ކުޅިވަރު

ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ޔުވެންޓަސް އެއްވަނައިގައި ހަމަޖެހިލައިފި

އިޓަލިއަން ސެރީއާގައި ފަހަތުން އަރާ ނަޕޯލީ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ހަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ 10 ވަނަ މިނެޓުގައި ނަޕޯލީގެ ބެލްޖިއަމް ފޯވާޑް ޑްރައިސް މާޓެންސް އެޓީމަށް ލީޑު ނަގައިދިނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސްގެ ކްރޮއޭޝިއާ ފޯވާޑް މާރިއޯ މަންޒުކިޗް ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މަންޒުކިޗް މި ލަނޑު ކާމިޔާބުކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނައިރެއްނުވެ، މަންޒުކިޗް ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ ޔުވެންޓަސް ކޮޅަށް އަނބުރާލާފައެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އޭރިއާ ބޭރުން ފޮނުވާލި ބާރުބޯޅަ ނަޕޯލީގެ ގޯލްކީޕަރު އަތުގައިޖެހި ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ނިކުތްވަގުތު މަންޒުކިޗް ވަނީ އެއްފަހަރުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. ޔުވެންޓަސް ލީޑު ނެގުމާއެކު ނަޕޯލީން މެޗުގެ ނަތިޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިއައެވެ. ނަމަވެސް، ނަޕޯލީގެ މަސައްކަތަށް ހުރަސް އެޅުނީ މެޗުގެ 58 ވަނަ މިނެޓުގައި އެޓީމުގެ ޕޯޗުގަލް ޑިފެންޑަރ މާރިއޯރުއި ކުރި ފައުލަކާ ގުޅިގެން ރެފްރީ އޭނާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

ނަޕޯލީ އެކަކު މަދުކޮށް ކުޅުމުގެ ފައިދާ ނަގާ ޔުވެންޓަސްގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ތިން ޕޮއިންޓު ކަށަވަރު ކޮށްދީފައެވެ. ބޮނޫޗީގެ ލަނޑަކީ އެޓީމުން ނެގި ކޯނަރެއް ރޮނާލްޑޯ ބޮލުން ޖެހިވަގުތު ގޯލުގެ ދުރުކަނަށް އަރާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މިއީ ލީގުގައި ޔުވެންޓަސް ކުޅުނު ހަތް މެޗުގައި ރޮނާލްޑޯ ހެދި ހަތަރުވަނަ އެސިސްޓެވެ. އޭނާވަނީ މިހާތަނަށް ލީގުގައި ތިން ގޯލުވެސް ކާމިޔާބުކޮށްފައެވެ.

ޓޭބަލްގެ އެއްވަނައިގައި ޔުވެންޓަސް އޮތީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑަކާއެކު 21 ޕޮއިންޓު ހޯދައިގެންނެވެ. ނަޕޯލީ އޮތީ ޓޭބަލްގެ ދެވަނައިގައި 15 ޕޮއިންޓާއެކުއެވެ.