާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އޭގެ ފަސްވަރަކަށް މިނެޓުފަހުން ނިއުގެ އަލީ ފާސިރު (ސެންޓޭ) ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ 0-2 އަށް ބަދަލުކޮށްލާފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުގެ ބިދޭސީ ފޯވާޑް ކިޕްސަން ވަނީ ގާތް ގާތު ދެލަނޑު ކާމިޔާބުކޮށް ނިއުއަށް 0-4 ގެ ލީޑެއް ނަގާދީފައެވެ. ކިޕްސަންގެ ފުރަތަމަ ލަނޑަކީ ކަންޑޭލާ ދުއްވާލި ހިތްގައިމު ޕާހަކުން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ދެވަނަހާފުގައި ފެހެންދޫ ކުޅުންތެރިންގެ ކިބައިން ވަރުބަލިކަން ފެނިގެންދިޔައެވެ. މީގެ ފައިދާ ނަގާ ނިއުއިންވަނީ ދެވަނަ ހާފުގައި 7 ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މެޗުގެ ފަސްވަނަ ގޯލު ލިލީ ނަގައިދިން ހުރަހަކުން ސެންޓޭ ކާމިޔާބު ކުރި އިރު، ހަވަނަ ގޯލަކީ ހަމްޒާ މުޙައްމަދު (ހަމްޕު) އަށް ފެހެންދޫ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ 74 ވަނަ މިނެޓުގައި ސެންޓޭވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. މިއީ ސެންޓޭ ލީގުގައި ކާމިޔާބު ކުރި 7 ވަނަ ލަނޑެވެ. އަދި މުޅި ސީޒަނުގައި އެނާ ކާމިޔާބު ކުރި 22 ވަނަ ލަނޑެވެ. މީގެއިތުރުން، ތަފާތު ތިން ސީޒަނެއްގައި ނިއުއަށް އޭނާ ކާމިޔާބު ކޮށްދިން ޖުމްލަ 101 ވަނަ ގޯލެވެ.

މެޗުގެ 8 ވަނަ ލަނޑު ސެންޓޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުން މުޙައްމަދު އުމައިރު ކާމިޔާބު ކުރިއިރު، ފަހު ތިން ގޯލު ކާމިޔާބު ކޮށްފައި ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް ރިހާމް އަބްދުލްޤަނީ (ބޮބީ) އާއި، ހަސަން އަދުހަމް (ސަޑޭ) އާއި އިބްރާހީމް އަތީޤް އެވެ.

މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ނިއު އޮތީ އެއްވަނައިގައި އޮތް ޓީސީއަށް ވުރެއް 2 ޕޮއިންޓު ފަހަތުން 13 ޕޮއިންޓާއެކު ޓޭބަލްގެ 2 ވަނައިގައެވެ.