ރަޝިއާގެ އެންމެ އުސް އިމާރާތް 2024 ގައި ހުޅުވާން ނިންމައިފި އެވެ.
މި އިމާރާތުގެ އުސްމިނުގައި 404 މީޓަރު ނުވަތަ 1325 ފޫޓު ހުރެ އެވެ. ރަޝިޔާގެ އިގްތިސާދީ މައި ރަށް މޮސްކޯ ސިޓީގައި އިމާރާތް ކުރުމަށް ނިންމާފައިވާ މިއިމާރާތުގެ ޑިޒައިން މަސައްކަތް މިއަހަރުގެ ނޮވެމްބަރ މަހަށް ނިމޭނެ އެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތް 2019 ވަނަ އަހަރު ފަށަން ވަނީ ނިންމާފައެވެ.
ރަޝިޔާގައި މިހާރު ހުރި އެންމެ އުސް އިމާރާތުގެ އުސްމިނަކީ 373 މީޓަރެވެ.
އަލަށް އިމާރާތް ކުރާ އިމާރާތް ދެބަޔަކަށް ބެހިގެން ދާއިރު ފުޅާމިނުގައި 32 މީޓަރު ހުންނަ 12 ބުރީގެ އިމާރާތުގައި ޝޮޕިންގ ސެންޓަރަކާއި އޮފީސްތައް ހިންގާނެ ބައެއްގެ އިތުރުން އެހެނިހެން ވިޔަފާރި ބޭނުންތަކަށް ހާއްސަ ބައެއް ހުރެއެވެ.
ދެވަނަ ބައިގައި 104 ބުރީގެ އެޕާޓްމަންޓްތަކެއް ހުންނައިރު އެންމެ މަތީބުރީގައި ހެލިޕޭޑެއް ހުންނާނެ ކަމަށް ޑިޒައިނަރުން މައުލޫމާތު ދެއެވެ. މޮސްކޯގެ ހިތްގައިމު މޮސްކްވާ ކޯރު ކުރިމައްޗަށް ވާގޮތަށް އިމާރާތްކުރާ މި އިމާރާތުން މުޅި މޮސްކޯގެ މަލަމަތި ބަދަލުކޮށްލާނެއެވެ.
ޔޫރަޕްގެ އެންމެ އުސް 10 ޓަވަރުގެ ތެރެއިން ފަސް ޓަވަރު މޮސްކޯގައި ހުންނަ އިރު މިސިޓީއަކީ އިމާރާތް ކުރުމުގެ ރޮނގުން ބޮޑެތި ކާމިޔާބުތަކެއް ހޯދަމުން އަންނަ ސިޓީއެކެވެ.