ރައީސް ނަޝީދު

މި ފަސް އަހަރުގެ ތެރޭގައި ހިންނަވަރުގައި 10،000 މީހުން ދިރިއުޅޭ ތަން ބަލާނަން: ނަޝީދު

ހިންނަވަރުގެ އާބާދީ ބޮޑުކޮށް، މި ފަސް އަހަރުގެ ތެރޭގައި އެ ރަށުގައި 10،000 މީހުން ދިރިއުޅޭ ތަން ބަލާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޅ. ހިންނަވަރުގައި މިރޭ ބޭއްވި ހިންނަވަރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ޖީހާން މަހުމޫދުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފެލިވަރާއި މަޑިވަރު އަދި ނައިފަރު ގުޅުވާލުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި މި ފަސް އަހަރުގެ ތެރޭގައި އެ އަމާޒު ކާމިޔާބުވެގެންދާނެ ކަމަށެވެ.

"މި ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރުސަތާއި އަދި ހިންނަވަރުގެ އާބާދީ ބޮޑުކޮށް، މިތަނުގައި 10000 މީހުންނަށް ކުރިއަށް މިއޮތް ފަސް އަހަރު ދިރިއުޅޭތަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލާނަން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ހިންނަވަރުގެ ވެސް، ފާދިއްޕޮޅުގައި ވެސް ތަސައްވަރެއް އެބައޮތް. އަޅުގަނޑުމެން ބޭނުން ހިންނަވަރާއި ނައިފަރު ގުޅުވަން. އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް އެއީ ފެލިވަރާއި މަޑިވަރާއި އަދި ނައިފަރާއި އެތަނުން މަގެއްގައި މި ހުރިހާ ރަށް މިތަނުގައި ގުޅުވުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި އަމާޒު މި ފަސް އަހަރުގެ ތެރޭގައި ކާމިޔާބުވެގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހިންނަވަރުގައި 10،000 މީހުންގެ ދިރިއުޅުން އާރާސްތު ކުރުމަށް އިތުރު ކަމެއް ކުރާކަށް ނުޖެހޭ ކަމަށާއި ފާދިއްޕޮޅުގައި އިގުތިޞާދީ ހަރަކާތް އެބަ ހިނގާ ކަމަށެވެ. އަދި ދިމާވެގެން އުޅޭ ކަމަކީ ކޮންމެ ރިސޯޓަކީ ގައުމަކަށް ބަދަލުވެގެން ދިއުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅޭ ކަމަކީ މި ކޮންމެ ރިސޯޓަކީ ގައުމަކަށް ބަދަލުވެގެން ދިއުން. އޭގެން ކޮންމެ ތަނެއްގައި ވަޑާންގެ އެބަހުރި. އޭގެން ކޮންމެ ތަނެއްގައި އިންޖީނުގެ އެބަހުރޭ. އޭގެން ކޮންމެ ތަނެއްގައި ވޯކްޝޮޕެއް އެބަހުރޭ. އޭގެން ކޮންމެ ތަނެއްގައި ރެސްޓޯރެންޓުތައް އެބަހުރޭ. މީގެން އެއްވެސް ކަމެއް މީހުން ދިރިއުޅޭ ރަށަކާ ގުޅިފައެއް ނުވޭ. ދުނިޔޭގައި މިކަން ހިނގާ ގޮތެއް ނޫން މިއީކީ. އެކަންކަން ދުނިޔޭގައި ވެސް، އެހެން ގައުމުތަކުގައި ވެސް ހިނގަމުން މިއަންނަ އުސޫލުގައި ދިވެހިރާއްޖޭގައި ވެސް ހިނގާންޖެހޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.