ވިޔަފާރި

ލިވިން އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އެލައިޑް

އަހުމަދު ޖައިޝަން

އަންނަ މަހު 7 އިން 9 އަށް ބޭއްވުމަށް ހަމަޖައްސައިފައިވާ "މޯލްޑިވްސް ލިވިން އެކްސްޕޯ 2019"ގެ މެއިން ސްޕޮންސަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފި އެވެ.

ލިވިން އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފެވެ. އަދި އެ އިވެންޓު އިންތިޒާމުކުރާ ހައިރައިޒްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝާމިންއެވެ.

އެ ރަސްމިއްޔާތުގައި ލިވިން އެކްސްޕޯގެ ކޯ ސްޕޮންސަރުންގެ ގޮތުގައިވެސް ވަނީ ދެ ކުންފުންޏެއް ހަމަޖައްސާފައެވެ. އެގޮތުން އެ އިވެންޓުގެ ކޯ ސްޕޮންސަރުންނަކީ ލަގްޒަރީ އެޕާޓްމެންޓް ކުންފުނި އަކުއާ ވީޓާ ރެޒިޑެންސް އާއި ލަންކާގެ ލަގްޒަރީ ޕްރޮޕަޓީ ކުންފުންޏެއް ކަމަށްވާ އޯލްޓެއާ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނިއުޝާދު ވިދާޅުވީ އެކްސްޕޯއަށް ޒިޔާރާތް ފަރާތްތަކަށް އެލައިޑުގެ ފަރާތުން އިންޝިއުރެންސާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެ އިވެންޓަކީ އަންނަ މަހުގައި ބާއްވާ އެންމެ ބޮޑު އިވެންޓު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ އިވެންޓުގައި ހަރަކާތްތެރިވާނެ ޕާޓްނަރުންނާއެކު ވެސް ވަނީ މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ އިވެންޓުގެ ޕާޓްނަރުންގެ ގޮތުގައި ސޮއިކޮށްފައިވަނީ މޮނާކް ޕްރިންޓިން އާއި ޕީއެސްއެމް އާއި އައިލެންޑް ޗީފް އާއި ހާފްކޯޓް މޯލްޑިވްސް އާއި ސަބްމޯ އާއި ޗަމްޕާ ސެންޓްރަލް ހޮޓެލް ހިމެނެއެވެ.

ލިވިން އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.