ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ރިޔާސީ ކޮމިޝަނުން ބަލަން ފަށައިފި އެވެ.
ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިވެގެން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
އަދި އެ ކޮމިޝަނުގެ ތަހުގީގަށް ބޭނުން ހިފޭނެ ލިޔެކިއުމާއި މައުލޫމާތު ހުރި ނަމަ އެ ހިއްސާ ކުރުމަށް އެ ކޮމިޝަނުން ވަނީ މިއަދު ބުނެފައެވެ.
ކޮރަޕްޝަން ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ޖެނުއަރީ 2012 އިން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރު 17ގެ ނިޔަލަށް ދައުލަތުގެ ނުފޫޒު ބޭނުންކޮށްގެން ވެފައިވާ ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރާނެއެވެ. އަދި އޭގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރިވެގެން ތަހުގީގުކޮށްފައި ނުވާ މައްސަލަތައްވެސް ބަލާނެއެވެ.
ކޮމިޝަނުން ވަނީ އެފަދަ މައްސަލައް އަންނަ މަހުގެ 24ގެ ނިޔަލަށް ހުށަހެޅުމަށް އެދިފައެވެ.