ދިރާގު

ދިރާގުން ހުޅުވާލި ރަނުގެ ފުރުސަތު، 30 މީހަކަށް 30 ގައުމަކަށް ދިއުމުގެ ފުރުސަތު

ދިރާގުގެ 30 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ނަސީބުވެރި 30 މީހަކަށް ބޭނުން 30 މަންޒިލަކަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުގެ ޕްރީޕެއިޑާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އޮޓަމެޓިކުން ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި 15 މީހަކު ހޮވައި އިނާމު ދޭނެއެވެ. އެ 15 މީހުންނަށް އިތުރު މީހަކާއެކު 30 ގައުމެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. އެ ޕްރޮމޯޝަންގެ ގުރުއަތުލުމުގައި ބައިވެރިވުމަށް ކަސްޓަމަރުން ވަކި ހާއްސަ ކަމެއް ކުރާކަށް ނުޖެހެއެވެ.

"އެނިވާސަރީ ގިވް އަވޭ، 30 ޕީޕަލް 30 ޑެސްޓިނޭޝަން"ގެ ނަމުގައި ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި ދެކޮޅު ޓިކެޓާއި ފަސްދުވަހުގެ ހުރުމާއި ޓްރެވަލް އިންޝުއަރެންސް އަދި ޗުއްޓީ ހޭދަކުރާ ގައުމެއްގައި ހޭދަކުރުމަށް 500 އެމެރިކާ ޑޮލަރު ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ. ދިރާގުގެ އެ ޕްރޮމޯޝަން ކުރިއަށް ގެންދަނީ 15 ހަފުތާއަށެވެ. އެ ޕްރޮމޯޝަންގެ މުއްދަތުގައި ކޮންމެ ހަފުތާއަކު ގުރުނަގައި މީހަކު ހޮވާނެއެވެ.

އެ ޕްރޮމޯޝަންގެ ތެރެއިން ދެވޭ ގައުމުތައް:

  • ސިންގަޕޫރު
  • ބެންކޮކް
  • އިޓަލީގެ ރޯމް
  • ވިއެޓްނާމް
  • ޖަރުމަންވިލާތުގެ ބާލިން
  • ދެކުނު ކޮރެއާގެ ސޯލް
  • މެލޭޝިއާ
  • ޖަޕާނުގެ ޖުކަކޮއާ
  • ސުވިޒަލެންޑްގެ ޒިއުރިކް
  • މެލޭޝިއާގެ ކުއަލަލަމްޕޫރު
  • ޗައިނާގެ ޝެންގްޒެން
  • މިސްރުގެ ކައިރޯ
  • ތައިލޭންޑުގެ ޕުކެޓް
  • ތުރުކީގެ އިސްތަންބޫލް
  • ޖަޕާނުގެ ޓޯކިއޯ
  • ވިއެޓްނާމްގެ އަހޯއީ
  • ހޮންކޮންގް
  • ޗައިނާގެ ބެއިޖިން
  • ޖޯޑަންގެ އަންމާން
  • އިނގިރޭސިވިލާތުގެ ލަންޑަން
  • މެލޭޝިއާގެ ކޮންތާ ކިނަބޫލާ
  • ބާލީ
  • ލާއޯސް
  • ހޮލެންޑުގެ އެމްސްޓަޑަމް
  • ކެމްބޯޑިއާގެ ޕެންޕެން
  • ދުބާއީ


ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ސޯޝަލް މީޑިއާގައި ވެސް ވަނީ ޕްރޮމޯޝަނެއް ފަށައިފައެވެ. އެގޮތުން ދިރާގު ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމްގައި ދިރާގުގެ އަހަރީ ދުވަހުގެ ޕްރޮމޯ ޕޯސްޓަށް، ފޭސްބުކްގައި ނަމަ "ހާރޓް ރިއެކްޓް"، ޓުވިޓާގައި ނަމަ "ފެވަރިޓް" އަދި އިންސްޓަގްރާމްގައި ނަމަ "ލައިކް"އެއް ދިނުމުން ނަސީބުވެރި 30 ފަރާތަކަށް ގޫގްލް މިނި ހޯމް އެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ދިރާގުގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް 1 ޖީބީ ޑޭޓާ މުޅިން ހިލޭ ދިނުމަށް ވެސް ވަނީ ނިންމައިފައެވެ. އެ ޑޭޓާ ޕެކޭޖް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ވެސް ހޯދެއެވެ. އެސްއެމްއެސް މެދުވެރިކޮށް އެ ޑޭޓާ ޕެކް އެކްޓިވޭޓް ކުރުމަށް އެސްއެމްއެސް ފޮނުވަން ޖެހެނީ “ADD D1GB” ޖެހުމަށްފަހު 343 އަށެވެ. އެ ޑޭޓާ ޕެކް މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެއެވެ. އަދި އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ބޭނުން އެ ޑޭޓާ ޕެކް ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

އޭގެ އިތުރުން އަހަރީ ދުވަހުގެ މުނާސަބަތުގައި، ދިރާގުގެ ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މިމަހު %30 އިތުރު ޑޭޓާ ހަދިޔާ ކުރަން ވަނީ ނިންމައިފައެވެ. އަހަރީ ދުވަހުގެ ހަދިޔާތަކާއި ޕްރޮމޯޝަން ތަކަކީ، ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ދޭ ހަދިޔާތަކެއް ކަމަށާއި އެއީ ދިރާގާއެކު ކަސްޓަމަރުން ތިބުމުން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވޭ ހަދިޔާތަކެއް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ 30 ވަނަ އަހަރީ ދުވަހާ ގުޅިގެން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުގެ 30 އަހަރުގެ ދިގު ހިދުމަތުގައި ކަސްޓަމަރުންނާއި ޕާޓްނަރުން ކުރާ އިތުބާރަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށާއި ދިވެހި ރާއްޖެއަށާއި ދިވެހި މުޖްތަމައަށް ޑިޖިޓަލް މުވާސަލާތީ ހިދުމަތުގެ ތެރެއިން އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަކީ ނުހަނު އުފަލާއެކު ކުރަމުން އަންނަ ގައުމީ މަސައްކަތެއް ކަމަށެވެ.

"ދިރާގުގެ މި 30 އަހަރުގެ ކާމިޔާބީގެ ފަހަތުގައި ވަނީ އަޅުގަނޑުމެންގެ ހީވާގި އަދި މަސައްކަތްތެރި މުވައްޒަފުން ކަން ކަށަވަރު. އެހެންކަމުން މި ފުރުސަތުގައި ދިރާގަށް މަސައްކަތްކޮށްދެއްވި އަދި މަސައްކަތް ކުރައްވަމުންގެންދާ ހުރިހާ މުވައްޒަފުންނަށް ވެސް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް އަޅާލައި، އިތުބާރު ހިފޭ، ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ހިދުމަތެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮތުން،" ސީއީއޯ ވިދާޅުވިއެވެ.

ދިރާގުގެ 30 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންނަށް ވަނީ ދިރާގު ހެޑް އޮފީހުގައި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ދިރާގުގެ ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި ވަރަށް ފޯރިގަދަ ހަރަކާތްތަކެއް ކުލަގަދަ ގޮތެއްގައި ބާއްވައިފައެވެ.