ކުރިއަށް މިއޮތް ފަސް އަހަރުގެ ތެރޭ ސާޅީސް ހާސް ވަޒީފާ އުފައްދަން މަސައްކަތްކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.
މަންދު ކޮލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިސަރުކާރުން 96 ހާސް ވަޒީފާ ނުއުފެއްދިދާނެ ކަމަށެވެ.
ނަމަވެސް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ ސާޅީސް ހާސް ވަޒީފާ އުފައްދަން މަސައްކަތް ކުރައްވާނެ ކަމަަށާއި އެކަމަށްޓަކައި ވަރަށްގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ ވަޒީފާ އުފެއްދުމުގައި ރާއްޖޭގައި ހުރި ޕްރައިވެޓް ކޮލެޖުތަކުގެ އެހީތެރިކަން ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
''އަޅުގަނޑުމެން އައިޑެންޓިފައިކުރާ ދާއިރާތަކަކުން ޕްރައިވެޓް ކޮލެޖުތަކުގެ ހަޔަރ އެޑިއުކޭޝަންގެ ބައިގެ އިތުރުން ޓެކްނިކަލް ދާއިރާއިން ތަމްރީނު ލިބިގެން އިންޑަސްޓްރީއަށް ނެރެން ބޭނުންވާ ބައިވަރު ދާއިރާތައް އެބަހުރި. ޕްރައިވެޓް ކޮލެޖުތަކުގެ އެހީތެރިކަން އެކަމަށް ވަރަށް ބޮޑަށް ސަރުކާރަށް ބޭނުންވޭ.'' މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބިދޭސީން ވަޒީފާތަކަށް ރާއްޖެ ނުގެނައުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށާއި އިގުތިސާދީ ގޮތުން ރާއްޖެ ކުރިއަށްދާނަމަ ވަޒީފާތަކަށް ބިދޭސީންވެސް އަންނާނެ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ އުންމީދަކީ ރާއްޖޭގެ އިގުތިސާދު ފުޅާވެ، ދިވެހީންނަށް ގިނަ ވަޒީފާތައް ފަހިވެގެން ދިއުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.