ޚަބަރު

42 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވެއްޖެ

މުހައްމަދު އައުޒަމް

މާލެއިން ފުރައިގެން އދ. ދިގުރަށަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވެއްޖެއެވެ.

އެ ހާދިސާ ހިނގި އިރު، އެ ލޯންޗުގައި ތިބީ 42 މީހުންނެވެ. އޭގެ ތެރޭގައި 14 އަންހެނުންނާއި ހަތަރު ކުޑަކުދިން ހިމެނޭ ކަމަށާއި އެ ލޯންޗުގައި ދިވެހިންގެ އިތުރުން ބިދޭސީން ވެސް ތިބި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ "ފާޒް 5" ލޯންޗު އދ. މަހިބަދޫގެ ދިހަ މޭލު ބޭރުން ދިޔަވަމުންދާ ކަމުގެ ރިޕޯޓު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހަވީރު 5:37 ހާއިރު ކަމަށާއި މިހާރު އެ ސަރަހައްދުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓުގާޑް ސްކޮޑްރޮން އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ދިޔަވަމުންދިޔަ ލޯންޗުގައި ތިބީ މީހުން މަހިބަދޫ ސީ އެމްބިއުލާންސާއި ޕޮލިސް ލޯންޗެއް އަދި މަހިބަދޫގެ ލޯންޗަކަށް ނަގާފައިވާ ކަމަށާއި މިހާރު އެ މީހުން އދ. ދަނގެއްޗަށް ގެންދިއުމަށް ދަތުރުކުރަމުންދާ ކަމަށާއި ދިޔަވަމުންދިޔަ ލޯންޗުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.