ކުޅިވަރު

ނޭމާގެ ދެ ގޯލާއެކު ޕީއެސްޖީ މޮޅުވެއްޖެ

ފްރާންސް ލީގުގައި ރޭ ނީސްގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދައި ތާވަލުގައި ނުވަ ޕޮއިންޓުގެ ލީޑެއް ޕީއެސްޖީ އިން ނަގައިފިއެވެ.

ނީސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީ އިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ޕީއެސްޖީގެ ތަރި ނޭމާ ޖޫނިއާރ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ބޯޅަ ނީސްގެ ގޯލުގެ ތިރީ ދުރު ކަނަށް އަމާޒުކޮށްލައިގެންނެވެ.

އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 46 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ކްރިސްޓޮފާރ އެންކޫކޫއެވެ. އޭނާ އެ ލަނޑުޖެހީ ކިލިއަން އެމްބާޕޭ ނީސްގެ ގޯލްކީޕަރު ކައިރިން ނައްޓާލުމަށްފަހު ގޯލަށްޖެހި ބޯޅަ ނީސްގެ ޑިފެންޑަރު ގައިގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އެ މެޗުގައި ނީސްއަށް އިތުރު ހިތްދަތިކަމެއް ލިބުނީ އެޓީމުގެ މިޑްފީލްޑަރު ވީލާން ސިޕްރިއެން އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. ޕީއެސްޖީ އިން ޖެހި ތިންވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ އެންމެ ފަހު ވަގުތުގައެވެ. އެމްބާޕޭ މުޅިން ހުސްކޮށްލާފައި ދިން ޕާހަކުން ނޭމާ ވަނީ ހުސް ގޯލަކަށް ބޯޅަ ވައްދާލާފައެވެ. މިއީ ލީގުގައި ނޭމާ ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ.

އެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޕީއެސްޖީ އޮތީ ކުޅުނު އަށް މެޗުން ވެސް މޮޅުވެ 24 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. 15 ޕޮއިންޓާއެކު ދެވަނަގައި އޮތީ މޮންޓްޕެލިއޭއެވެ. ތިންވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ސެއިންޓް އެޓިއެން އޮތްއިރު ލިޔޯން އޮތީ 14 ޕޮއިންޓާއެކު ޓޭބަލްގެ ހަތަރު ވަނައިގައެވެ.